އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު
މަރުވެ ވަޅުލެވުމުން ކައްވަޅު އެމީހަކާއި ވާހަކަދައްކައެވެ. އެމީހަކު ދުނިޔޭގައި އުޅުނު ގޮތެއްގެ މައްޗަށެވެ. ޖައްބާރެއްގެ ގޮތުގައި ދުނިޔޭގައި އުޅެފައި ދާ މީހުންނާއި މުޢާމަލާތުކުރާނީ ހަރުކަށިކޮންނެވެ. ބިރުވެރި ގޮތުގައެވެ. ކައްވަޅުގައި ލިބޭ ޢަޛާބުވެސް ހަމަ އެހައިމެ ހަރުކަށިވާނެއެވެ.
ކައްވަޅުގައި ލިބޭ ޢަޛާބުގެ އަޑު، އެމީހާ ރޯ ރުއިމުގެ އަޑު ދުނިޔޭގައި އުޅޭ ޖަނަވާރުތަކަށްވެސް އިވެއެވެ. އެއަޑުތައް ނުއިވެނީ އިންސާނުންނަށެވެ. އިންސާނުންނަށް އެކަންކަން އެނގުން މިވަނީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކުންނާއި ކީރިތި ޤްރުއާނުންނެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަންކަމާއިމެދު ވިސްނައި ކައްވަޅުގެ ޢަޛާބަށް ހޭލުންތެރިވުމެވެ. ޢަޛާބު ނުލިބޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ.
މުސްލިމަކު މަރުވެއްޖެ ނަމަ ވަޅުލަންވާނީ ޞާލިޙުންނާއިއެކުގައެވެ. މުސްލިމުން ވަޅުލާ ޤަބުރުސްތާނެއްގައެވެ. ރަސޫލް (ޞޢވ) ވަނީ އެކަމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި އެއީ ނުބައި މީހަކާއި ގާތުގައި ވަޅުލެވިއްޖެ ނަމަ އޭނާގެ އުނދަގޫތައް ކައްވަޅުގައި ފޯރާނެތީއެވެ.
މަރުވުމުން ވެސް މީހުންނަށް އުނދަގޫ ކުރެވޭނެތޯ ޞަހާބީން ސުވާލުކުރެއްވެވުމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ ދުނިޔޭގައި އަވަށްޓެރިންގެ އުނދަގޫ ފޯރާ ފަދައިން ކައްވަޅުގައިވެސް ފޯރާނެ ކަމަށެވެ.
މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލެވެން ނެތިއްޖެ ނަމަ ވަޅުލެވެން އޮތް ތަނެއްގައި ވަޅުލާށެވެ! އަދި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!
(މިކަމުން އެނގިގެންދަނީ މުސްލިމުން ވަޅުލާ ޤަބުރުސްތާނެއްގައި ކާފަރުން ވަޅުލައިގެން ނުވާނެކަމެވެ.)
ހެޔޮ ލަފާ މީހުން ނުވަތަ ތަޤްވާވެރިން މަރުވުމުން މަރުވެފައިތިބި އެހެން މީހުންނަށް ޒިޔާރަތްކުރާނެ ކަންވެސް އެނގެން އެބައޮތެވެ. ކަފުން ކުރާއިރު ރިވެތި ގޮތުގައި ކަފުން ކުރުމަށް ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ.
ކަންކަން މިފަދައިން ހުރިނަމަވެސް ބަރުޒަޚުގެ ޢާލަމާއިމެދު ގިނަ ބައަކު މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. އެންމެންވެސް މަރުވަމުންދާތީ މަރުވާނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ބަރުޒަޚުގެ ޢާލަމުގައި ކަންކަން ހިނގާނެ ގޮތާއިމެދު ބިރުވެތިވަނީ ވަރަށް މަދު މީހެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
13 އޮގަސްޓް 2019