އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މަސްވެރިކަމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މިބިލަކީ 5 ސެޕްޓެންބަރު 2019 ވީ ބުރާސްފަތި ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާޙައުލާއި، ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލްކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗަރގެ ޞިނާޢަތް ކުރިއަރުވައި، ތަރައްޤީކޮށް، އެ ޞިނާޢަތް ހިންގައި ބެލެހެއްޓުމާގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާ ބިލެއްވެސް މެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަންޖެހެއެވެ. އަދި މަސްވެރިންގެ އިޖްތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމާއި، މަސްވެރިކަމާގުޅޭ ތަޢުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ޙިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުންފަދަ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ޤާއިމުކުރުންފަދަ އައު ކަންތައްތައް މިބިލުގައި ތަޢާރަފުކޮށްފައިވެއެވެ. މީގެ އިތުރުން އެކުއަކަލްޗަރ ތަރައްޤީކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. 

މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ކުރިން އަމަލުކުރަމުން އައި މަސްވެރިކަމުގެ ޤާނޫނު، ޤާނޫނު ނަންބަރު 87/5 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އުވިގެންދާނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނޫ މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު