އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަނަވަސްކަން އިތުރުކުރަން ބޭނުންތަ؟ - މައިންބަފައިންނަށާ ޢާއިލާއަށް އެހީތެރިކަން އިތުރުކުރޭ!: ޝައިޚް ޙަމްޒާ ޔޫސުފް

ތަނަވަސްކަން އިތުރުކުރަން ބޭނުންތަ؟ - މައިންބަފައިންނަށާ ޢާއިލާއަށް އެހީތެރިކަން އިތުރުކުރޭ!: ޝައިޚް ޙަމްޒާ ޔޫސުފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ނިޢްމަތް މިންވަރު ކުރެއްވެވުމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނިޢްމަތަށް ޝުކުރުވެރިވުމެވެ. ނިޢްމަތަށް ޝުކުރުވެރިވުމުގެ އެންމެ މުހިންމު އެއްބައި ގިނަ އަބަކަށް އޮންނަނީ އޮޅިފައެވެ. އެކަމުގެ ނޭދެވޭ އަސަރު ގިނަ ބައަކަށް ކުރެއެވެ. ވީމާ އިތުރަށް ވިސްނައިލާށެވެ! 

އެއްވެސް ނިޢްމަތަކީ ދާއިމަށް ލިބިފައި އޮންނާނެ ކަމެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. ނިޢްމަތް ލިބުނު ފަދައިން ގެއްލެން ވެސް ގެއްލޭނެއެވެ. ނިޢްމަތް ލިބުމަށްފަހު ގެއްލިގެން ނުދާނީ ހަމައެކަނި ސުވަރުގޭގައެވެ. ދުނިޔެއަކީ ސުވަރުގެ އެއް ނޫނެވެ. ވީމާ ދުނިޔޭގައި ލިބޭ ނިޢްމަތްތައް ގެއްލޭނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. 

ނިޢްމަތެއް ލިބުމުން ޝުކުރުވެރިވުމުގެ މާނައިގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ޝުކުރުވެރިވާކަން ޢަމަލުން ދެއްކުމެވެ. މިސާލަކަށް ސަލާމަތް ޞިއްޙަތުގައި ހުންނައިރު ވީހައި ގިނައިން އަޅުކަންކުރުން، ތަނަވަސްކަން ލިބުމުން ވީހައި ގިނައިން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން، ޙަޔާތުގެ ބައިވެރިއަކު ލިބުމުން ލޯތްބާއި އިޙްތިރާމާއިއެކު ދިރިއުޅުން، ދަރިން ލިބުމުން އޯގާތެރިކަމާއިއެކު ގެންގުޅެ ބޮޑުކުރުން މައިން ބަފައިން މުސްކުޅި ވެއްޖެ ނަމަ އެމީހުންނަށް ޚިދުމަތްކުރުން އިތުރުކުރުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަންކަމެވެ. 

މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ ނިޢްމަތް ދެއްވެވުމުން މިފަދަ ކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ނަތީޖާއަކަށްވެގެންދަނީ ދެއްވެވި ނިޢްމަތް އެމީހަކާއި ވަކިވެ ދިއުމެވެ. އަދި އެމީހަކަށް ދުނިޔެ އާ އާޚިރަތްވެސް ގެއްލުމެވެ. 

ގިނަ ބައެއްގެ ޢާއިލާތައް ވެސް ރޫޅެމުންދަނީ ނިޢްމަތަށް ޝުކުރުވެރި ނުވެވޭތީއެވެ. ބަނގުރޫޓުގެ ފަޤީރުވަމުން ދަނީވެސް ނިޢްމަތްތަކަށް ޝުކުރުވެރި ނުވެވޭތީއެވެ. ޚާޢްޞަކޮށް މައިން ބަފައިންނަށް އެހީތެރިނުވުމާއި ރަޙިމުގެ ގުޅުން ކެނޑުމަކީ މީހާ ފަޤީރުވެ ނިކަމެތިވާ ކަމެކެވެ. 

ރަޙިމުގެ ގުޅުން ކެނޑުމަކީ ހަމައެކަނި ވާހަކަ ނުދެއްކުމެއް ނޫނެވެ. އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ނުދިނުމަކީވެސް ރަޙިމުގެ ގުޅުން ކެނޑުމެވެ. ވީމާ ތަނަވަސްކަން ދަމަހައްޓަން ބޭނުންވާ މީހުން ބަޔާން މިކުރި ކަންކަމަށް އިސްކަން ދޭށެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަ ކުރުމާއި ޙަޔާތުގެ ބައިވެރިއަކު ލިބުމުން ލޯތްބާއި އިޙްތިރާމާއިއެކު ދިރިއުޅުމާއި ދަރިން ލިބުމުން އޯގާތެރިކަމާއިއެކު ގެންގުޅެ ބޮޑުކުރުމާއި މައިން ބަފައިން މުސްކުޅި ވެއްޖެ ނަމަ އެމީހުންނަށް ޚިދުމަތްކުރުން އިތުރުކުރުމާއި އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުން ފަދަ ކަންކަމެވެ. އެކަންކަން ކުރާ މީހާއަށް ﷲ ތަޢާލާ ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެއެވެ. އިން ޝާ ﷲ. 

- ޝައިޚް ޙަމްޒާ ޔޫސުފްގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް