އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު
މިއަދުނޫހަށް މައުލޫމާތު ކަށަވަރު ކުރެވިފައިވާ ގޮތުގައި އެހެން ދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތްތައް ކަސްޓަމްސް އިން ނަގާފައިވަނީ ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ނޮވެލްޓީ ބުކްފެއާއިންނެވެ.
ބެލެނިވެރިއަކު ބުނީ ނޮވެލްޓީ ބުކްފެއާގައި ވިއްކަން ހުރީ ހަމައެކަނި ދީނީ މައުލޫމާތު ހިމެނޭ ފޮތްތައް ނޫން ކަމަށާއި ކުޑަކުދިން ޝައުޤުވެރިކުރުވުމަށްޓަކައި "ބައިބަލް ކަލަރިންގ ބުކް" ފަދަ ފޮތްތައް ހުރެގެން ދަރިން ޝަކުވާ ކުރި ކަމަށެވެ. އަދި އެ ހިސާބުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން މަސައްކަތްވެސް ކުރެއްވި ކަމަށެވެ.
"މިއީ ވަރަށް ދެރަ ކަމެއް. މިއީ ވަރަށް ބޮޑު މަކަރެއް. ބޭނުންވަނީ މިކަންކަމަށް ރައްޔިތުން ދެކޮޅު ހަދާ މިންވަރު ބަލަން. ދިވެހި ބަހުން މިކަމަށް ކިޔަނީ ވަކަރަށް ޖެހުން. މިއީ ސަރުކާރުވެސް ބައިވެރިވެގެން ހިންގާ ކަންކަން. އެހެން ނޫން ނަމަ ކީއްވެގެންތޯ ބޮޑުއަކުރުން ބޭރުގަ "ބައިބަލް ކަލަރިންގ ބުކް" ކަމަށް ލިޔެފަ ހުރި ފޮތްތައް ފަދަ ފޮތްތައް އެތެރެކުރެވެންވީ؟"
އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ދީނީ ފޮތްތައް ޗާޕްކުރައްވައި ވަރަށް ހެޔޮ އަގުގައި ވިއްކެވުން ފަދަ ބޮޑެތި ޚިދުމަތްތަކެއް ނޮވެލްޓީގެ ބާނީ ޢަލީ ޙުސައިން ކޮށްދެއްވާފައިވާ ކަމަށާއި ނޮވެލްޓީ އިން މައުރަޒް ބާއްވާތާ އެތައް އަހަރެއްވީއިރުވެސް ޢަލީ ޙުސައިން އަވަހާރަވަންދެންވެސް މިފަދަ އެއްވެސް ކަމެއް ނުހިނގާކަން ފާހަގަކުރައްވާ ކަމަށެވެ.
"މިޝަނަރީ ތަކުން ބަލާނެ މިބާވަތުގެ މައުރަޒުތަކުގެ ތެރެއަށް ވަދެގަނެ މިފަދަ ކަންކަން ކުރެވޭތޯ. މިއީ ވަރަށް ދުރަށް މޫލާފައި ހުންނަ ކަންކަން. އަޅުގަނޑުމެންގެ ހިތުގައި އެވަރުގެ އިޚްލާޞްތެރިކަމެއް ނެތިއްޖެ ނަމަ އެއްކަމަކަށްފަހު އަނެއް ކަމެއް ކުރުވާނެ. އެއް ފަހަރު ކުރާ ކަންކަމަށްވުރެ އަނެއް ފަހަރު ކުރާ ކަންކަން ބޮޑުވާނެ. މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް."
ތަޙްޤީޤް ކުރަމުން ގެންދާ މައްސަލއަކަށް ވާތީ ކަސްޓަސްމްސް އިން މިކަމާއި ބެހޭ ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.
Advertisement
31 އޮގަސްޓް 2019