އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާދޫގައި މަގޭ ޢީދު! އުފާވެރި އަދި އެހާމެ ހިތްގައިމު ތަޖުރިބާއެއް!

ހިތާދޫގައި މަގޭ ޢީދު! އުފާވެރި އަދި އެހާމެ ހިތްގައިމު ތަޖުރިބާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 15 މިނެޓް, 12 ސިކުންތު

ނިމިގެންދިޔަ ބަރަކާތްތެރި އަޞްޙާ ޢީދުގައި، ޢީދު ފާހަގަ ކުރުމަށް އަޅުގަނޑު ދަތުރުކުރީ ބ. ހިތާދޫ އަށެވެ. މާލޭގެ ހަލަބޮލި މާޙައުލުގައި އުޅުމަށްފަހު އަތޮޅުތެރޭގެ ރަށަކަށް ޢީދު ފާހަގަ ކުރުމަށް ދިޔުން އަޅުގަނޑަށްވީ ލިބުނު ނިޢުމަތަކަށެވެ. އެގޮތުން މިޢީދު ބަންދުގައި އެރަށުގައި ކުރެވުނު ތަޖުރިބާ ކުރުގޮތަކަށް ކިޔައިދޭނަމެވެ.

 

         

 

އެރަށުގައި އެންމެ ފުރަތަމަ ފައިތިލަ ބީއްސުމަށްފަހު ބަލާލެވުނީ ވަށައިގެން ފެނުނު ފެހިކަންގަދަ މާހައުލަށެވެ. ހެދިފައިވާ ގިނަ ގަސްތަކާއި، ގަސްތައްދަށުގައި އެލުވާވާފައިހުރި އުނދޯލިތަކުން އެރަށުގެ ހިތްގައިމުކަން އެވަގުތުވެސް ހިތައް ވެރިވެގެން ދިޔައެވެ. މީގެއިތުރުން އެންމެ ފާހަގަ ވެގެން ދިޔައީ އެރަށުގެ މަގުތަކުގެ ސާފުތާހިރުކަމެވެ. ކުނިކޮޅެއްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ.

 

          

 

ހިތާދޫއަށް ދިޔައީ ޙައްޖު ދުވަހުގައި ކަމުން، އެދުވަހު އެރަށުގައި މާބޮޑު ކަމެއްނެތެވެ. ވެފައިހުރި ދަތުރުވަރުބަލި ކަމުން ވެސް މާބޮޑު ކަމަކާއި އެދުވަހަކު ނުއުޅެވުނެވެ. ނަމަވެސް އެރޭ އެރަށުގައި "ޢީދު ހުޅު" ރޯ ކުރުން އޮތެވެ.

 

          

 

ޢީދު ދުވަހުގެ ފަތިސް ނަމާދަށް ފަހު ގަޑިން ގާތްގަނޑަށް 5:30 ހާއިރެވެ. ކޮޓަރި ތެރޭގައި ހުއްޓާ ގަދަ އަޑުތަކެއް އިވެން ފެށުމުން ސިއްސައިގެން ދިޔައެވެ. ގޭގައި އުޅޭ މަންމަ ގޮވާލިއެވެ. "ޢީދުބެ އަރަނީ! ޢީދުބެ އަރަނީ! އަވަހަށް ހިނގާ ޢީދުބެ ބަލަން!" ޢީދުބެ އޭ ބުނުމުން އެއީ ކޯޗެއްތޯ ބަލަން ވަރަށް ދާ ހިތުން އަވަހަށް ގޭގެ ދޮރުމައްޗަށް ނިކުތީމެވެ. ފެނުނީ ފަނުން ހަދާފައި، އިސްކޮޅުގައި ގާތްގަނޑަކަށް ހަތް ފޫޓުހުރި، އަދި ރަތް ކުލައިގެ ދެ ލޯ ލާފައިހުރި ބޮޑުބޮޑު އެއްޗެކެވެ. އޭގެ ތެރޭގައި މީހަކު ނުވަތަ މީހުންތަކެއް ވާނެކަން އަޅުގަނޑަށް އެނގުން ނަމަވެސް، "ޢީދުބެ" ހެދުމަށް ރަށުގެ ރައްޔިތުން ކޮށްފައިވާ ބުރަ މަސައްކަތައް ސަނާ ކިޔާވަރުވެއެވެ.

އެއަށްފަހު ދެން އޮތީ ޢީދު ނަމާދެވެ. ރަށުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ޢީދު ނަމާދަށް ދިޔައެވެ. ޢީދު ނަމާދަށް ދިޔައިރުއާއި އޭގެ ފަހުން ވެސް ފާހަގަ ކޮށްލެވުނު އެއްކަމަކީ، އެރަށުގެ ރައްޔިތުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާއި އޯގާތެރިކަމެވެ. އެކަކު އަނެކަކާއި ހިނިތުންވުމަކާއެކު މުޙާތަބް ކުރާއިރު، އިޙުސާސް ވެގެންދިޔައީ އެއީ ވަކިވަކި ގެތަކެއްގައި ދިރިއުޅޭ އެއް އާއިލާއެއްގެ ބައެއް ކަމެވެ. ޢީދު ނަމާދު ނިމުމުން ގިނަ މީހުން ދިޔައީ ހިތާދޫ ސްކޫލަށެވެ. ކިޔަވާކަށް ނޫނެވެ. ޖަމާޢަތުގައި "ޢީދު ސައި" ބުއިމަށެވެ. މިއީ ވެސް އެރަށު ރައްޔިތުން އެކަކު އަނެކަކާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން އެރަށުގައި ބާއްވާފައިވާ އުފާވެރި ހަރަކާތެކެވެ.

 

      

 

ޢަޞްޙާ ޢީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކުލަ ޖެހުމުގެ ސަޤާފަތް ގެންގުޅޭ މުނާސަބަތެއްކަމުން، ހިތާދޫގައި ވެސް އެކަން އޮންނާނެކަން އަޅުގަނޑަށް ވަނީ އެނގިފައެވެ. ނުދަންނަ މީހުން އަޅުގަނޑުގެ ގައިގައި ކުލަ ހޭކުމަކީ އަޅުގަނޑު ހިތްހަމަޖެހޭ ކަމަކަށް ނުވާތީއާއެކު، މެންދުރު ކައްކައިގެން ކެއުމަށްފަހު އަޅުގަނޑު އޮތީ ގޭތެރޭގައި ފިލައެވެ. ނަމަވެސް އެހެން އޮވެވުނީ އިރުކޮޅަކުއެވެ. ގޭގައި އުޅޭ ދައްތަ، ގަދަކަމުން އައިސް އަޅުގަނޑުގެ އަތުގައިހިފާ ބޭރަށް ލިއެވެ. ކުލަ ކުޅިވަރު އެހިސާބުން ފެށުނެވެ. ނަމަވެސް މިރަށުގައި ކުލަ ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ، އެކަމާއިމެދު ގިނަ މީހުން ނުރުހޭނަ ގޮތަކަށް ނޫނެވެ. އަންހެނުން އަންހެނުން ގަޔަށް ކުލަ ޖެހިއިރު، ފިރިހެނުން ފިރިހެނުން ގަޔަށް، އަދި އެއް އާއިލާއެއްގެ ގާތްތިމާގެ މީހުން، އެއާއިލާއެއްގެ މީހުން ގަޔަށް ކުލަ ޖަހަމުން ދިޔައެވެ. ކިރިޔާވެސް އެމީހުން ނުދަންނަ މީހެއްކަމުގައިވަންޏާ، އެމީހަކާއި ނުބެހެއެވެ. ކުލަ ޖެހުމާއި ފެން ޖެހުން އެރަށުގައި ޢީދުގެ ތިން ދުވަހާއި އޭގެ އަނެއް ދުވަހު ވެސް އޮތެވެ.

ހިތާދޫ އަކީ ކޮންމެ އަޟްޙާ ޢީދެއްގައި ވެސް ފޯރިގަދަ ފުޓުބޯޅަ މެޗެއް ބާއްވާ ރަށެކެވެ. މިއީ ވެސް އެރަށުގެ ގިނަ ރައްޔިތުންނެއް އެއް ތަނަކަށް އެއްވާ ވަގުތުކޮޅެކެވެ. ޖޯޝާ ފޯރިއާއެކީ، އެބަޔަކު ތަރުހީބު ކުރާ ޓީމަކަށް ފުރިހަމައަށް ތަރުހީބު ދިނުމަށް ޙައްޖު ދުވަހުގެ ހަވީރާއި ޢީދުގެ ދެ ދުވަހުގެ ހަވީރު ދަނޑަށް އެއްވެއެވެ.

 

        

 

ފޯރިގަދަ ފުޓްބޯޅަ މެޗަށްފަހު ރަށުގެ ފަހަރަކު ގައަކަށް ކާން ދިޔުމަކީ ވެސް އެރަށުގެ އާދައެކެވެ. ބަދިގޭގައި ކާން ހަދާފައި ހުންނަ އިރު، ކޮންމެ މީހަކު ވެސް އެގެއަކަށް ވަދެ ކައިގެން ދާންވީއެވެ. މިއީ އެންމެންނަށް ވެސް ހުޅުވާލާފައި އޮންނަ ދައުވަތެއްކަމުން، އެގޮތަށް ގޭގެއަށް ގޮސް ކެއުމަކުން އެކަން މަނާކުރާ ބަޔަކު ނުތިބެއެވެ. އަދި އެކަމަށް ވަކި ހުއްދައެއް ވެސް ނަގާކަށް ނުޖެހެވެ.

ޢީދު ދުވަހުގެ ރޭ ދިވެހިންގެ ސަޤާފީ ހަރަކާތެއް ކަމަށްވާ ލަނގިރިޖެހުމާއި މާފަތި ނެށުން ވެސް ހިތާދޫގައި އޮތެވެ. މިހަރަކާތްތަކަކީ އޭގެ ދެދުވަސް ފަހުން ހަވީރު ގަޑީގައިވެސް ބޭއްވުނު ހަރަކާތެކެވެ.

 

       

 

ބައެއް މީހުން ދެކޭ ގޮތުގައި ޢީދުގައި ހިތާދޫގައި މާބޮޑު ކުޅިވަރުތަކެއް ނެތެވެ. ނަމަވެސް މިރަށަކީ އެމީހުން ބޭއްވި ކޮންމެ ކުޅިވަރެއްވެސް ނުވަތަ ހަރަކާތެއް ވެސް ނުހަނު ޖޯޝާ ފޯރީގައި ބޭއްވި ރަށެކެވެ.

 

        

 

އެގޮތުން ރަށުގެ ބައެއް އަންހެންވެރިން އިސް ނަގައިގެން، އަދި އެއާއިލާއެއްގެ ފިރިހެނުން ވެސް ޝާމިލު ކޮށްގެން ކުޅުނު އެއް ކުޅިވަރަކީ "ފަސް މުށި" ކުޅިވަރެވެ. މުށިގަނޑު ބޭނުން ކޮށްގެން ހަގީގަތުގައި ކުޅޭ މިކުޅިވަރު ކުޅުމަށް މިހާރު މުށި ނުލިބޭތީ، ހިތާދޫ ރައްޔިތުން ފަސް މުށި ކުޅުނީ އެޅިގައު ބޭނުން ކޮށްގެނެވެ. ނުހަނު ޖޯޝާއި ފޯރީގައެވެ.

 

         

 

މީގެއިތުރުން އެހެން ރަށްތަކެކޭވެސް އެއްފަދައިން ހިތާދޫ ގައި ވެސް ޢީދުގެ މުނާސަބަތުގައި "މާލި" ނެރުނެވެ. ނަމަވެސް އެއްވެސް ބަޔަކަށް ނުވަތަ ކަމަކަށް ފުރައްސާރަ ނުކޮށެވެ.

 

         

 

ބޮޑެތި މާލިތައް ނެރުމުގެ އިތުރުން، މިދިޔަ ބުދަ ދުވަހު ކުދި މާލިތަކެއް ވެސް ނެރުނެވެ. މާލިތައް ދަމުން ކުޅިބަލަން އެއްވެފަ ތިބޭ މީހުންގެ (ޚާއްސަކޮށް ކުދަކުދިންގެ) ގައިގައި ކުލަ ހާކަމުން ދިޔުމުން، މާލިދެކެ ބިރު ގަތުމުގެ ބަދަލުގައި އެންމެން ވެސް ވަނީ އުފަލެވެ.

 

        

 

އަޞްޙާ ޢީދުގެ މުނާސަބަތު ނިންމާލުމަށް، ޢީދު ދުވަހުގެ ފަތިހު ނެރުނު "ޢީދުބެ" ބުދަ ދުވަހުގެ ރޭ "ފުރުވާލުން" އޮތެވެ. ޢީދު ބެ ފުރުވާލުމަށް ވެސް ގިނަބަޔަކު އެއްވެ ތިއްބެވެ. މިއީ ހިތާދޫގައި ކޮންމެ އަހަރަކުވެސް ކަންކަންވަމުން އައި ގޮތް ކަމުގައިވިޔަސް، މިހުރިހާ ހަރަކާތެއްގައި ވެސް އެންމެން ބައިވެރިވެފައިވަނީ ނުހަނު އުފަލާއި، ޖޯޝާއި ފޯރީގައެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ.

ކޮންމެހެނަކަސް، ހިތާދޫގައި މިއަހަރުގެ އަޞްޙާ ޢީދު އަޅުގަނޑަށް ވަރަށް އުފާވެރިއެވެ. ގިނަ ކުޅިވަރުތަކަކާއި ޢީދު ޝޯތަކެއް ނެތްކަމުގައި ވިޔަސް، އެރަށުން ލިބުނު އޯގާތެރިކަމާއި، ފެނުނު އެކުވެރި މާއަހުލުގެ ސަބަބުން، އެހެން ހުރިހާ ޢީދުގެ މުނާސަބަތުތަކަކަށްވުރެ މިފަހަރުގެ ޢީދު އަޅުގަނޑަށް ވަރަށް ފުރިހަމައެވެ. އަޅުގަނޑާއިމެދު ބެހެއްޓި ގާތްކަމާއި އޯގާތެރިކަމަށް މިފުރުސަތުގަ ބ. ހިތާދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަމެވެ. ޚާއްސަކޮށް ވާރޭވިލާގޭގެ އެންމެހާ ރައްޔިތުންނަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ