އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިބަހުގެ މޯފޮލަޖީގެ ތަރުޖަމާގެ ފުރަތަމަ ބައި ރައީސް ޞާލިޙަށް އަރުވައިފި

ދިވެހިބަހުގެ މޯފޮލަޖީގެ ތަރުޖަމާގެ ފުރަތަމަ ބައި ރައީސް ޞާލިޙަށް އަރުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ބަހުގެ މޯފޮލަޖީ ފޮތުގެ ތަރުޖަމާގެ ފުރަތަމަ ބައި ދިވެހިބަހުގެ އެކެޑަމީން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ދިވެހި ބަހުގެ މޯފޮލަޖީ ފޮތަކީ ސޮންޔާ ފްރިޓްޒް ނަމަކަށްކިޔާ ޖަރުމަނު ވިލާތުގެ ބޭފުޅަކު، 2002 ވަނަ އަހަރު ޝާޢިއުކޮށްފައިވާ އޭނާގެ ޕީއެޗްޑީ ތީސީސް ނުވަތަ ފިކުރާތުގެ ތަރުޖަމާއެކެވެ. އޭނާގެ ފިކުރާތު ބިނާކުރައްވާފައި ވަނީ ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށެވެ.

މި ދިރާސާގައި އެވޭލާ އަކުރާއި ދިވެސްއަކުރާއި ތާނައިން ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ ހަމަތައް ދިރާސީ ގޮތެއްގައި ގެނެސްދީފައިވެއެވެ، މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްޞަ ބަހުރުވަތައް އުފެދިގެން އައިގޮތާއި މައި ބަހާއި އެ ބަހުރުވަތަކާ ހުރި ގުޅުންތައް މި ފޮތުގައި ދިރާސީ ގޮތެއްގައި ގެނެސްދީފައި ވެއެވެ.

މި ފޮތުގައި ދިވެހި ބަހާ ސިންހަޅަ ބަހާއި ހުރި ގުޅުމުގެ މައްޗަށާއި ދިވެހިބަސް އުފެދިގެން އައުމުގައި އައްޑޫ،ފުވައްމުލައް އަދި މާލޭގައި ވާހަކަދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މި ފޮތަކީ މިހާރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހި ބަހާއި ބެހޭ ޢިލްމު ކިޔަވައިދިނުމުގައި ބޭނުންކުރަމުން އަންނަ ފޮތެއްވެސް މެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިފޮތް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އަރުވާފައި ވަނީ ފޮތް ތަރުޖަމާކުރެއްވި އަލްއުސްތާޛް ނާޒިމް ސައްތާރެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު