އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓެރަރިޒަމްގެ ބިލް ރައީސް ޞާލިޙް ތަސްދީގު ކުރައްވައިފި!

ޓެރަރިޒަމްގެ ބިލް ރައީސް ޞާލިޙް ތަސްދީގު ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތަކީވެސް ޓެރަރިޒަމްގެ ޢަމަލުތައްކަމަށް ކަނޑައަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިފިއެވެ. މިބިލު ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ތިރީސްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމެވެ.

އެގޮތުން ތަޙްޤީޤުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދަޢުވާ އުފުލުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދޭ ޤާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި، ޒަމާނާ އެއްގޮތް ޤާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުމަކީވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ އެއް މަޤުސަދުކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނުގައި ކަނޑައެޅުމަކީވެސް މި ޤާނޫނަށް އިޞްލާހު ގެނައުމުގެ ބޭނުމެކެވެ.

މިބިލްގައިވާގޮތުން ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމަށް ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލުތައްކެވެ.

މީހެއްގެ ހަށިގަނޑަށް އަނިޔާއެއް ދިނުމާއި، އެހެން މީހެއްގެ ފުރާނައަށް ނުރައްކާ ކުރުމާއި، މީހަކު ރަހީނުކުރުމާއި، މުދަލަށް ގެއްލުން ދިނުން ހިމެނެއެވެ. އަދި އުޅަނދެއް ހައިޖެކްކުރުމާއި، ޢާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުމާއި، ޢުމްރާނީ ވަސީލަތަކަށް ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުމަށް ކުރެވޭ ކަންތައްތައް ތަކަކީވެސް ޓެރަރިޒަމެވެ.

މި ބިލްގައި ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައެޅުން ވެސް ހިމެނެއެވެ. އެގޮތުން ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތައް ކަނޑައަޅާނީ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓު މަދުވެގެން ކޮންމެ ބާރަ މަހަކުން އެއް ފަހަރު މުރާޖަޢާ ކުރަން ޖެހެއެވެ.

މީގެ އިތުރުން ސަރުކާރުގެ ޚާއްޞަ ހުއްދައެއް ލިބިގެންނޫނީ، ހަނގުރާމައަށް ނުވަތަ އެފަދަ ސަރަޙައްދަކަށް ދިޔުން އެއީ ކުށެއްކަމަށްވެސް ކަނޑައަޅާފައިވެއެވެ. އަދި މިއިން އެއްވެސް ކުށެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވުމަކީވެސް ކުށެކެވެ. މީގެއިތުރުން ހަނގުރާމައަށް މީހަކު ފޮނުވުމާއި އެކަމަށް މަސައްކަތްކުރުމާއި ހިތްވަރުދިނުމަކީވެސް ކުށެކެވެ. އަދި ޓެރަރިސްޓު ޖަމާޢަތަކަށް ތާޢީދުކޮށް ކުޜާކަންކަންމަކީ ވެސް ކުށެކެވެ.

ހަނގުރާމައަށް ނުވަތަ ހަނގުރާމަވެރި ސަރަޙައްދަކަށް ގޮސްފައި އެނބުރި ރާއްޖެއަށް އަންނަ މީހުންނާއި، އެމީހުންގެ ޢާއިލާގެ މެންބަރުންނަކީ ކުށްވެރިންތޯ ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބެލުމަށް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިރީސް ދުވަހުގެތެރޭގައި ކައުންޓަރ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފައްދަން ޖެހެއެވެ.

މީގެ އިތުރުން، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކެއް ވެސް މި ބިލުގައި ކަނޑައަޅާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ