އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާމެން އަމިއްލައަށް "ބެންޑް ނުވެވޭ" ޢުމުރަށް ދިއައިމަ ދަރިން "ބެންޑްކުރުވައި" ރުކޫޢު، ސުޖޫދު ކުރުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ!

ތިމާމެން އަމިއްލައަށް "ބެންޑް ނުވެވޭ" ޢުމުރަށް ދިއައިމަ ދަރިން "ބެންޑްކުރުވައި" ރުކޫޢު، ސުޖޫދު ކުރުވަން އުޅުނަސް އެކަމެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

ބައެއް ޢާއިލާތަކުން އެމީހުންގެ ދަރިންނާއިމެދު ކަންބޮޑުވެގެން ތެޅިފޮޅިގަންނަނީ ސުނާމީއެއް އެރުމުން ތެޅިފޮޅި ގަންނާނެ ގޮތަށެވެ. އެހެންކަމުން މިވާ ގޮތާއިމެދު ވިސްނައިލަމާ ހެއްޔެވެ؟ 

މީސްތަކުންނޭވެ! ގޭގެ ފުރާޅާއި ހަމައަށް ފެންގަނޑު ބޮޑުވެގެން ތިއަ އުޅޭ ސުނާމީ އެރީ ކުއްލިއަކަށް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިންނެވެ. ނަމަވެސް ތިބާ ހަމަ އެއްވެސް ވަރަކަށް ކަންބޮޑު ނުވީއެވެ. އަޅައިވެސް ނުލީއެވެ. ދަރިން ބޮޑެތިވެގެން އައި ދުވަސްވަރު މައިން ބަފައިން ނަމާދެއް ނުކުރެއެވެ. ދަރިންގެ ކުރިމަތީގައި ކުރަމުން އައީ ޙަރާމް ކަންކަމެވެ. މުޅިގެ ވަނީ ކުޑަ ވަރެއްގެ ނައިޓް ކްލަބަކަށް ބަދަލުކޮށްލައިފައެވެ. އާދައިގެ ޑިސްކޯއަކަށްވުރެ ގޭގައި ޖަހާ މިޔުޒިކްގެ އަޑު މަޑެއް ނޫނެވެ. ބަދިގެއަކަށްވުރެ ސިޓީންގ ރޫމުގައި ދުން ގިނައެވެ. ދަމާ ދުންފަތްތަކުންނެވެ.

މިއަދު ދެމަފިރިން މުސްކުޅިވީއެވެ. ހުޅުހުޅުން ނުލެނބެން ފެށުމުން ﷲ ތަޢާލާގެ މަތިންވެސް ހަނދާންވާން ފަށައިފިއެވެ. މައިބަދައިގަ ރިއްސާވަރުން ކެތްނުކުރެވޭވަރުވީފަހުން ރުކޫޢަށްވެސް ދާން އެބަ ބޭނުންވެއެވެ. ސަޖިދަ ކުރަންވެސް އެބަ ބޭނުންވެއެވެ. ކުރިން އުޅެވުނު ގޮތް ކަމަކު ނުދިއައެވެ. ނުހަނު ލޯބިން ބަލައި ބޮޑުކުރި ދަރިން އުޅޭ ގޮތެއްވެސް ކަމަކު ނުދެއެވެ. 

މިހާރު ބޭނުންވަނީ އެކުދިންނަކީ 5 ނަމާދު އަދާކުރާ ކުދިންނަށްވާށެވެ! ފަތިހު ހޭލައި ފަތިސް ނަމާދުވެސް ކުރާށެވެ! ހުކުރު ދުވަހުވެސް 11 ނުޖަހަނީސް ގޮސް މިސްކިތުގައި ތިބުމަށެވެ. މިހެން ގޮސް އެތައް ބައިވަރު ކަންކަމެވެ. އެތަނުންވެސް އެންމެ ޚާއްޞަ އެއް ކަމަކީ އެކުދިންގެ ކުރިމަތީގައި މާމަ އާއި ކާފަ ނިމިދިއަ ގޮތް އެކުދިންނަށް ފެނުނުކަމެވެ. އަޅާއިނުލައި އެހީތެރިނުވެ މަރުވާން ދޫކޮށްލާފައި ތިބިތަން އެކުދިންނަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެހެންކަމާއިއެކުވެސް މިއަދު ތިއަ އުޅެނީ އެކުދިން އެކުދިންގެ މަންމަ އާއި ބައްޕަ ޢާއި އަޅައިނުލާތީ ކަންބޮޑުވެގެންނެވެ. 

މީސްތަކުންނޭވެ. މިއީ ވަރަށް މޮޔަ ވިސްނުމެކެވެ. މިއީ މިކަން ކުރެވޭނެ ގޮތެއް ނޫނެވެ. ދަރިންގެ ކުރިމަތީގައި މާމަ އާއި ކާފައަށް ނުދިން ލޯތްބެއް ތިމާމެން ދެމަފިރިންނަށް ލިބުމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ. ހަމައެފަދައިން ދަރިން ކުޑައިރު ހެޔޮ އަމަލުކުރަން ތަރުބިއްޔަތު ނުކޮށް ތިބެފައި އެކުދިންގެ އުމުރުން 30، 40 އަހަރުވީމާ އެކުދިން ލައްވައި ހެޔޮ އަމަލުތައް ކުރުވަން ގަދައަޅައި މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވޭނީ ހަމަ ވަރަށް މަދު ފަހަރަކުއެވެ. އެހެން ކަމުން އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. 

މީސްތަކުންނޭވެ. އެހެން މީހުންނާއިމެދު ކަންބޮޑުވި ނަމަވެސް ތިމާ އާއިމެދު ކަންބޮޑުވާ ބައަކު އުޅެއެވެ. އެމީހުން ނަރަކަށް ވައްދަވައިފާނެތީ އެމީހުން ބިރެއް ނުގަނެއެވެ. ހިތަށް އެރިހައި ގޮތަކަށް އުޅެނީއެވެ. ނަމަވެސް އެހެން މީހަކަށް ނަރަކައަށް ވަންނަން ޖެހިދާނެ ފަދަ ފާފައެއް ކުރެވިއްޖެ ނަމަ ހަމަ ބިރުން ތެޅިފޮޅޭނެއެވެ. ނަޞޭޙަތް ދެމުން ފަހަތުންވެސް ހިނގާނެއެވެ. 

ކުރިން ބަޔާން މިކުރި ފަދަ މައިންބަފައިންނަކީ ހަމަ އެފަދަ ބައެކެވެ. އެމީހުންގެ އުމުރުން ދުވަސްވެ މައިބަދަ ގުދުވުމުގެ ކުރީގައި ﷲ ތަޢާލާގެ މަތިން ހަނދާނެއް ނުކުރިއެވެ. ތިމާމެން ނަމާދުކުރަން ޖެހޭ ކަމާއި ދަރިން ލައްވައި ނަމާދުކުރުވަން ޖެހޭކަން އަދި ދަރިން އެކަމަށްޓަކައި ތަރުބިއްޔަތުކުރުވަން ޖެހޭކަން މިއަދާއި ހަމައަށްވެސް ހަނދާނެއް ނެތެވެ. 

ލޮބުވެތި މައިންބަފައިންނޭވެ! މި ދެއްކީ ވަރަށް ގިނަ ވާހަކަތަކެވެ. ވިސްނައި ފިކުރުކޮށްފި މީހަކަށް ރަނގަޅު ޢިބްރަތެއް ލިބިގެންދާނެއެވެ. ދަރިން ބެންޑް ކުރުވަން އެދޭ މައިން ބަފައިންނަށް ފުރަތަމަ ޖެހޭނީ ދަރިންގެ ކުރިމަތީގައި މައިން ބަފައިން ބެންޑްވާށެވެ! ނަތީޖާ ނެރެވޭނީ 2 ބެންޑް ގުޅުވައިލެވިއްޖެ ނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް