އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެކުނު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިއްޖެ!

ދެކުނު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުން މަޑުޖެހިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 42 މިނެޓް, 55 ސިކުންތު

މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ އެއްގޮތަށް، ދެކުނު އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުން ވެސް، 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކުރެވިފައިވާ އަންދާޒާތަކަށް ވުރެ 1.1 އިންޞައްތަ ދަށަށް ގޮސް، 2019 ވަނަ އަހަރު 5.9 އިންސައްތަ އަށް މަޑުޖެހޭނެ ކަމަށް، ވާލްޑް ބޭންކް އިން އަހަރަކު ދެ ފަހަރު ނެރޭ ސަރަޙައްދީ އިޤްތިޞާދީ އަޕްޑޭޓްގައި ބުނެފި އެވެ. 

"ސިނާޢީ އުފެއްދުންތެރިކަމާއި އިމްޕޯޓް ކުރެވޭ މުދަލުގެ ނިސްބަތް ދަށަށް ދިއުމާއި، މާލީ މާކެޓްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ހާމަވެގެން ދަނީ ދެކުނު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން،" ހާޓްވިގް ޝޭފާ، ވާލްޑް ބޭންކް ވައިސް ޕްރެޒިޑެންޑް ފޯ ސައުތު އޭޝިއަން ރީޖަން، ވިދާޅުވި އެވެ. "ދުނިޔޭގެ އިޤްތިޞާދު އަދި އެތެރޭގެ ޝައްކުތަކުގެ ހިޔަނި ސަރަޙައްދީ އިޤްތިޞާދީ ކުރިއެރުމަށް އެޅިފައިވާއިރު، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ ނިސްބަތް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރެވޭނެ ފަދަ އިޤްތިޞާދީ ސިޔާސަތުތަކެއް ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުން ގެންގުޅެން ވަނީ ޖެހިފައި." 

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާ އަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ މަޑުޖެހުން ރަމްޒުކޮށްދެނީ 2008 އަދި 2012 ވަނަ އަހަރު ކުރިމަތިވި އިޤްތިޞާދީ އަދި ވިޔަފާރީގެ ހީނަރުކަމެވެ. އެއާ އެކު، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ މުދަލާއި ޚިދުމަތްތަކުގެ ނިސްބަތް އަދި އިންވެސްޓްމަންޓްތައް ކުޑަ ތަންކޮޅެއް ނަމަވެސް އިތުރުކުރެވިއްޖެ ނަމަ، ދެކުނު އޭޝިއާގެ އިޤްތިޞާދީ ކުރިއެރުން އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ވުރެ ތަންކޮޅެއް މައްޗަށް ޖެހިލައި، 2020 ވަނަ އަހަރު 6.3 އިންސައްތަ އަށް އަދި 2021 ވަނަ އަހަރު 6.7 އިންސައްތަ އަށް އަރާނެ ކަމުގެ ޢުންމީދު ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ. 

ރިޕޯޓުގައިވާ ޚާއްސަ ސެކްޝަނެއްގައި ފާހަގަކޮށްފައިވާ ގޮތުން، އިޤްތިޞާދުތައް ފުޅާވަމުން އަންނަ ވަރަކަށް، ދެކުނު އޭޝިއާގެ ޤައުމުތަކުން ވަނީ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުން ރަނގަޅުކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށް އަހައްމިއްޔަތުކަން ދޭން ފަށާފަ އެވެ. މިހާރަށް ވުރެ ބޮޑަށް ޞިޔާސީ އަދި މާލީ ޒިންމާތައް ސަރަޙައްދީ ސަރުކާރުތަކަށް ބަދަލުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައި ކުރެވެމުން އަންނަ މި ދަނޑިވަޅުގައި، ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ލާމަރުކަޒު ކުރުމަށް ކުރެވެމުން އަންނަ މި މަސައްކަތްތަކުގެ އެންމެ އެދެވޭ ނަތީޖާ މިހާތަނަށް ފެނިފައެއް ނުވެ އެވެ. 

ލާމަރުކަޒީ ނިޒާމެއް އެންމެ އެކަށޭނަ ގޮތުގައި ހިންގުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި އުފެއްދުންތެރި ޚިޔާލުތައް ކުރިއަރުވައި އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މައި ސަރުކާރުތަކުން އެހީތެރިވެދިނުމާ އެކު، ކޮލިޓީ ކޮންޓްރޯލް ކުރެވެންޖެހޭނެ އެވެ. ހަމައެކަނި ބާރުތައް ދިނުމުގެ ބަދަލުގައި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރަޙައްދީ ސަރުކާރުތައް ބާރުވެރިކުރުމުގެ މަސައްކަތުގައި މައި ސަރުކާރަށް އިސް ދައުރެއް އަދާކުރެވޭނެ ގޮތަކަށް، ސަރުކާރުގެ އެކި ފަންތިތަކުގައި އެއްބާރުލުން ދެވޭނެ ފަދަ ނިޒާމެއް ގާއިމްކުރުމަށް ރިޕޯޓުގައި ގޮވާލާފައިވެ އެވެ. 

"ލާމަރުކަޒީ ނިޒާމަކުން ލިއްބައިދޭނެ ކަމަށް ޔަޤީންކުރާ ފައިދާތައް ދެކުނު އޭޝިއާ ސަރަޙައްދަކުން މިހާތަނަށް ފެނިފައެއް ނުވެ އެވެ. އެކަން އެންމެ ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ، ބައިބައިވުން އުފެދުމަކީ އެކަށީގެންވާ ކަމެއް،" ހެންސް ޓިމާ، ވާލްޑް ބޭންކް ޗީފް އިކޮނޮމިސްޓް ފޯ ދަ ސައުތު އޭޝިއަން ރީޖަން، ވިދާޅުވި އެވެ. "ލާމަރުކަޒީ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ވަޞީލަތްތައް އަދުލުވެރިކަމާ އެކު ކަނޑައަޅައި، ގުޅިލާމެހިފައިވާ ބާޒާރުތަކެއްގައި ސަރަޙައްދީ ފަރާތްތަކަށް ވާދަކުރުމުގެ ޤާބިލްކަން ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދިނުމަށް ދެކުނު އޭޝިއާގެ މައި ސަރުކާރުތަކަށް އަޅުގަނޑުމެން ހިތްވަރުދެން."

 

2020 (އ)

2020 (އ)

2019 (އ)

2018

ދެކުނު އޭޝިއާގައި ޖީޑީޕީ ކުރިއެރުން ހުރި މިންވަރު

3.5

3.0

2.5

1.8

އަފްޣާނިޞްތާން (މީލާދީ އަހަރު)

7.3

7.2

8.1

7.9

ބަންގްލަދޭޝް  (މާލީ އަހަރު)

5.9

7.4

5.0

4.6

ބޫޓާން (މާލީ އަހަރު)

7.2

6.9

6.0

6.8

އިންޑިއާ (މާލީ އަހަރު)

5.6

5.5

5.2

6.7

ދިވެހިރާއްޖެ (މީލާދީ އަހަރު)

6.5

6.4

7.1

6.7

ނޭޕާލް (މާލީ އަހަރު)

3.0

2.4

3.3

5.5

ޕާކިސްތާން (މާލީ އަހަރު، ތަކެތީގެ އަގުތަކާ އެކު)

3.7

3.3

2.7

3.2

ސްރީ ލަންކާ (މީލާދީ އަހަރު)

 

މަޢުލޫމާތު: ވާލްޑް ބޭންކް. ޖީޑީޕީ: ޤައުމީ އުފެއްދުންތެރިކަމުގެ ނިޞްބަތް. އ: އަންދާޒާ؛ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާންގައި 2019 ގެ ގޮތުގައި ބަލަނީ، ޖޫން 2019 ގައި ނިމޭ، 2018/19 މާލީ އަހަރު. އިންޑިއާގައި، 2019 ގެ ގޮތުގައި ބަލަނީ، މާޗު 2020 ގައި ނިމޭ، 2019/20 މާލީ އަހަރު.

 

·       އަފްޣާނިޞްތާންގައި، ދަނޑުވެރިކަން ރަނގަޅުވުމާ އެކު އިންތިޚާބަށް ފަހު ސިޔާސީ ހަމަޖެހުން އަންނާނެ ކަމަށް ބަލައިގެން، އިޤްތިޞާދީ ކުރިއެރުން ޢިއާދަވެ، 2020 ވަނަ އަހަރު 3 އިންސައްތަ އަށް އަދި 2021 ވަނަ އަހަރު 3.5 ޕަސެންޓަށް އަރާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، މި އަންދާޒާކުރުން ބިނާވެފައި ވަނީ ވަރަށް ނާޒުކު ޙާލަތްތަކެއްގެ މައްޗަށެވެ. އެގޮތުން، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢް އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާ މެދު އޮތް ޔަޤީންކަން ކުޑަވުމާއި، އިންތިޚާބާ ގުޅިގެން އުފެދިދާނެ ހަމަނެޖެހުންތައް އަދި ތާލިބާނުންނާ އެކު ކުރެވެމުންދާ ޞުލްޙައިގެ މަޝްވަރާތަކުގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

 

·       ބަންގްލަދޭޝްގައި، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މި މާލީ އަހަރު 7.4 އިންސައްތަ އަށް އަދި އަންނަ މާލީ އަހަރު 7.3 އިންސައްތަ އަށް މަޑުޖެހޭނެ ކަމަށް އަންދާޒާކުރެވެ އެވެ. މާލީ ދާއިރާގައި ހުރި ގޮންޖެހުންތަކުގެ ހިޔަނި މި އަންދާޒާކުރުމަށް އެޅިފައިވީ ނަމަވެސް، ވަށާޖެހޭ އިޤްތިޞާދީ އޮނިގަނޑަކާއި، ސިޔާސީ ހަމަޖެހުން ޤާއިމްވެފައި އޮތުން އަދި ޢާންމު ޚިދުމަތްތަކަށް ކުރެވެމުން އަންނަ ވަރުގަދަ އިންވެސްޓްމަންޓްތަކާ ގުޅިގެން އިޤްތިޞާދީ ކުރިއެރުން 7 އިންސައްތަ އަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެ އެވެ.

 

·       ބޫޓާންގައި، އާ ހައިޑްރޯޕަވާ ޕްލާންޓެއް ކަމަށްވާ މަންގްޑެޗޫގެ މަސައްކަތް ފެށުމާއި އެހެން ހައިޑްރޯޕަވާ ޕްލާންޓެއް ކަމަށްވާ ޓާލާގެ މަރާމާތުގެ މަސައްކަތް ނިމުމާ ގުޅިގެން، މި މާލީ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) 7.4 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާކުރެވެ އެވެ. ފަތުރުވެރިކަން ކުރިއަރާ މިންވަރު އިތުރުވުމާއި މިހާރު ހުރި ކަރަންޓް އުފައްދާ ކާރުޚާނާތަކުން ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުން، 2021 ވަނަ މާލީ އަހަރު އިޤްތިޞާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ 6 ޕަސެންޓަށް ވުރެ ކުޑަ ތަންކޮޅެއް ދަށުގަ އެވެ.

 

·       އިންޑިއާގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުތަކުގައި އިޤްތިޞާދު މަޑުޖެހިފައި އޮތް އޮތުމަށް ފަހު، އިޤްތިޞާދީ ކުރިއެރުން މި މާލީ އަހަރު 6 އިންސައްތަ އަށް ވެއްޓޭނެ ކަމަށް އަންދާޒާކުރެވެ އެވެ. އިޤްތިޞާދީ ކުރިއެރުން މަޑުމަޑުން ރަނގަޅުވެ، 2020/21 ވަނަ މާލީ އަހަރު 6.9 ޕަސެންޓަށް އަދި ޖެހިގެން އަންނަ އަހަރު 7.2 ޕަސެންޓަށް އަރާނެ ކަމަށް ބެލެވެ އެވެ.

 

·       ބައިނަލްއަޤްވާމީ އެއާޕޯޓާއި ބްރިޖުގެ މަސައްކަތް ނިމުމާ ގުޅިގެން އިމާރާތްކުރުމުގެ ސިނާޢަތް މަޑުޖެހިފައިވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2019 ވަނަ އަހަރު 5.2 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެހެން ނަމަވެސް، އާ އިންފްރަސްޓްރަކްޗާ ވަޞީލަތްތައް ޤާއިމްކުރުމަށް އިންވެސްޓް ކުރުމާއި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެގެން ދިއުމުގެ ސަބަބުން، އަންދާޒާކުރެވޭ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އެވްރެޖްކޮށް 5.6 އިންސައްތަ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

 

·       ނޭޕާލްގައި، މި މާލީ އަހަރު އަދި އަންނަ މާލީ އަހަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) އެވްރެޖްކޮށް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 6.5 އިންސައްތައިގަ އެވެ. މި ކުރިއެރުމަށް ބާރު ލިބެނީ، ފަތުރުވެރިން ޒިޔާރަތްކުރާ ނިޞްބަތް އަދި ޢާންމު ޚިދުމްތަކަށް ކުރެވޭ ހޭދަ އިތުރުވަމުން ދިއުމުގެ ސަބަބުން ޚިދުމަތްތައް އަދި އިމާރާތްކުރުމުގެ ދާއިރާ ވަރުގަދަވަމުން ދިއުމެވެ.

 

·       ޕާކިސްތާންގައި، މާލީ ސިޔާސަތު ހިފަހައްޓާފައި ވުމާއި އެ ސިޔާސަތުތަކުގެ ސަބަބުން އެތެރޭގެ ޑިމާންޑް ދަށަށް ދިއުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން މި މާލީ އަހަރު 2.4 އިންސައްތަ އަށް ދަށަށް ދާނެ ކަމަށް އަންދާޒާކުރެވެ އެވެ. އައިއެމްއެފްއާ އެކު ސޮއިކޮށްފައިވާ ޕްރޮގްރާމްގެ ސަބަބުން 2021 ވަނަ މާލީ އަހަރާއި 2022 ވަނަ މާލީ އަހަރުން ފެށިގެން އިޤްތިޞާދީ ކުރިއެރުން ރަނގަޅުވާން ފަށާނެ ކަމަށް ބެލެވެ އެވެ.

 

ސްރީ ލަންކާގައި، 2019 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުން 2.7 އިންސައްތަ އަށް މަޑުޖެހިގެންދާނެ ކަމަށް އަންދާޒާކުރެވެ އެވެ. އެހެން ނަމަވެސް، މިދިޔަ އަހަރު ސަލާމަތީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ސިޔާސީ ހަލަބޮލިކަން ފިލައި ގޮސް، އިންވެސްޓްމަންޓްތަކާއި އެކްސްޕޯޓް ރަނގަޅުވާން ފަށާފައި ވުމުގެ ސަބަބުން، އިޤްތިޞާދީ ކުރިއެރުން 2020 ވަނަ އަހަރު 3.3 އިންސައްތަ އަށް އަދި 2021 ވަނަ އަހަރު 3.7 އިންސައްތަ އަށް އަރާނެ ކަމަށް ބެލެވެ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް