އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެދުވަހުގެ ނުރައްކާތެރި ހާދިސާއިން ސަލާމަތްވީ މާތް ﷲ ދެއްވި ނަސްރުން. އެކަލާނގެ ފިޔަވާ އެހެން ފަރާތަކުން ނަސްރެއް ނުލިބޭނެ!: ރައީސް މައުމޫން

އެދުވަހުގެ ނުރައްކާތެރި ހާދިސާއިން ސަލާމަތްވީ މާތް ﷲ ދެއްވި ނަސްރުން. އެކަލާނގެ ފިޔަވާ އެހެން ފަރާތަކުން ނަސްރެއް ނުލިބޭނެ!: ރައީސް މައުމޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 7 ސިކުންތު

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ހަމަ ޔަގީނުންވެސް ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ދުވަހެއް ނޭނެވެ. އެދުވަހު ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ޝްކީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަރާ، ދިން އުދުވާނީ ހަމަލާގައި ބައެއް ދިވެހިން ވެސް ޝާމިލުވެފައިވުމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެކެވެ.

"ބަޑި ބުރާސްފަތި" ގެ ލަގަބު ދީފައިވާ އެދުވަހު އަޅުގަނޑުމެންނަށް ނަސްރު ލިބުނީ އަޅުގަނޑުމެންގެ ލޮބުވެތި ސިފައިންވީ ޤުރުބާނީ އާއި އަވަށްޓެރި އިންޑިއާގެ އަސްކަރިއްޔާއިން ވެދިން އެހީތެރިކަމުގެ އިތުރުން އެއިރު ރައީސްކަމުގައި ހުންނެވި ރައީސް މައުމޫންގެ ދުރު ވިސްނުންފުޅުން ކަމުގައި ތާރީޚު ދަންނަ ގިނަ ބަޔަކު ކިޔައިދީފައިވެއެވެ.

އެދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ އެދުވަހަކީ އެމަނިކުފާނުގެ މުޅި ޙަޔާތުގައި ވެސް ހަނދާނުން ފުހޮވިގެން ނުދާނެ ދުވަހެއް ކަމަށެވެ.

ހަމަ ހިމޭން ކަމާއެކު ފެށުނު އެދުވަހުގެ ހަމަހިމޭންކަން ގެއްލުވާލީ، ބޭރުން މާލެއަށް ފޭބި އަދުއްވުންގެ ބަޑީގެ އަޑުފަށްގަނޑުންނެވެ. ތިން ބަޔަކަށް ބެހިލައިގެން މާލެ އެރި އަދުއްވުންގެ ތެރެއިން އެއްބައެއްގެ އަމާޒަކަށްވީ އެއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން އާއި އެމަނިކުފާނުގެ އާއިލާ ހިފާ ހައްޔަރު ކުރުމެވެ. ނުވަތަ އަވަހާރަ ކޮށްލުމެވެ.

ރިޔާސީ ގަނޑުވަރަށާއި ސިފައިންގެ މައި މަރުކަޒަށް އެއަދުއްވުން ހަމަލާ ދެނިކޮށް، އުމުރުން އަށް އަހަރުގެ ޣައްސާން މައުމޫނާއި އަނބިކަނބަލުން ނަސްރީނާ މައުމޫނާއެކު އެދުވަހުގެ ފަތިސް ގަޑީގައި ފައި މަގުގައި އެމަނިކުފާނު ނިކުންނެވީ ރައްކާތެރި ހިޔާވަހިކަމެއް އަވަހަށް ހޯއްދެވުމަށެވެ. އެހިޔާވަހިކަމަށް ދެވުމާއެކު، ބޭރުގެ އެހީތެރިކަން ހޯއްދެވުމަށް ރައީސް މައުމޫން ފޯނު ކުރައްވަމުން ގެންދެވިއެވެ. މާތް ﷲ ގެ ވާގިފުޅާއި އިރާދަފުޅާ، ސިފައިން ކުރެއްވި ޖިހާދާއެކު އަދި ރައީސް މައުމޫންގެ އެފޯނުކޯލުތަކުގެ ސަބަބުން އެދުވަހުގެ ހަމަލާތަކުން މިބިން ސަލާމަތްވެ އަދުއްވުންގެ ކިބައިން ނަސްރު ލިބުނެވެ.

"1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއިން ސަލާމަތްވީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވި މަތިވެރި ނަސްރުން. އެހެންކަމުން އެނަސްރު ދެއްވި ކަމަށްޓަކައި ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފިޔަވާ އެހެން ފަރާތަކުން ނަސްރެއް ނުލިބޭނެ!" ރައީސް މައުމޫން އެބަސްދީގަތުމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ އެދުވަހު އެފަދަ ހަމަލާއެއް ލިބެން އުޅޭކަމުގެ އެއްވެސް އިންޒާރެއްވެސް އެންމެ ފުރަތަމަ ލިބިފައިނުވާ ކަމަށެވެ.

"ކުއްލިއަކަށް ދިމާވި ކަމެއް ކަމަކީ. އެއަހަރަކީ އަޅުގަނޑު ތިންވަނަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޙާބު ވެގެން އެމަގާމު ފުރުމަށްޓަކައި ތައްޔާރުވަމުން ދިޔަ ދުވަސްވަރު. އެއީ އެއަހަރުގެ 11 ނޮވެމްބަރ ގަ އަޅުގަނޑުގެ ތިންވަނަ ދައުރު ފެށޭނީ. އެހެންކަމުން އެކަމަށް ތައްޔާރުވުމަށްތަކައި އެދުވަހު ކަންތައް ކުރައްވާނެ ގޮތް ޚުލާސާ ކުރުމަށްޓަކައި އަޅުގަނޑުގެ އޮފީހުގައި އުޅުއްވި ބޭފުޅެއް ކަމަށްވާ އަލް-މަރްޙޫމް މުޙައްމަދު ޞާދިގު، އެދުވަހު ގަނޑުވަރަށް ގެނެސްގެން އަޅުގަނޑު އިނީ އެމަސައްކަތުގަ. އެއީ 3 ވަނަ ދުވަހުގެ އިރާކޮޅު، އެރޭ ދަންވަރު އެކެއް ޖަހަންދެން އެމަސައްކަތުގަ އިންނެވީ. އެއަށްފަހު އަޅުގަނޑު ނިދަން އޮށޯތީ. އެއިރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހި ކުޑަކޮށް ގުގުރާހަދާ. އަލުގަނޑަށް ފަތިހު ހޭލެވުނީ ގާތްގަނޑަކަށް 4:25 ހާއިރު. ހޭލެވުނުއިރު އަޑުތަކެއް އިވެނީ. އެންމެ ފުރަތަމަ އަޅުގަނޑު ހިތައް އެރީ އެވާނީ ވިއްސާރައިގެ ސަބަބުން ގުގުރުމުގެ އަޑަށޭ. އެހެން ނަމަވެސް އިރުކޮޅަކުން އެނގިއްޖެ ގުގުރާ އަޑެއް ނޫންކަން. ފަޓާސް ތަކެއްހެން އަޑުތަކެއް އިވެން ފެށީމަ އަޅުގަނޑުގެ ހިތައް ޝައްކެއް ވަތް. ދެން އެވަގުތު ތީމުގޭގަ ސެކިއުރިޓީގަ ތިއްބެވި ބޭފުޅުންނަށް ގުޅާފަ އަޅުގަނޑު އަހާލީ އެއީ ކޮން އަޑުތަކެއްތޯ. އޭގެތެރެއިން އެއް ބޭކަލަކު ބުނުއްވީ ސީރިއަސް ކަމެކޭ. ސިފައިންގެ ކައިރިއަށް ބަޔަކު ގޮސް ބަޑި ޖަހަނީއޭ. ދެން އަޅުގަނޑު މަސައްކަތް ކުރީ ސިފައިންގެވެރިޔާގެ ނައިބު އިލްޔާސް އިބްރާހިމް އަށް ގުޅޭތޯ. ހަމަ އެވަގުތު އެމަނިކުފާނު އަޅުގަނޑަށް ފޯނު ކުރައްވައިފި. ފޯނު ކުރައްވާފަ ވިދާޅުވި އުޅެނީ ވަރަށް ނުރައްކާތެރިކަމެއް ދިމާވެގެންނޭ، ބަޔަކު އަރާ ސިފައިންގެއަށް ބަޑި ޖަހަނީ އޭ. އެމީހުން މިތަނަށް ވެސް އެބަ އާދެއޭ މިހާރު އެއޮށް އަންނަނީއޭ ވިދާޅުވެފަ ފޯނު ބޭއްވީ.

އެހިސާބުން ފެށިގެން އަޅުގަނޑަށް އެނގުނީ ވަރަށް ނުރައްކާތެރި ބިރުވެރި ދުވަހެއް އަޅޫގަނޑުމެންނާއި ކުރިމަތިވެއްޖެކަން." އުދުވާނީ ހަމަލާދިން ދުވަހު ކަންތައްތައް ފެށުނު ގޮތް ކިޔައިދެއްވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.

އެދުވަހަކީ ރައީސް މައުމޫން އަށާއި އެމަނިކުފާނުގެ އާއިލާއަށް ވެސް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވި ދުވަހެއް ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ "އެމީހުން" (އުުދުވާނީ ހަމަލާ ދިން މީހުންނާއި އެކަން ރޭވި މީހުން) ގަސްދުކޮށް، ރާވާފައި އޮތީ ސަރުކާރު ވައްޓާލަން ކަމަށެވެ. ފަހުން ކުރި ތަހުގީގުތަކުންނާއި އެމީހުންގެ ބަޔާންތަކުން ވެސް ވަރަށް ރަނގަޅަށް އެކަން އެނގޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

"ހަމަލާ ދިނުމުގެ އަހަރެއްހާ ދުވަސް ކުރިން ކޮޅުނބުގައި ބައްދަލުވުންތަކެއް އެމީހުން ބޭއްވިކަމަށް ބުނެފައިވޭ. އެބައްދަލުވުންތަކުގައި ބައިވެރިވެފައިވަނީ ހަމަލާދޭން އައި މީހުންނާއި ރާއްޖޭގައި ހުރި އެކަމަށް ހިތްވަރު ދިން މީހުން. އެމީސްމީހުން ވާހަކަ ދައްކަމުން ދިޔައީ ދިވެހިރާއްޖޭގައި އެވަގުތު އޮތް ސަރުކާރު ބަދަލު ކޮށްލަން. ސަރުކާރު ބަދަލު ކޮށްލެވޭނީ އެއިރު ރައީސަކަށް ހުރި މީހާއަށް ކޮންމެވެސް ގޮތެއް ހަދައިގެން. އެހެންކަމުން އެންމެ ފުރަތަމަ ބަޑީގެ އަޑު އިވުމުން ވެސް އެނގުނު އަޅުގަނޑު މިއީ އެމީހުންގެ ވަރަށް ބޮޑު ޝިކާރައަކަށް ވާނެކަން. އެއިރު ކަން ދިމާވި ގޮތުން އަޅުގަނޑުމެންގެ ހަތަރު ކުދިންގެ ތެރެއިން ދޮށީ ތިން ކުދިން (ދުންޔާ މައުމޫން، ޔުމްނާ މައުމޫން އަދި ފާރިސް މައުމޫން) ރާއްޖެއިން ބޭރުގަ ތަޢުލީމް ހާސިލް ކުރަމުން ދިޔައީ. އެންމެ ހަގު ދަރިފުޅު ޣައްސާން އެކަނި އެދުވަހު އަޅުގަނޑުމެންނާ އެކީ ހުރީ. ކުއްލިއަކަށް އައި ނުރައްކާތެރިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ފެނުނީ ތީމުގޭގައި ތިބުން އެއްގޮތަކަށް ވެސް ރައްކާތެރި ނޫން ކަމަށް. އެހެންކަމުން ތީމުގެއިން ނިކުންނަން އަޅުގަނޑުމެން މަސައްކަތް ކުރީ. ފުރަތަމަ އަޅުގަނޑު އުޅުނީ ކާރުގަ ނިކުންނަން. ނަމަވެސް ތީމުގޭގަ އިސް ބޭފުޅަކަށް ހުންނަވާ އާދަމް ނަޢީމް ވަޑައިގެން ވިދާޅުވީ ކާރުގެ ނިކުތުމަކީ ރައްކާތެރިކަމެއް ނޫނޭ ބޭރުގަ އެބަ ތިއްބޭ އެކަހަލަ މީހުން. އެހެންކަމުން އަޅުގަނޑުމެން ހިނގާފަ ނިކުތީ. ހިނގާފަ އެންމެ ފުރަތަމަ ދާން ގަސްދުކުރީ އާދަމް ނައީމް މެންގެއަށް. އެހެންނަމަވެސް އެގޭ ދޮރު އެވަގުތު ތަޅުލެވިފަ ހުރީމަ ނުވަދެވިގެން ކައިރީގަ ޖެހިގެން ހުރި ގެއަކަށް އަޅުގަނޑުމެން ދިޔައީ. އެއީ ގުލިސްތާންގެ. އެއާއިލާގެ ބޭފުޅުންނަކީ އަޅުގަނޑުމެންނާއި ވަރަށް ގާތް ރަހްމަތްތެރި ބައެއް. އެބޭފުޅުން އަޅުގަނޑުމެންނަށް މެހެމާންދާރީކަން ދެއްވީ." ރައްކާތެރިކަން ހޯއްދެވި ގޮތް ކިޔައިދެއްވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.

އެއަށްފަހު އެމަނިކުފާނު ފެއްޓެވީ އެބިރުވެރިކަމުން ރާއްޖެ ސަލާމަތް ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމުގެ މަސައްކަތެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ ސިފައިންގެ އިސް ފަރާތްތަކާއި ގުޅާށެވެ. ކަންތައް ދިމާވިގޮތުން ކުރިން ގުޅުއްވި އިލްޔާސް އިބްރާހިމް އެހެން ގެއަކަށް ވަޑައިގެންފައި ހުރުމުން، އެމަނިކުފާނަކާއި ރައީސް މައުމޫނަށް ގުޅޭ ގޮތެއް ނުވިއެވެ.

"އިލްޔާސް އިބްރާހިމް އާއި ފަހުން ނުގުޅުން. އެކަމަކު ސިފައިންގެ ތެރޭގެ އިސް ބޭފުޅުންނާއި އަޅުގަނޑު ގުޅަމުން ގެންދިޔައިން. އޭގެތެރޭގައި އަންބަރި އަބްދުއްސައްތާރާއި ދެން އިސްކޮށް ތިއްބެވި މުޙައްމަދު ޒާހިރާއި އާދަމް ޒާހިރް އަދި އަހްމަދު ނައީމް ފަދަ ބޭފުޅުންނާއި ގުޅައިގެން އެތެރޭގެ ޙާލަތު އޮތްގޮތާއި ހަމަލާ ދޭން އައި މީހުންގެ މައުލޫމާތު ބަލަމުން ގެންދިޔައިން. އަޅުގަނޑަށް އެނގުނު ގޮތުގަ ވަރަށް ގިނަ އަދަދެއްގެ ބޭރު މީހުން މާލެ އަރާ ބަޑި ހިފައިގެން އެބަޑިތައް މީހުން ގަޔަށް ޖަހަމުން ޒަޚަމް ކުރަމުން ގެންދިޔައީ. ސިފައިން ތިބީ ސިފައިންގޭގެ ތެރޭގަ. އެމީހުންނަށް ނިކުމެވޭނެ ގޮތެއް ވެސް ނެތިފަ. ވަށައިގެން މިތިބީ ބޭރުގެ ހަނގުރާމަވެރިން. އެހެންވެ އެޙާލަތު އަޅުގަނޑަށް ވިސްނުނީމަ އަޅުގަނޑަށް ވިސްނުނީ ބޭރުގެ އެހީތެރިކަމަކަށް ނޭދި އަދި ބޭރުގެ އެހީއެއް ނުލިބި އަޅުގަނޑުމެންނަށް ސަލާމަތުން ތިބެވުމަކީ ވަރަށް ދުރުގައިވާ ކަމެއްކަން. އެހެންވެ އެވަގުތުން ފެށިގެން އަޅުގަނޑު ފެށީ ބޭރުގެ ފަތާތްތަކަށް ގުޅަން. އޭގެތެރެއިން އެއް ފަރާތަކީ އެމެރިކާ. އެއިރު އެމެރިކާގެ ކޮންސިއުލާ އޭޖެންޓެއްގެ ގޮތުގަ ރާއްޖޭގަ ހުންނެވީ މިދްޙަތު ޙިލްމީ. އަޅުގަނޑު ފޯނު ކޮށްފަ ދެންނެވިން މިހެން މިހެން ވެގެންނޭ މިއުޅެނީ ވަރަށް އަވަހަށް ބައްލަވާދެއްވާށޭ އެމެރިކާ ސަފީރާއި ގުޅޭތޯ. އެމެރިކާ ސަފީރު ހުންނަވަނީ އެކޮޅުގަ. ދެން ވަރަށް އަވަހަށް ގުޅިއްޖެ. އަޅުގަނޑުމެންގެ ކަންބޮޑުވުން އެމެރިކާއަށް ވެސް އެހެންކަމުން ފާހަގަ ކުރެވުނު.

ހަމައެއާއެކީގަ ޝްރީ ލަންކާ ސަރުކާރަށާއި އިންޑިއާ ސަރުކާރަށް ގުޅާ އަޅުގަނޑު އެފަރާތްތަކަށް ވެސް މައުލޫމާތު ދެއްވަމުން ގެންދިޔައިން. ކަންދިމާވި ގޮތުން އެއިރު އަޅުގަނޑު އޮތީ އަޅުގަނޑު އިންޑިއާ އަށް ދަތުރެއް ކުރަން ހަމަޖެހިފަ. ނަމަވެސް އަޅުގަނޑަށް ކުޑަކޮށް ބަލިމަޑުކަމެއް ދިމާވެގެން ނުފުރުން. އެއިރު އިންޑިއާގެ ބޮޑު ވަޒީރަކަށް ހުންނެވީ ރާޖީވް ގާންދީ. ހަނގުރާމަ ހިނގި ދުވަހުގެ ކުރީ ދުވަހު އަޅުގަނޑު ރާޖީވް ގާންދީއަށް ފޯނު ކޮށްފަ ދެންނެވިން އޭގެ އަނެއްދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވާނަން ކަމަށް. އެހެންކަމުން ހަމަލާތައް ދެމުން ދިޔަ ދުވަހު އަޅުގަނޑު ވަގުތުން ގުޅިން ރާޖީވް ގާންދީއަށް. ރާޖީވް ގާންދީއަށް ގުޅައިގެން ވާހަކަ ދައްކައިގެން އެމަނިކުފާނު ދެންނެވި ވަގުތުން ސިފައިން ފޮނުވާ ދެއްވާނެ ކަމަށް. ބޭރުގެ އެހީއަށް އެދުނީ، އަޅުގަނޑަށް އެނގުނު އެދުވަހު އަޅުގަނޑުމެން އެކަނި މަސައްކަތް ކޮށްގެން މިކަމުގަ އަޅުގަނޑުމެންނަށް ފަސޭހައިން ސަލާމަތެއް ނުވެވޭނެކަން. އެހެންވެ އެހުރިހާ ފަރާތްތަކުން ވެސް ވަރަށް ކުއްލިގޮތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި. ޝްރީ ލަންކާ ސަރުކާރުން ވެސް އެހީތެރިކަން ހުށަހެޅި. އެމެރިކާ ސަފީރުވެސް އެދުވަހު މެންދުރުފަހު ދޭއް ޖަހާކަން ހާއިރު ގުޅާފަ ވިދާޅުވި ތިމަންނާމެން ވެސް އަދި ވޮޝިންގޓަނުން ވެސް ތިކަމާއި ވަރަށް ކަންބޮޑުވަމެވެ. އެހެންނަމަވެސް ތިމަންނާމެން އެންމެން ވާހަކަ ދައްކާފަ ތިމަންނާމެންނަށް ފެނުނީ އެންމެ ރަނގަޅުވާނީ އިންޑިއާއަށް ތިފުރުސަތު ދިނުން ކަމަށޭ. އިންޑިއާ އޭ ރާއްޖެއާއި އެންމެ ކައިރީގަ އޮތް ބޮޑު ޤައުމަކީ. އެހެންކަމުން ތިމަންނާމެން މިމަސައްކަތް ކުރަނީ އިންޑިއާއާއި ވިލަރެސް ކޮށްގެން އިންޑިއާ ސިފައިން ވީ އެންމެ އަވަހަކަށް މާލެ ގެންގޮސްދެވޭތޯއޭ. އެހެންވެ އިންޑިއާއިން އަޅުގަނޑުމެންނަށް އެފުރުސަތު ލިބުނީ. އަޅުގަނޑު ދެންނެވި ދެންނެވުމަކަށް ރަޖީވް ގާންދީ ވަރަށް އަވަހަށް އެކަން ކޮށްދެއްވި. އެދުވަހުގެ ރޭ އިންޑިއާ ސިފައިން ހުޅުލެއަށް ފައިބައިފި. އަދި އެމީހުންގެ އެހީގަ އަޅުގަނޑުމެންނަށް ރާއްޖެ އެރި ބާޣީން ނުވަތަ އެ އުދުވާނީ ހަމަލާ ދިން މީހުން ހިފާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ. އޭގެ ތެރެއިން އެއްބަޔަކު އަތުލެވުން. އަނެއް ބަޔަކު ބޯޓަށް އަރައިގެން ފިލައިގެން ދިޔައީ. އެހެންނަމަވެސް އެހިސާބުން ފެށިގެން އިންޑިއާ ސިފައިންނާއި އަޅުގަނޑުމެންގެ ސިފައިން ގުޅިގެން މަސައްކަތް ކުރީ. އެހާ ކުއްލި ގޮތަކަށް އިންޑިއާ ސިފައިން އެހީތެރިވެ ދެއްވީތީ އިންޑިއާ ސިފައިންނާއި ސަރުކާރަށް ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން." ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.

 

 

- މިއީ ނަސްރުގެ ދުވަހާއި ގުޅޭ ގޮތުން 2017 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް "ވީޓީވީ" އަށް ދެއްވި ބަސްދީގަތުމަކުން މައުލޫމާތު ނަގައިގެން ލިޔެފައިވާ ރިޕޯޓެކެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ