އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު މަޖިލީހަށް ހުށަހަޅުއްވައިފި

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު މަޖިލީހަށް ހުށަހަޅުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނަވަން ބޭނުންފުޅުވާ މައިގަނޑު މަޤްޞަދުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ލާމަރުކަޒީ ޤާނޫނަށް މިފަދަ އިޞްލާޙް ތަކެއް ގެންނެވުމުގެ މައިގަނޑު މަޤްޞަދަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދެވުން ކަމުގައެވެ.

"މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް ގެނައުމަށް އަޅުގަނޑުމެންގެ ވިސްނުމަށް އައީ، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށް. ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ." މިއަހަރުގެ އޮގަސްޓް މަހު ބޭއްވި "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައިވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް މި އިޞްލާޙުގައި ހިމެނެއެވެ.

މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށްވެސް ޤާނޫނަށް ގެނައި އިޞްލާހު ތަކުގައި ހިމަނާފައިވެއެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ޤާނޫނަށް ގެންނަ އިޞްލާޙުގައި ކައުންސިލުތަކުގެ ސަރަޙައްދުގެ އިޚްތިޞާޞްގައިވާ އެންމެހާ ޤުދުރަތީ އަދި އުމުރާނީ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުކުރުމަށް ވެސް ހިމަނާފައިވެއެވެ.

މި އިޞްލާޙުގައި ކައުންސިލުތަކަށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުންވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ އިޞްލާޙުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަން މި އިޞްލާހުގައި ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު