އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޅުވަކަރު މިސްކިތުގެ ތާރީޚް

ކަޅުވަކަރު މިސްކިތުގެ ތާރީޚް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 45 ސިކުންތު

ކަޅުވަކަރު މިސްކިތަކީ ހިރިގަލުން ބިނާކުރެވިފައިވާ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ރީތި މިސްކިތެކެވެ. ހިރިގަލާއި ކަޅުވަކަރުގައި ކުރެހުންތައް ކަނޑާނެގިފައިވާ އަދި މިސްކިތުގެ އެތެރޭގެ ބައިތައް ލާފެންކުރެވިފައިވާ ފުރިހަމަ މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގެ ނަމުން މި މިސްކިތަށް ނަން ދެވިފައިވަނީ މިސްކިތުގެ މަސައްކަތްތަކުގައި ކަޅުވަކަރު ބޭނުންކޮށްފައިވާތީއެވެ. ކަޅުވަކަރު ބޭނުންކޮށްގެން "ކަޅުވަކަރު މިސްކިތޭ" ކިޔާ ނަން ދެވިގެން ބިނާކުރެވިފައިވަނީ އެކު ޖުމްލަ 2 މިސްކިތް ކަމުގައި ތާރީޚީ ހޯދުންތަކުން އެނގެއެވެ. އެއީ ހުވަދު އަތޮޅު މަގުއްދޫ ގައި ހުރި ދެއްވަދޫ ރަސްގެފާނު ބެހެއްޓެވި ކަޅުވަކަރު މިސްކިތާއި އަދި މާލޭގައި ހުރާގޭ މުޙައްމަދު ފާށަނާ ކިލެގެފާނު ބަހައްޓަން ފެއްޓެވި މާލޭ ކަޅުވަކަރު މިސްކިތެވެ. މީގެ ތެރެއިން މިއަދާއި ހަމައަށް ފެންނަން ހުރީ މާލޭގައި ބެހެއްޓުނު ކަޅުވަކަރު މިސްކިތެވެ. 

ތާރީޚުން ފެންނަން ހުރި މައުލޫމާތުން އެނގޭގޮތުގައި ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފައްޓަވާފައިވަނީ  އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ބޮޑުފާށަނާކިލެގެފާނުގެ ރަސްކަމުގައެވެ. ކަޅުވަކަރު މިސްކިތުގެ މަސައްކަތް ނިމިފައި ވަނީ ޝަމްސުއްދީން 2 ގެ ރަސްކަމަށް ފަހު ރަސްކަންކުރެއްވި ދޮންބަންޑާރައިންގެ ދޮށީދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ސިރީ ކުލަ ސުންދުރަ ބޮވަނަ މަހާރަދުން (ކަޅުބަންޑާރައިން) ގެ ރަސްކަމަށް ފަހު ރަސްކަން ކުރެއްވި އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުއެވެ. 

ކަޅުވަކަރު މިސްކިތް ބިނާކުރައްވަން ފެއްޓެވީ، ޢިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެ ގަނޑުވަރު ހުރި ބިމުގައެވެ. މިއީ މިތަނުގައި މިސްކިތެއް ބިނާކުރެއްވުމަށް މި ޝަމްސުއްދީން ރަދުން ނަދުރުފުޅެއް ވިދާޅުވެފައިވާތީ ކަމަށް ބުނެވެއެވެ. މި ސަބަބަށްޓަކައި މި މިސްކިތުގައި ބޭނުންކުރެވިފައިވާ ކަޅުވަކަރަކީ މިސްކިތައްވުރެ ދޮށީ އެއްޗެއްކަމުގައި ބެލެވިދާނެއެވެ. 

ކަޅުވަކަރު މިސްކިތުގައިވާ މުސްކުޅި ތާނަ ލިޔުމުގައިވަނީ “އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބޮވަނަ މަހާރަދުންގެ ދިހަވަނަ އަވެރުދު މިދަނާރު ދަނާވަތި ބިނާކުރައްވާފައި” މިފަދައިންނެވެ. މިއީ ކަޅުވަކަރު މިސްކިތުގެ މަސައްކަތް އެކި ދުވަސްވަރު ކުރެވެމުން ގޮސް މިސްކިތުގެ މަސައްކަތް ނިންމި ވާހަކަ ކަމުގައި ބެލެވެއެވެ. 

މަޖީދީމަގާއި ކަރަންކާމަގު އިންވާ ހުޅަނގު އުތުރު ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ކަމުގައި އިބްރާހިމް ޝިހާބު ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް އިމާދުއްދީން ރަދުން އެތަނަށް މިސްކިތް ބަދަލު ކުރެއްވުމުގެ ކުރީގައި އެމިސްކިތް ހުރީ ކޮންތަނެއްގައިކަން މާ މުއުތަބަރު ގޮތެއްގައި އެނގި ހާމަވާކަށް ނެތެވެ. 

އިމާދުއްދީން ރަދުންގެ ފަހަށް އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ކަޅުވަކަރު މިސްކިތް ފުރަނަފުށީގެ ރިސޯޓު ހިންގި ފަރާތަށް ވިއްކަވާ ލެއްވިއެވެ. ކަޅުވަކަރު މިސްކިތް އުވާލެވުނީ 7 އޯގަސްޓް 1978ގައެވެ. 1 އޮކްޓޯބަރ 1978ގައި ނީލަން ކިޔައިގެން ކަޅުވަކަރު މިސްކިތް އެ ރިސޯޓުން މިސްކިތް ގަތީ 9715 ރުފިޔާ 26 ލާރި އަށެވެ. 

15 ޖެނުއަރީ 1979ގައި ރައީސް މައުމޫންގެ ސަރުކާރުން މިސްކިތް ނީލަން ކިއުމަކީ ހަމަޖެހޭ ކަމަށް ނުވާތީއާއި އަދި ކަޅުވަކަރު މިސްކިތަކީ އާޘާރީ ތަނެއްކަމުގައި ވާތީ އެ މިސްކިތް ސަރުކާރަށް ނަންގަވަން ނިންމެވިއެވެ. މިހެންވުމުން ފުރަނަ ޓްއަރިސްޓް ރިސޯޓް ހިންގަވާ ފަރާތެއް ކަމަށްވާ ޓްރެޝަރ އައިލެންޑް އެންޓަރ ޕްރައިޒަސްގެ ފަރާތުން އެކުންފުނީގެ ޗެއަރމަން މިސްޓަރ ވޭން.ވީ.ރީޑް މިސްކިތް އަނބުރާ ދިވެހި ސަރުކާރާ ހަދިޔާކުރެއްވީއެވެ. ފުރަނަފުށިން ސަލްޓަން ޕާރކް ކަންމައްޗަށް ކަޅުވަކަރު މިސްކިތް ބަދަލުކުރެއްވުމަށް ފަހު އަލުން ހުޅުއްވައި ދެއްވީ 5 ނޮވެމްބަރ 1980 ގައި ރައީސް މައުމޫނެވެ. 

2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައި ސަލްޓަން ޕާރކްގެ އިރު ދެކުނު ކަނުގައި ބެހެއްޓިފައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލެވި އެތަނުން ނެގުނެވެ. އޭގެ ފަހުގައި ކަޅުވަކަރު މިސްކިތް ގދ. ތިނަދޫއަށް ބަދަލުކުރުމުގެ ވާހަކައެއް ދެކެވުނެވެ. އަދި ހުޅުމާލޭގައި މިސްކިތް ރާވާ ބެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމި ވާހަކަވެސް އިވުނެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (މިހާރު، އާސާރީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު) ގެ ބެލެމުގެ ދަށުގައި ރައްކާތެރިކަމާއި އެކު މިސްކިތުގެ ބައިތައް ބެހެއްޓިފައިވާކަމަށް އެފަރާތުން ހާމަކުރި ނަމަވެސް ކަޅުވަކަރު މިސްކިތަށް ދެން ވާނެ ގޮތެއް އެއިރު އޮތީ ނޭނގުމުގެ ތެރޭގައެވެ. އަދި އެކަމާއި ގުޅިގެން މުޙައްމަދު ޠާރިގާއި ޑރ ޙުސައިން ރަޝީދު ކޯޓަށް މައްސަލަ އެއްވެސް ހުށަހެޅުއްވިއެވެ. ހަމަ މިކަމާއި ގުޅިގެން އެއިރު ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެގެ ވެރިޔަކަށް ހުންނެވި ނާއިބު ވަޒީރު އަލްފާޟިލާ ޔުމްނާ މައުމޫން އިސްތިއުފާ ދެއްވިއެވެ. 

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މިހާރު އަމާޒަކީ ނޮވެމްބަރު މަހުގެ ތެރޭގައި މި މިސްކިތް ރާވައި، ހުޅުވުމެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވައި ނިމޭއިރު، މިސްކިތުގެ ވަށައިގެންވާ ސަރަޙައްދު ޕާކެއްގެ ގޮތުގައި ތަރައްޤި ކުރެވޭނެއެވެ. މި ޕާކު ތަރައްޤީކުރެވޭނީ ޤައުމީ ދާރުލްއާސާރުގެ އައުޓްޑޯ އެގްޒިބިޝަން އޭރިއާވެސް ހިމެނޭ ގޮތަށެވެ. މިސްކިތް އަލުން ރޭވުމުގެ މަސައްކަތް މި ފެށިގެންދަނީ މިސްކިތުގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހުއެވެ.

 

މަޢްލޫމާތު: ހެރިޓޭޖް މިނިސްޓްރީ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް