އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްޔަށް ތަންތަން ދޫކުރާ މީހުންގެ ޖަމިއްޔާއަކާ ކުލި ނުދައްކާ ފިލާ މީހުން ޢާންމުކުރާނެ ވެބްސައިޓެއް ބޭނުން!

ކުއްޔަށް ތަންތަން ދޫކުރާ މީހުންގެ ޖަމިއްޔާއަކާ ކުލި ނުދައްކާ ފިލާ މީހުން ޢާންމުކުރާނެ ވެބްސައިޓެއް ބޭނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

އަބަދުވެސް މިއަޑު އިވެނީ ކުއްޔަށް ތަންތަން ހިފައިގެން އުޅޭ މީހުންގެ އަޑުތަކެވެ. އެއަޑުތައްވެސް އަހަންވާނެއެވެ. ހަމައެއާއިއެކު ތަންތަން ކުއްޔަށް ދޭ މީހުންނަށް ކުރިމަތިވާ މައްސަލަތަކުގެ ވާހަކަތައްވެސް ދެކެވެން އެބަ ޖެހެއެވެ. އެ އަޑުތައްވެސް އިއްވެން އެބަ ޖެހެއެވެ. 

"އަޅުގަނޑު މިމަހު ދިއައީ މަހުގެ ފެން ބިލް ދައްކާށެވެ. އެއީ މިދިއަ މަހު ދައްކަން ޖެހޭ ކުލި މިމަހު ދެއްކުމުން އަޅުގަނޑު ދައްކަން ޖެހޭ ފެން ބިލް ނުދެއްކި އޮތުމުންނެވެ. ކައުންޓަރުގައި އިން ކުއްޖާ ސިސްޓަމުން ބަލާލާފައި ބުނީ މިމަހުގެ ފެން ބިލް ވެސް މިހާރު ހަދާފައިވާ ކަމަށާއި ނުދައްކައި ލަސްކުރާނަމަ ފެން ކަނޑާލައިފާނެ ކަމަށެވެ. 

އެ ކުއްޖާއަށް އިޙްތިރާމް ކުރުމާއިއެކު އަޅުގަނޑު އެދުނީ އަޅުގަނޑު ކުއްޔަށް ދޫކޮށްފައި ހުންނަ ބައިގެ އެކައުންޓް ބަލައިލަ ދިނުމަށެވެ. ބަލައިލުމަށްފަހު ބުނީ މުއްދަތު ހަމަވެފައިވާ 3 މަހުގެ ބިލް ނުދައްކާ އެބަ އޮތް ކަމަށެވެ. ދެން ސްޓެލްކޯއަށް ގޮސް ޗެކްކޮށްލިއިރު ކަރަންޓް ބިލް ނުދައްކާތާ 4 މަސް ވެއްޖެއެވެ. 

ނިކަން ވިދާޅުވެ ބައްލަވާށެވެ! ދެން ބުނާނީ ކީކޭތޯއެވެ؟ ކަރަންޓާއި ފެން ބިލް ޤަވާއިދުން ދައްކަން ޖެހެނީ ވަކި ބައަކުތޯއެވެ؟" މިއީ ވެސް މީހެއްގެ ވާހަކައެވެ. 

"އަޅުގަނޑަކީ ޔަތީމް 5 ކުދިން ބަލަމުންދާ އެކަނިވެރި މައަކީމެވެ. ދިރިއުޅެނީ ފިރިމީހާ ދުނިޔޭގައި ހުރިއިރު ލޯނެއް ނަގައިގެން 5 ބުރިއަށް ކޮށްފައިވާ ކުޑަވަރެއްގެ އިމާރާތެއްގެ އިމާރާތެއްގެ އެންމެ މަތީގައެވެ. އަރަން އުނދަގޫ ނަމަވެސް ތިރީ ބުރިތަކުން ލިބޭ ކުލި ބޮޑުވީމައެވެ. 

3 ވަނަ ފަންގިލާ ކުއްޔަށް ހިފައިގެން އުޅުނު މީހަކު 3 މަސްވީއިރުވެސް ކުއްޔެއް ނުދައްކައެވެ. ހަމަ ބުނާއިރަށް މާދެރަވާކަމަށް ހެދިފައި ޑްރާމާ ޖައްސައި ދިއައީ އިތުރު މުއްދަތު ހޯދަމުންނެވެ. އެއްގޮތަކަށް ވެސް ފޯނު ނުނަގާތާ 3 ދުވަސްވުމުން ބެލިއިރު ތަނުގައި އެމީހުން ހޯދާފައި ހުރިއްޔާ ހުރި ހުރިހާ އެއްޗެއް ހިފައިގެން ފިލައިފިއެވެ. 

ފެންބިލް 3 ބިލާއި 3 ކަރަންޓް ބިލް ނުދައްކާ އޮތެވެ. ކުލި ފަހުން ދިނަސް ބިލްކޮޅު ދައްކައިލަ ދޭތޯ ގުޅަ ގުޅައިވެސް ފޯނެއް ނުނެގިއެވެ. ކޯޓަށް ދާން ބެލިއިރު ވަކީލުގެ އަގަށް ދޭން ޖެހޭ އަގު 3 މަހުގެ ކުއްޔަށްވުރެ ބޮޑެވެ. ކުރިން ފުލުސް އޮފީހަށް ހުށަހެޅުމުން ބަލައިދެއެވެ. ފުލުހުން މިހާރު ބުނަނީ މަދަނީ މައްސަލައެއް ވިމާ ކޯޓަށް ދިއުމަށެވެ. ހަތަރު އުދަރެސް މިވަނީ ފެނުޖެހިފައެވެ." މިއީ ދެވަނަ މީހާގެ ވާހަކައެވެ. 

މިފަދަ ކިތަންމެ ވާހަކަތަކެއް އެބަހުއްޓެވެ. ކަންކަން މިހެން ހުރުމުން ކުއްޔަށް ތަންތަން ދޫކުރާ މީހުންގެ ޖަމިއްޔާއަކާއި ކުލި ނުދައްކާ ފިލާ މީހުން ޢާންމުކުރާނެ ވެބްސައިޓެއް ބޭނުން ކަމަށް ތަންތަން ކުއްޔަށް ދޫކުރާ ގިނަ ބައަކު ބުނެއެވެ. 

"ދެން ދައްކަނީ ކުލި ބޮޑުވާހަކަ. ކުލި ބޮޑު ނަމަ ނުހިފީމަ ނިމުނީނު. އަހަރެމެން އެއްވެސް މީހަކު ފަހަތަކުން ނުދުވަން ތަންތަން ކުއްޔަށް ހިފާށޭ ކިޔައިގެނެއް. ކުއްޔަށް ހިފަނީ އާދޭސްކޮށްގެން. އަހަރެމެން ފަހަތުން އެތައްފަހަރަކު ދުވެގެން. އެތައް ފަހަރަކު ގުޅައި އާދޭސްވެސް ކޮށްގެން. ދައްކަން ޖެހޭ ކުލި ވެސް އެނގި ހުރެގެން. ކުއްޔަށް ހިފާފަ މިބުނަނީ ކުލި މާބޮޑުކަމަށް. މިއީ އަރަތެއްނު؟" މިއީވެސް ހަމަ ތަންތަން ކުއްޔަށް ދޭ މީހެއްގެ ވާހަކައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް