އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޔާތުގެ ކޮންމެ ދުވަހަކީ މާމުއިހަނދުގެ ދުވަހެއް ފަދައިން ތަޖުރިބާ ކޮށްލަން ބޭނުން ހެއްޔެވެ؟

ޙަޔާތުގެ ކޮންމެ ދުވަހަކީ މާމުއިހަނދުގެ ދުވަހެއް ފަދައިން ތަޖުރިބާ ކޮށްލަން ބޭނުން ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ވަރަށް ފަސޭހައިން ވަރިކުރެވިދާނެއެވެ. ވަރިކުރުމަކީ އެންމެ ފަސޭހައިން ކުރެވޭނެ ކަންތަކެވެ. ނަމަވެސް ކަމުގެ އަސްލަށް ބަލައިފިނަމަ ވަރިކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ.

މިސާލަކަށް ކައިވެނި ކުރަނީ ރަން އަދާކުރުމާއިއެކުގައެވެ. ކައިވެނިކުރުމަށްފަހު އަނބިމީހާގެ ޚަރަދުތައް ބަލަހައްޓަން ޖެހެއެވެ. ވަރިކުރާނަމަ 3 މަސް ދުވަހުގެ ކަރަދު ދޭންޖެހެއެވެ. އަދި އެވަރަކުން ފުދެނީއެއް ނޫނެވެ. ދަރިން ތިބި ނަމަ ދަރިންގެ ޚަރަދާއި ދަރިން ބެލެހެއްޓުމުގެ އަގުވެސް ދޭން ޖެހޭނެއެވެ. އެއިގެ އިތުރުން ވަރިކުރިނަމަވެސް ދަރިން ބެލެހެއްޓުމުގެ މަސްއޫލިއްޔަތާއި ޒިންމާ ވެސް އުފުލަން ޖެހޭނެއެވެ. ވީމާ ވަރިކުރުމަކީ ވަރިކުރުމަކީ އެންމެ ބޮޑު މުޞީބާތެވެ. ޚާއްޞަކޮށް ދަރިން ތިބިނަމައެވެ.

ގިނަ ފަހަރަށް ދަރިން ނެތް ނަމަވެސް މެއެވެ. އެހެނީ ފުރިހަމަ ހިތެއްގެ ވެރިއަކަށް ފުރަތަމަ ކައިވެނީގެ ހަނދާންތައް ފުހެލުމަކީ ކުރެވޭ ކަމަކަށް ނުވާތީއެވެ. ވަރަށް ބޮޑު ހިތްދަތިކަމަކުން ސަލާމަތްވެވޭ ވަރިއަކަށް ނުވާނަމައެވެ. އެއީ އިންސާނީ ޠަބީޢަތެވެ.

ވީމާ ވަރި އާއިމެދު އިތުރަށް ވިސްނައިލަމާހެއްޔެވެ؟

ވަރިވެގެން ދެން އިތުރު ކައިވެންޏެއް ނުކުރާނީހެއްޔެވެ؟ ކައިވެނި ކުރާނެ ނަމަ ލިބޭ ފިރިމީހާ ނުވަތަ އަނބި މީހާ އަކީ މާބޮޑެތި ކުށްތައް ނުކުރާނެ މީހެއް ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟

މީގެ މާނައަކީ ދެމީހުން އެކުގައި ދިރިއުޅެން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްގެންވެސް ގޮތެއް ނުފެނުމުން ވަރިނުވާންވީ ނުވަތަ ވަރި ނުކުރަންވީ ވާހަކައެއް ނޫނެވެ. އެފަދަ ޙާލަތުގައި އޮންނާނީ ވަރިކުރުމެވެ. މިދައްކަނީ އެކުގައި ދިރިއުޅެން ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް އަންނަ ގަދަ ރުޅިމަތީގައި ވަރިއަށް އެދުމުގެ ވާހަކައެވެ. އެފަދަ ރުޅިމަތީގައި ހުރެ ވަރިކުރުމުގެ ވާހަކައެވެ.

ރުޅިއަކީ މީހާގެ ހަމަ ބުއްދި ފިލުވައިލާ އެއްޗެކެވެ. ހަމަ ބުއްދި ނެތި، ކިޔޭ ނުކިޔޭ އެއްޗެއް ނުއެނގޭ ހާލުގައި ކުރާ ވަރި ވަރިއަކަށްވެސް ނުވާނެއެވެ. ވީމާ މިސާލަކަށް ފިރިމީހާ އިންތިހާއަށް ރުޅި އަރުވާލައިގެން ހޯދާ ވަރިބަހުގެ ސަބަބުން ވަރިވީ ކަމަށް ބަލައި އަތް ޖެހި ނަމަވެސް އެއީ ވަރިއަކަށް ނުވާނެއެވެ.

އަދި އެއް ވާހަކަ ބުނާނަމެވެ. ބައެއް މީހުން އެމީހުންގެ ބައިވެރިޔާ ކުރާ ކުށްތައް ލިޔެ ރެކޯޑްވެސް ބަލަހައްޓައެވެ. އެގޮތަށް ކުށްތައް އެއްކޮށްފައި ކުރި ކުށްތަކުގެ ލިސްޓްވެސް ކިޔައެވެ. އަޅެފަހެ ނިކަން ބުނެބަލާށެވެ. ބައިވެރިޔާ ކުރި ރަނގަޅު ކަންކަމުގެ ލިސްޓް ކޮބައިހެއްޔެވެ؟ ރަނގަޅަށް ބެލެހެއްޓޭނީ ފޮތުގެ ދެފަރާތުގައި ދެ ލިސްޓް ވެސް ލިޔެގެން ނޫން ހެއްޔެވެ؟

އެކުގައި ވަރަށް އުފަލުން އުޅެވޭނެ ގޮތެއްވެސް ބުނެފާނަމެވެ. ދެމަފިރިންވެސް ލިސްޓް ބަލަހައްޓާށެވެ! ކޮންމެ ރެއަކު ނިދުމުގެ ކުރިން ލިސްޓް އަޅުވައި ކިޔާށެވެ! މާފުކުރަން ޖެހޭ ހުރިހާ ކަމަކަށް މާފުކޮށްފައި ނޫނީ ނުނިދާށެވެ! އެއިރުން މާދަމާ ކުރާނެ އެއްވެސް ޝަކުވާއެއް ދެމީހުންގެ ވެސް ނުއޮންނާނެއެވެ. ބުނަންހެއްޔެވެ؟ އެއިރުން ލިބޭ ނިދިކޮޅުވެސް ވަރަށް އަރާމުވާނެއެވެ! ފަތިސް ނަމާދަށް ހޭލެވޭއިރު ދެމީހުންވެސް ތިބޭނީ ހިނިތުންވެފައެވެ. ކޮފީ ބޯވަގުތުކޮޅާއިއެކު ދުވަސް ފެށޭނީ ހަމަ މާމުއިހަނދުގެ ޖަޒުބާތުތަކާއިއެކުގައެވެ! އަޖުމަ ބަލައިލަން ނިކަން ތަޖުރިބާ ކޮށްލަބަލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް