އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިލީ މައްސަލަތަކަށް ނަމަވެސް ޙަޤީޤީ ޙައްލެއް ބޭނުން ނަމަ ބަލަން ޖެހޭނީ އެ މައްސަލައެއްގަ ރަސޫލް (ޞޢވ) ކުރައްވާނެ ޙުކުމަށް!

ޢާއިލީ މައްސަލަތަކަށް ނަމަވެސް ޙަޤީޤީ ޙައްލެއް ބޭނުން ނަމަ ބަލަން ޖެހޭނީ އެ މައްސަލައެއްގަ ރަސޫލް (ޞޢވ) ކުރައްވާނެ ޙުކުމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އަބަދުވެސް ވިސްނަން ޖެހޭނީ އެ މައްސަލައެއް ރަސޫލް (ޞޢވ)ގެ ކުރިފުޅު މައްޗަށް ހުށަހެޅުނު ނަމަ ޢަމަލުފުޅު ކުރައްވަވާނެ ގޮތަކާއިމެދުގައެވެ. ނެރުއްވަވާނެ ޙުކުމްފުޅާއިމެދުގައެވެ. އެއީ ތިމާގެ އަމިއްލަ ކަމެއް ނަމަވެސް ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގައި ނަމަވެސްމެއެވެ. އަދި ދުރު މީހެއްގެ ކަމެއްގައި ނަމަވެސް މެއެވެ.

ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް އެކަމެއް ފައިސަލާ ކުރުމުގައި އެކަމެއް ރަސޫލް (ޞޢވ) ގެ ކުރިފުޅު މައްޗަށް ހުށަހެޅުނު ނަމަ ނެރުއްވަވާނެ ޙުކުމްފުޅަށް ސަމާލުކަންދީގެން ދީގެން ކަންކަން ނިންމާ މުޖުތަމައުއެއްގައި މައްސަލަތައް ހަމަ ވަރަށް މަދުވާނެއެވެ. މަދުވާނީ ޖިނާޢީ ކުށްތައް އެކަންޏެއް ނޫނެވެ. ޢާއިލީ މައްސަލަތައްވެސް މެއެވެ.

ވީމާ އެއްވެސް ކަމަކާއި ގުޅިގެން ލަފައެއް ދިން ނަމަވެސް އަދި ހުކުމެއް ކުރި ނަމަވެސް ކީރިތި ޤްރުއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ޚާއްޞަކޮށް ދީނުގެ ނަމުގައި ބަހެއް ބުނާނަމައެވެ. ދީނީ ޢިލްމުވެރިންގެ ހައިޞިއްޔަތުން ބަސް ބުނާނަމައެވެ. އަދި ދީނީ ގޮތުން ލަފައެއް ދިން ނަމަވެސް ޙުކުމެއް ކުރި ނަމަވެސް އެކަމެއް ބިނާކުރާ މަސްދަރު ބަޔާންކުރަން ޖެހޭނެއެވެ. ނޫން ނަމަ ބޮޑެތި އޮޅުންތައް އަރާނެއެވެ.

ރަސޫލް (ޞޢވ)ގެ އަރިއަހަށް މައްސަލަތައް ހުށަހެޅުމުން މައްސަލަ ރައްދުވާ ފަރާތުގެ ބަސް ހޯއްދަވައެވެ. އެކަމުން އެނގެނީ ދެފަރާތުގެ ބަސް އަޑުއަހައި ހަޤީޤަތް ރަނގަޅަށް އޮޅުންފިލުވައިގެން ނޫނީ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމެވެ.

ތިމާގެ އަނބިމީހާގެ ޝަކުވާއެއް މަންމަ ކުރި ނަމަވެސް އަދި އަނބިމީހާ މަންމަގެ ޝަކުވާއެއް ކުރިނަމަވެސް ދެ މީހުންގެ ބަސް ހޯދަންވާނެއެވެ. ޢާއިލާގެ އެހެން މީހަކު ޝަކުވާއެއް ކުރި ނަމަވެސް މެއެވެ. ކޮންމެ ޝަކުވާއަކީ ވެސް ޝަކުވާއެކެވެ. ވީމާ ނުބަލައި ދޫކޮށް ނުލާށެވެ! އެއީ ޝަކުވާއެއް ކަމަށް ނުބަލައި ދޫކޮށްލެވޭ މައްސަލަތަކުގެ ސަބަބުން ބައެއް ފަހަރު ވަރަށް ނިކަމެތި ގޮތްތައްވެސް ދަނީ މެދުވެރިވެރިވަމުންނެވެ.

އެއްތަނެއްގައި ބައިތިއްބައިގެން މަޝްވަރާ ނުކުރެވޭނެ ނަމަ ވަކިވަކިން ބައްދަލުކޮށްގެން ނަމަވެސް ދެ މީހުންގެ ބަސް ހޯދަންވާނެއެވެ. އެކަކަށް އިތުބާރުކޮށް ކަންކަން ނިންމައިގެން ނުވާނެއެވެ.

އެހެން މީހުންގެ ކަންކަމަށް ލަފާދީ ޙުކުމްތައް ނެރޭ މީހުން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ އަމިއްލަ ބަހެއް ބުނާނަމަ މިބުނަނީ އަމިއްލަ ބަހެއް ކަމަށް ބުނެ އެންގުމެވެ. ފަނޑިޔާރުން ޙުކުމްކުރާއިރު ޤާނޫނުގެ މާއްދާތަކަށް ރިޢާޔަތް ކުރަނީ އެ ސަބަބަށްޓަކައެވެ. ފަނޑިޔާރުންނަކީ އެމީހުންނަށް ފެންނަހައި ގޮތަކަށް ޙުކުމް ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ބައެއް ނޫނެވެ. ދީނުގައި ޙުކުމް ހުރި މައްސަލަތަކުގައި ޙުކުމް ކުރަން ޖެހޭނީ ކީރިތި ޤްރުއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތަށެވެ. މީހުން އުފައްދާ ނުވަތަ ފާސްކުރާ ޤާނޫނުތަކަށް އަމަލުކުރަން ޖެހޭނީ ﷲ ބާވައިލެއްވެވި ޙުކުމްފުޅު ނެތް، ދުނިޔަވީ ކަންކަމުގައެވެ.

ޢާއިލީ ކަންކަމުގައި ލަފާދީ، ހުކުމެއް ކުރާނަމަ ވެސް ފުރަތަމަ ބަލަން ޖެހޭނީ ކީރިތި ޤްރުއާނަށެވެ. އެއަށްފަހު ޙަދީޘްފުޅުތަކަށެވެ. އެއަށްފަހު ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތަކަށެވެ. އެހެނީ ޢާއިލީ ކަންކަން ނިންމުމުގައިވެސް އަދި މައްސަލަތައް ޙައްލުކުރުމުގައި އެންމެ ފުރިހަމަ ޙުކުމްތައް ބަޔާންވެގެންވަނީ އިސްލާމް ދީނުގައި ކަމަށްވާތީއެވެ. މުސްލިމުންނަށް މިއަދު ހުރިހާ ގެއްލުންތަކެއް ލިބެމުން މިދަނީ އެކަން ޤަބޫލުނުކުރެވޭތީއެވެ. ޤަބޫލުކުރެވުނު ނަމަވެސް ޢަމަލުކުރަން ބޭނުން ނުވަތީއެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް