އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަބޫލު ކުރެވެނީ ރިލްވާންވަނީ ކަނޑުމަތީގައި މަރާލާފަ ކަމަށް!: ސުއޫދް

ޤަބޫލު ކުރެވެނީ ރިލްވާންވަނީ ކަނޑުމަތީގައި މަރާލާފަ ކަމަށް!: ސުއޫދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަނީ ކަނޑުމަތީގައި މަރާލާފައި ކަމަށް ޤަބޫލު ކުރެވޭ ކަމަށް، މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދް ވިދާޅުވެއްޖެއެވެ.

ރިލްވާންގެ މައްސަލަ ބެލުމަށްފަހު، ތަހުގީގަށް އެނގިފައިވާ ކަންކަން ހާމަކުރައްވަމުން ސުއޫދް ވިދާޅުވީ، ރިލްވާން ގެއްލުނުރޭ 21 ނަންބަރު ފްލެޓު ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އަރުވައިގެން ގެންގޮސްފައިވަނީ ރިލްވާންކަން ޝައްކެއްނެތް މިންވަރަށް އެނގިފައިވާ ކަމަށާއި ތަހުގީގަށް ހޯދިފައިވާ ގޮތުގެ މަތިން އޭނާ ކާރަށް އެރުވިއިރު ކާރުގެ ކުރީގައި ތިބީ ދެމީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކަީ އާލިފް ރައޫފް ކަމަށާއި ފަހަތުގައި އިނީ ރިލްވާން ގަދަކަމުން ކާރަށް އެރުވި މީހާ ކަމަށް ވެސް ސުއޫދް ވިދާޅުވިއެވެ. ކާރުގެ ފަހަތުން ދެމީހަކު ދިޔަ ކަމަށާއި ފަހުން ރިލްވާން އެރުވީ ޑިންގީ އަކަށްކަން ހާމަވެފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

"ރިލްވާން އެރުވީ ޑިންގީ އަކަށް. ދެން ކަނޑުގައި ދުއްވާ އުޅަނދަކަށް. މިހާތަނަށް ޤަބޫލު ކުރެވެނީ ރިލްވާން މަރާލާފައިވާ ކަމަށް" ސުއޫދް ވިދާޅުވިއެވެ.

މީގެ އިތުރުން ސުއޫދު ވިދާޅުވީ، އެއީ ކޮން ފަރާތެއްގެ ކަނޑު އުޅަނދެއްކަމާއި އަދި އެ ޑައިރެކްޓް ކުރަމުން އައީ އައްޑޫގައި ހުރި ކާކުކަން ވެސް އެނގޭ ކަމަށެވެ.

ރިލްވާންގެ ހަށިގާނޑާއި ބެހޭ ގޮތުން ތަފްސީލެއް ދެވެން ނަތީ ފުށުއެރުންތަކެއް ހުރީމަ ކަމަށް ސުއޫދު ވިދާޅުވިއެވެ. މީގެއިތުރުން އޭނާ ވިދާޅުވީ، ރިލްވާން މަރާލީ ޝަހާދަތުގެ ދެ ކަލިމަ ކީމަ ކަމަށާއި އޭނާ މަރާލީ ދާ އޮޅައިގެންކަން ވެސް ހާމަ ވެފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހެކިބަސް ދިން މީހަކު ބުނި ގޮތުން، ރިލްވާން މައްސަލައާއި ޔާމީން މައްސަލައިގައި އުޅެނީ އެއް ބައެއްކަން އެނގޭ ކަމަށެވެ. އެހެންކަމުން ރިލްވާން މަރާލުމުގައި ވެސް ބައިވެރިވެފައިވަނީ ދީނީ ހަރުކަށި ފިކުރުހުރި ބައެއްކަމަށް ހާމަވެފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ