އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ: ރައީސް ޞާލިޙް

ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެ: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެކަމަށާއި، ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއްވެސް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު ދިވެހި ރައްޔިތުންނަށް މި ޔަޤީންކަން ދެއްވީ 2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ތިރީގައި އެވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބެވެ.

"މިއަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރެސީ ޤާއިމްކޮށް ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ، އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށްވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަސް، ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ވަރަށް މުހިންމު މަޤްޞަދެއްގައެވެ. މިއަހަރުގެ ޑިމޮކްރެސީ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރަކީ "ބައިވެރިވުން" (Participation) އެވެ. ޑިމޮކްރެސީގެ އެންމެ ކުރު ތަޢާރަފަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުމެވެ. ނުވަތަ ވެރިކަން ކުރުމެވެ. މި ޙަޤީޤަތަށް ބަލާއިރު، ޤައުމުގެ ކަންކަން ކަނޑައެޅުމުގައި، ރައްޔިތުން ބައިވެރިވުމަކީ ކިހާ މުހިންމު ކަމެއްކަން، މިދިޔަ މަދު އަހަރުތަކުގައި، އަޅުގަނޑުމެން އެންމެންވެސް ވަރަށް ގާތުން ތަޖުރިބާކޮށްފީމުއެވެ.

ރައްޔިތުންގެ އަސާސީ އެތައް ޙައްޤެއް ނިގުޅައިގަނެ، އެތައް މިނިވަންކަމެއް ހިފެހެއްޓުމުން، ޤައުމަށް ލޮޅުން އަރައިގެންދިޔަ މިންވަރު ވަޒަންކުރެވިއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމު ފާލުން ނެއްޓި، މުއައްސަސާތައް ބަލިކަށިވެ، އެކަންކަމުގެ ގެއްލުންވެސް އިޙްސާސް ކުރެވިއްޖެއެވެ. ހަމައެފަދައިން ރައްޔިތުންގެ ބައިވެރިވުމާއެކު، ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާ ގޮތްވެސް، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ޢަމަލީ ގޮތުން ތަޖުރިބާކުރެވިއްޖެއެވެ.

މިއަހަރުގެ ޝިޢާރަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިޢާރެކެވެ. ޑިމޮކްރެސީއަކީ އެންމެންގެ ޝާމިލުވުމާއި އެންމެންނާމެދު ހަމަހަމަކަމާއެކު މުޢާމަލާތު ކުރުމާއި، އެންމެންގެ ބައިވެރިވުމުގެ މައްޗަށް ބިނާވެފައި އޮންނަ ހަމަތަކެކެވެ. އަދި އެއީ، ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ޙައްޤުތަކާއި ޞުލްޙަމަސަލަސްކަން ދަމަހައްޓައިދިނުމުގެ އަސާސީ ބަހާވެސްމެއެވެ.

ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައެވެ. އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ޤާނޫނުގެ ވެރިކަމެވެ. ޤައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ޤާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެވެ. އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވެއެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޤައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުމެވެ. އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށެވެ. ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމަށެވެ. ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމަށެވެ.

ފުރިހަމަ ގޮތުގައި ބޭނުން ހިފާނަމަ، ޑިމޮކްރެސީއަކީ ކޮންމެ ޤައުމަކަށް އަދި ކޮންމެ މުޖްތަމަޢަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެކެވެ. އަދި އެއީ އެބައެއްގެ ޘަޤާފަތާއި، އެބައެއްގެ ޢަޤީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމަޢަކަށް ފައްކާކުރެވޭ ހަމަތަކެކެވެ. މި އުޞޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެއެވެ. އަދި ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އަޅުގަނޑުމެންނަކީ ޢަދުލުވެރިކަމާއި ހަމަހަމަކަމަށް ލޯބިކުރާ، އަނެކުންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި އަޅުގަނޑުމެންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު