އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމެއްގަ އަޣްލަބިއްޔަތަށް ބަލައިފިނަމަ ނަރަކައިން ސަލާމަތެއް ނުވެވޭނެ ކަމަށް ބިރުވެތިވޭ!

ކޮންމެ ކަމެއްގަ އަޣްލަބިއްޔަތަށް ބަލައިފިނަމަ ނަރަކައިން ސަލާމަތެއް ނުވެވޭނެ ކަމަށް ބިރުވެތިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ސޯޝަލް މީޑިއާގައި ކުރާ ދިރާސާއަކުން ނުވަތަ ވަކި ބައަކާ ސުވާލުކޮށްގެން ކުރާ ދިރާސާއަކުން އަޣްލަބިއްޔަތެއް ނުއެނގޭނެއެވެ. އެހެނީ މުޖުތަމައުގެ އެންމެން އެކަމުގައި ބައިވެރިނުވާތީއެވެ. އަދި ގިނަ ފަހަރު މިފަދަ ކަންކަމުގައި ބައިވެރިވާ ގިނަ މީހުންނަކީ ވަކި ގޮތަކަށް ނަތީޖާ ނެރެން ބޭނުންވާ މީހުން ކަމުގައިވާތީއެވެ. އަދި ގިނައިން ދިރާސާ ކުރުމުގައި ސުވާލު ކުރަނީވެސް ބޭނުންވާ ވަކި ގޮތަކަށް ދިރާސާގެ ނަތީޖާ ނެރުމަށް މަގުފަހިވާނެ ގޮތަށް ކަމުގައިވާތީއެވެ.

ޞަހާބީންގެ މެދުގައިވެސް ޚިޔާލުތަފާތުވުން އޮތެވެ. ހަމަ އެކަނި ޖަދަލު ނުކުރައްވަވަނީ ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތާއި މެދުގައެވެ. އެހެން ހުރިހާ ކަންކަމުގައިވެސް ޚިޔާލުފުޅުތައް ތަފާތުވެފައި އެބަހުއްޓެވެ. ބަހުސްތައް ވަނީ ކުރައްވައިފައެވެ. ނަމަވެސް ހުރިހާ ކަމެއްގެ ހައްލު ހޯއްދެވީ ދަލީލުތަކުންނެވެ. 

ކަންކަން ނިންމެވުމުގައި ބައްލަވާފައިވަނީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކަށެވެ. އެއިން ފެނިވަޑައި ނުގެންނެވި ކަންކަން ނިންމެވީ ޢިލްމުވެރިންގެ އަޣްލަބިއްޔަތުންނެވެ. ހަތަރު ޚަލީފާއިން ވެސް ޢަމަލުފުޅު ކުރެއްވެވީ ހަމަ އެގޮތަށެވެ. ދީނުގެ ޢިލްމު އެންމެ ބޮޑަށް ލިބިވަޑައިގެން ތިއްބެވި ޞަޙާބީންގެ ލަފާފުޅާއި އިރުޝާދު ހޯއްދެވިއެވެ. 

ޚިޔާލުތަފާތުވާ ކަންކަމުގައި އަމަލުކުރަން އިސްލާމް ދީނުގައި އޮތީވެސް އެގޮތަށް ކަމަށްވާތީއެވެ. މަޝްވަރާގެ އުޞޫލުން ކަންކަން ނިންމުމާއި އަޣްލަބިއްޔަތަށް ކަންކަން ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިއަދުގެ ކާފަރުން ވެސް ޤަބޫލުކުރެއެވެ. ޑިމޮކްރަސީގެ ނަމުގައި އެއުފުލަނީ އެކަމުގެ އަޑުތަކެވެ. ކީރިތި ޤްރުއާނުގެ ވާހަކަތަކާއި އިސްލާމް ދީނުގެ ވާހަކަތައް ދައްކަން އެމީހުން ލަދުގަންނާތީ ކުރި ހަމައެކަނި ކަމަކީ އިތުރު ނަމެއް އުފެއްދުމެވެ. "ޑިމޮކްރަސީ" އުފަންކުރުވުމެވެ.

އަޣްލަބިއްޔަތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގެން ދެކޮޅު ނުޖެހޭނެ ސަބަބުތައް ވަރަށް ގިނައެވެ. އެހެނީ އަޣްލަބިއްޔަތަށް ތަބާވުން އޮތީ ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތާއި ޚިލާފް ނުވާ ކަންކަމުގައެވެ. ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތާއި ޚިލާފަށް ކިތަންމެ ގިނަ ބައަކު ތާއީދުކުރި ނަމަވެސް އެއީ ޞައްޙަ ނިންމުމަކަށް ނުހެދޭނެއެވެ. 

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭއިރު މިކަން އެނގިގެން ދެއެވެ. ސުވަރުގެ ވަނުމުގެ ފުރުޞަތު ލިބިގެން ދާނީ 100 އަކުން މީހަކަށް ނުވަތަ 1000 އަކުން މީހަކަށެވެ. ވީމާ މިކަމުން އެނގިގެންދަނީ ގިނަ ބައަކު ދުނިޔޭގައި އުޅެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނޫން ކަމެވެ. އެމީހުން ބޭނުންވި ގޮތަކަށް ކަމެވެ. ﷲ ތައާލާ އެންގެވި ގޮތް ނޫން ގޮތްތައް ޤަބޫލުކުރި މީހުންގެ އަދަދު މާގިނަކަމެވެ. އެމީހުންގެ އަޣްލަބިއްޔަތު ބާބޮޑު ކަމެވެ.

މިކަމުން އެނގިގެން ދަނީ އަޣްލަބިއްޔަތަށް ތަބާވުމުގައި ބަލަން ޖެހޭނީ މި ތަބާވަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުކުރުމަށް ކަމެވެ. ނޫންނަމަ ދުނިޔޭގެ އެންމެން އެއްކޮޅަށް އެރި ނަމަވެސް ތަބައަވުމެއް ނެތެވެ. އަދި ކިތަންމެ ބޮޑު، ބާރުގަދަ މަޖިލީހަކުން ފާސްކުރި ނަމަވެސް ބަލައިގަތުމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް