އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ނައްތާލަން އަތޮޅު ހޮސްޕިޓަލްތަކުގެ ދައުރު ވަރަށް މުހިންމު: ރައީސް

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ނައްތާލަން އަތޮޅު ހޮސްޕިޓަލްތަކުގެ ދައުރު ވަރަށް މުހިންމު: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 12 ސިކުންތު

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކޮށްދޭ ނުރައްކާތެރި އާދައެއްކަން ފާހަގަކުރައްވާ، މިކަމުގެ ނުރައްކާ ނައްތާލަން އަތޮޅު ހޮސްޕިޓަލުތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ވިލާތުގެ ޑޮކްޓަރީ ބޭސްވެރިކަން 1970 ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ތަޢާރަފުވި ހިސާބުން ފެށިގެން ފާއިތުވި އަހަރުތަކުގައި ޞިއްޙީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ތެރެއިން އެންމެ ރަނގަޅު އެއް ބަދަލަކީ ގައިން ގަޔަށް އަރާ ބޮޑެތި ބަލިތައް ރާއްޖެއިން ނައްތައިލެވުން ކަމަށެވެ. އަދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް ތަރައްޤީ ކުރެވުން ކަމުގައެވެ.

އަދި، މިކަމުގައި އޭރުގެ ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ކުރެއްވި ބުރަ މުސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ދުޅަހެޔޮ ދިރިއުޅުމަކަށް ވިސްނާއިރު، އަދިވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ގިނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމަށް ކުރަންޖެހިފައިވާ ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، މި ފަދަ ބަލިތަކާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދެމެދު އޮތް ގުޅުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންގެ ޢާންމު ޞިއްޙަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދި ވަރަށް ބޮޑު ނުރައްކަލެއް. މި ނުރައްކާ ނައްތާލަން އަޅުގަނޑުމެން އެބަ ތެދުވަންޖެހޭ. އަޅުގަނޑު ހިތުން މިފަދަ ހޮސްޕިޓަލްތަކުން އެކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ،" ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުރައްކާތެރިކަމާއި، ގައިން ގަޔަށް ނާރާ ބަލިތަކުން ސަލާމަތްވާން އޮތް ހަމައެކަނި ފަރުވާއަކީ ބޭސް ކަމުގައި ދެކިގެން މި މައްސަލައަށް ޙައްލެއް ނުލިބޭނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ޢާންމު ޞިއްޙީ ނިޒާމު ވަރުގަދަ ކުރުން. ދިރިއުޅުމުގެ އާދަތަކާއި ކެއުންބުއިމުގައި ޞިއްޙީ މިންގަނޑަށް އިސްކަން ދިނުން. ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަމަށް ޤަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުން. ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖްތަމަޢުގެ ފަރުދުންނާއި ޢާއިލާތަކުގެ ޞިއްޙަތު ސަލާމަތްކޮށްދީ، ދުޅަހެޔޮކަން އިތުރުކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެކަން ޙާޞިލްކުރެވޭނީ، ރަށު ފެންވަރާއި، އަތޮޅު ފެންވަރާއި، އަދި ޤައުމީ ފެންވަރުގައި މިކަމަށް މަސައްކަތް ކޮށްގެން ކަމަށާއި، މުޅި މުޖުތަމަޢު އެކުގައި ތެދުވެގެން ކަމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތުގައި 25 އަހަރު ޚިދުމަތް ކޮށްފައިވާ 12 ފަރާތަކަށް އެކަމުގެ ހަނދާނީ ފިލާ ހަވާލު ކޮށްދެއްވާފައެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ދ. އަތޮޅުގެ "ބެސްޓް ހެލްތް ސެންޓަރ" އަދި 2018 ވަނަ އަހަރު ދ. އަތޮޅު ހޮސްޕިޓަލުގެ އެންމެ ރަނގަޅު މުވައްޒަފަށް ހަނދާނީ ފިލާ ދެއްވުމާއި، "ދ. ކުޑަހުވަދޫ ކޮންމެ ގެއަކަށް ފުރަތަމަ އެހީދޭނެ މީހެއް،" ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ ފަރާތުން ކުޑަހުވަދޫގެ ކޮންމެ ގެއަކަށް ފަސްޓް އެއިޑް ކިޓެއް ހަވާލުކުރުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ.

ދ. އަތޮޅުގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ފެށިގެން ދިޔައީ 21 ޖުލައި 1969 ގައެވެ. އެއީ، މީގެ 50 އަހަރު ކުރީން ރާއްޖޭގައި ހަތަރުވަނައަށް ބިނާކުރި ޞިއްޙީ މަރުކަޒެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު