އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އާ ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފި

ރާއްޖެ އާ ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ދިވެހިރާއްޖެ އާއި ރުވާންޑާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި އެކުލަވާލެވުނު ގުޅިފައިވާ ބަޔާނުގައި ސޮއިކުރުންއޮތީ، ނިއުޔޯކުގައި ހުންނަ ރުވާންޑާގެ ދާއިމީ މިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ދިވެހިރާއްޖޭގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަލްފާޟިލާ ތިލްމީޒާ ޙުސެއިން އެވެ. ރުވާންޑާގެ ފަރާތުން ސޮއިކުރެއްވީ ރުވާންޑާއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޤައުމުގެ ދާއިމީ މަންދޫބު ހަރ އެކްސެލެންސީ ވެލެންޓައިން ރުގްވަބިޒާ އެވެ. 

ރާއްޖެއާއެކު ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް ގާއިމުކޮށް، ރާއްޖެއަކީ ބޭރު ޤައުމުތަކުން ބަލައިގަންނަ ޤައުމަކަށް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ހުޅުވާލެވިފައިވާ ޙާރިޖީ ސިޔާސަތުގެ މުހިންމު އެއް އަމާޒެވެ. މިގޮތުން، ރުވާންޑާ އާ އެކު ސިޔާސީ ގުޅުން ޤާއިމުކުރެވުމުން، ރާއްޖެއާއެކު ސިޔާސީ ގުޅުން އޮންނަ ޤައުމުތަކުގެ އަދަދަކީ މިހާރު 172 އެވެ. އަދި މިއީ މި ސަރުކާރުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދެވަނަ ޤައުމެވެ. 

ރުވާންޑާ އަކީ ކޮމޮންވެލްތުގެ ޤައުމެކެވެ. އަދި 2020 ވަނަ އަހަރުގެ ކޮމޮންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ރުވާންޑާގެ ވެރިރަށް ކިގާލީގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު