އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ޚިދުމަތް ފައްޓަވައިދެއްވައިފި

ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ޚިދުމަތް ފައްޓަވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދ. އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ މި ޚިދުމަތް ދިނުމަށް ޚާއްޞަކޮށްފައިވާ ތަން ބައްލަވާލައްވައިފައެވެ.

ދ. އަތޮޅުގައި ޞިއްޙީ މަރުކަޒެއް ބިނާކޮށް، ޞިއްޙީ ޚިދުމަތް ދޭން ފެށީ 21 ޖުލައި 1969 ގައެވެ. ކުޑަހުވަދޫ ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކޮށް، ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ 24 މެއި 2002 ގައެވެ. ޑެންޓިސްޓެއްގެ ޚިދުމަތާއިއެކު، ދ. އަތޮޅު ހޮސްޕިޓަލުގައި މި ވަގުތު ފޯރުކޮށްދޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ހިމެނެއެވެ.

ދ. އަތޮޅުގެ ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ، ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކަށް ހުރި ދަތިތަކާއި ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ދ. އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުއައްސަސާތަކަށް މުވައްޒަފުން ހޯދުމާއި ޢިމާރާތްތަކުގެ ޖާގައިގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، އެންމެ އެކަށީގެންވާ ގޮތެއްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާއި، ބޭންކިންގގެ ޚިދުމަތްތައް ދިނުމުގައި ހުރި ގޮންޖެހުންތަކާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުރި ދަތިތަކާއި، ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ކަންތައްތަކާއިމެދު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުއައްސަސާތަކުގެ އިސް ވެރިން ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ޙައްލު ކުރެވޭނެ ކަންތައްތައް ބައްލަވައި، އެކަންކަން ޙައްލު ކުރައްވަން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު