އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙް ދ. އަތޮޅަށް ކުރައްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޞާލިޙް ދ. އަތޮޅަށް ކުރައްވި ދަތުރުފުޅު ނިންމަވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ހުޅުދެއްޔަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ހުޅުދެއްޔަށެވެ. ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އޮންނާނީ އިސްލާމްދީންކަމަށާއި ދީނަށް ގޮންޖަހައި، ބަދުބަސްބުނެ، ކީރިތި ރަސޫލުﷲ صلّى اللّه عليه وسلّمއަށް މަލާމާތްކުރުމަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އިސްލާމް ދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުޅުދެލީގެ ތަރައްޤީއަށް ކުރިޔަށްގެންދެވޭ ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް ޙިއްޞާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ހުޅުދެއްޔަށް ކުރެއްވި މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގެ މަޢުލޫމާތާއި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރެއްވި މި ޒިޔާރަތުގައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ އަދި ދ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ދ. އަތޮޅާއި ކުޑަހުވަދޫގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގެ މަޢުލޫމާތާއި އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަރަކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރޭ ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކޮށްދޭ ނުރައްކާތެރި އާދައެއްކަން ފާހަގަކުރައްވާ، މިކަމުގެ ނުރައްކާ ނައްތާލަން އަތޮޅު ހޮސްޕިޓަލުތަކުން މުހިއްމު ދައުރެއް އަދާކުރެވޭނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދ . އަތޮޅު ޞިއްޙީ ޚިދުމަތުގެ ތާރީޚަށް ބައްލަވާލެއްވުމުގެ އިތުރުން ސަރުކާރުން ދ. އަތޮޅު ހޮސްޕިޓަލުގެ ކުރިމަގަށް ރާއްވަވާފައިވާ ކަންކަމާއި މުޅި ކުޑަހުވަދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމާބެހޭ ބައެއް ތަފްޞީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގައި ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް މިއަދު ހެނދުނު ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އެ ހޮސްޕިޓަލުގައި މިހާރު ފޯރުކޮށްދޭ ސްޕެޝަލިސްޓް ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޑޮކްޓަރަކާއި، ހޭނައްތާ ޑޮކްޓަރަކާއި، އޮޕަރޭޝަން ޑޮކްޓަރަކާއި، އެތެރެ ހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ހިމެނެއެވެ.
ރައީސުލްޖުމްހުރިއްޔާ މިއަދު ވަނީ ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސް ވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ