އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވާލަކު 5 ނަމާދު ނުކޮށް މަރަށާ ޤިޔާމަތަށް ބިރުގަންނަ ކަމަށް ބުނާ މީހުން އެ ހަދަނީ ދޮގެއް!

ދުވާލަކު 5 ނަމާދު ނުކޮށް މަރަށާ ޤިޔާމަތަށް ބިރުގަންނަ ކަމަށް ބުނާ މީހުން އެ ހަދަނީ ދޮގެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 11 ސިކުންތު

ވަގުތު މަދުވުމާއި، ހެޔޮ އަމަލުތައް ކުރުން މަދުވުމާއި، ދުނިޔޭގެ އެދުންތަކަށް ދަހިވެތިވުން ބޮޑުވުމާއި މީހުން މެރުން ގިނަވުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކެވެ. ޒަމާންތައް ދިގުލައި ދިއުމުން މިކަންކަން ހިނގާނެކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ނިކަން ބުނެބަލާށެވެ! މީގެ ތެރެއިން މިހާރު ކުރިމަތިނުވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ޙާލެއްގައި މިއުޅެނީ މާދަމާ ޤިޔާމަތުގެ ތާޅަފިލި ފުންމަވައިލައްވައިފާނެ ކަމަށްބުނެ ބިރުދައްކާކަށް ނޫނެވެ. 

ޤިޔާމަތްވުން ދެބައަކަށް ބަހައިލެވިދާނެއެވެ. އެއް ބައަކީ އެމީހަކު މަރުވުމެވެ. އެމީހަކު މަރުވުމުން އެމީހަކަށް އެވަނީ ޤިޔާމަތް ވެފައެވެ. ވީމާ މަރުވުމަކީ ފުރަތަމަ ބައިކަމަށް ބަލަމާ ހިނގާށެވެ. ދެވަނަ ބައަކީ ބަރުޒަޚްގެ ޢާލަމް ނިމި މަޙްޝަރަށް ދިއުމަށްޓަކައި ކައްވަޅުން ތެދުވަން ޖެހޭ ދުވަހެވެ. ނުވަތަ ތެދުވާ ތެދުވުމެވެ. 

ވިސްނަންވީ ކަމަކީ އިންސާނާގެ ޙަޔާތުގައި ތަފާތު 3 މަރުހަލާއެއް ކުރިމަތިވި ނަމަވެސް އިންސާނާގެ ބާރު ހިނގާ މިވަނީ ހަމަ އެންމެ މަރުޙަލާއެއް ކަމެވެ. ދުނިޔޭގައި ހޭދަކޮށްލަން މިލިބޭ މަދު ދުވަސްކޮޅެވެ. ދެން މިއޮތީ ކައްވަޅުގެ ޙަޔާތް ނުވަތަ ބަރުޒަޚުގެ ޢާލަމެވެ. އެއަށްފަހު އާޚިރަތް ދުވަހެވެ.  

ބަރުޒަޚުގެ ޢާލަމުގައިވެސް އަދި މަޙްޝަރުގައިވެސް އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނުހިނގާނެއެވެ. ހުރިހާ ކަންކަންވެސް މިންވަރުކުރައްވަވަމުން ގެންދަވާނީ އެމީހަކަށް އިޚްތިޔާރު ލިބި ދުނިޔޭގައި ހޭދަކުރި މަދު ދުވަސްކޮޅު އެމީހަކު އަމަލުކުރި ގޮތުގެ މައްޗަށެވެ. 

ވަގުތު މަދުވުމަކީ ފަހު ޒަމާނުގެ ޢަލާމާތެއް ކަމަށް ފަށަމުންވެސް ބުނީމު ނޫންހެއްޔެވެ؟ އެކަން މިއަދު އެންމެންވެސް މިގެންދަނީ ތަޖުރިބާ ކުރަމުމުންނެވެ. އިރުއަރައި އޮއްސެމުން ދަނީ އެދުވަހު ކުރަން ހުންނަ ކަންކަން ނުކުރެވި ހުއްޓައެވެ. ވީމާ ހަމަ މުސްލިމުންގެ ގޮތުގައި ތިބި ގިނަ ބައަކަށް ކޮންމެ ދުވަހެއްގެ އިރު އޮއްސެނީ ދުވާލުގެ 3 ނަމާދުވެސް ނުކުރެވި އޮއްވައެވެ. 

އަހަރެން ބިރުދައްކަން ބޭނުންވީ މިކަމަށެވެ. އަވަދިނެތި އެންމެންވެސް އުޅެމުން ގެންދާއިރު ނަމާދު ކުރަން އިހްމާލްވާތީއެވެ. ނަމާދު ނުކުރާ މީހުން މަރު ދެކެ ނުވަތަ ޤިޔާމަތް ދުވަސް ދެކެ ބިރުގަންނަ ކަމަށް އެބުނަނީ ބޮޑު ދޮގެކެވެ. މަރުދެކެ އާއި ޤިޔާމަތް ދުވަހަށް ބިރުގަންނަ ނަމަ އެމީހަކު ކޮންމެ ޙާލެއްގައި އުޅެމުން ނަމަވެސް އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދުކުރާނެއެވެ. 

ބިރަކީ ދުލުން ބުނާ ބަހަކުން ގަންނަ އެއްޗެއް ނޫނެވެ. ބިރަކީ ހިތަށް ކުރާ އިޙްޞާޞްތަކަކަށް ކިޔާ ނަމެކެވެ. ވީމާ ހިތަށް މިބުނި ފަދައިން މަރާއި ޤިޔާމަތް ދެކެ ބިރުވެރިކަން އިޙްޞާޞް ކުރެވޭނަމަ 5 ނަމާދު ނުކޮށެއް ނުހުންނާނެއެވެ. ކޮންމެ ދުވަހަކު 5 ނަމާދު ނުކޮށް އެމީހަކު ބޭނުން ވަރަކަށް ކޮށްލައިގެންނާއި ނަމާދު ނުކޮށް އުޅޭ މީހުން އެއީ ހަމަ މަރަށާއި ޤިޔާމަތް ދުވަހަށް އެއްވެސް ބިރެއް ނުގަންނަ މީހުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް