އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންފުށީ ކައުންސިލަރުންނާ ނައިބް ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި

ފެންފުށީ ކައުންސިލަރުންނާ ނައިބް ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ބޮޑެތި ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން، ކައުންސިލާއި ރައްޔިތުންގެ ފަރާތުންހުރި ކަންބޮޑުވުންތައް ނައިބު ފައިޞަލް ނަސީމް ޙިއްޞާކުރައްވާފައެވެ.

އެގޮތުން ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދިއުމާއި ގެސްޓްހައުސް ވިޔަފާރިއަށް ކައުންސިލުން ކަނޑައަޅާފައިވާ ބިން ހަމަނުޖެހި އޮތުމާއި، ފެނުގެ މަޝްރޫޢާއި ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ އަދި ސްކޫލާއި ހެލްތު ސެންޓަރުގެ ތަރައްޤީއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަރުން ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުންވެސް ރަށުގެ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ބައެއް މަސައްކަތްތަކާގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލަރުން ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއާ ގުޅިފައިވާ ބައެއް ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަމަށް އަވަސް ޙައްލެއް ގެނަސްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި ބައްދަލުވުމުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ނައިބު ފައިޞަލް ނަސީމް ވިދާޅުވިއެވެ. މީގެއިތުރުން، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ވަކިރަށެއް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލަރުންނަށް އެރުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ