އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަށާރަ އަހަރު ނުފުރޭ ކުޑަކުދިން ކައިވެނިކުރުން މަނާކޮށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވައިލަނީ

އަށާރަ އަހަރު ނުފުރޭ ކުޑަކުދިން ކައިވެނިކުރުން މަނާކޮށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވައިލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އަލުން އެކުލަވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ.

އެގޮތުން ބިލުގައި ކަނޑައަޅާފައިވާ ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކުގެ ތެރޭގައި، ތަފާތުނުކުރުމާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމާއި، އަޅާލުމާއި ޙިމާޔަތް ލިބުމާއި، އަނިޔާކުރުމާއި ގޯނާކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބުމާއި، މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ޙައްޤާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤާއި، ދުޅަހެޔޮ ޞިއްޙަތާއި ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤާއި، އުނގެނުމުގެ ޙައްޤާއި، ރަޙުމްކުޑަ ލާއިންސާނީ އަދަބު ނުދިނުމާއި، އަނިޔާއިން ރައްކާތެރިވުމާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުމުގެ ޙައްޤު ފަދަ ޙައްޤުތައް ހިމެނިފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ޢުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ޤާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ.

ސަރުކާރުން މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުދިން ވިހެއުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އަލުން އެކުލަވާލަން ސަރުކާރުން ނިންމަވާފައި ވަނީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ބައްޓަންކުރެވިފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ ފުޅާމިނުގައި ލިބިދެވޭ ފަދަ ގޮތަކަށް ކަމުގައި ނުވާތީއެވެ. އަދި، އެ މުޢާހަދާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް، ދިވެހިރާއްޖޭގައި ތަންފީޛުކުރުމަށްޓަކައި ކުޑަކުދިންނަށް ލިބިދެވޭނެ ޙައްޤުތައް މި ބިލުގައި ހިމަނާފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޢުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މައްޗަށް އެއްވެސް ކުށެއްގެ ޖިނާއީ ދަޢުވާއެއް ނުއުފުލޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ބަދަލުގައި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ރީހެބިލިޓޭޓް ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް ހަމަޖެއްސުމަށް ބިލުގައި ލާޒިމުކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ކުޑަކުދިންނާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައާއި، މިނިސްޓަރަށް ލަފާދޭ ފަރާތެއްގެ ގޮތުގައި، އުފައްދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް އުފެއްދުމަށް މި ބިލުގައި ހިމަނާފައިވެއެވެ. އަދި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިގަނޑު މަސްއޫލިއްޔަތު އަދާކުރަން މިނިސްޓަރުގެ ލަފާގެ މަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއެއް އުފައްދައި، އެ ސަރވިސްގެ ޒިންމާތައް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

އަދި، މި ބިލުގެ ދަށުން ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަރނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ ޢަދަދަކަށް ޤާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވެއެވެ.

މީގެއިތުރުންވެސް ޤާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމަށްޓަކައި، މިނިވަން މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް ޢައްޔަންކުރަންވާނެ ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ޤާއިމުކުރެވޭ އިދާރާއެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް