އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްރާފްޓް މަސައްކަތުން ރިޒޫގެ ހުނަރުވެރިކަން ބަބުޅާ ވިދަނީ!

ކްރާފްޓް މަސައްކަތުން ރިޒޫގެ ހުނަރުވެރިކަން ބަބުޅާ ވިދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 41 ސިކުންތު

އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތެއް ކުރުމަކީ ފަސޭޙަކަމެއް ނޫނެވެ. ޚާއްސަކޮށް ދަރިންތިބި އަންހެނުންނަށް، ގޭތެރޭގެ މަސައްކަތްތައް ކުރަމުން އާމްދަނީއެއް ހޯދަން މަސައްކަތް ކުރުމަކީ އެހާވެސް ފަސޭޙަކަމަކަށް ނުވެއެވެ. މިފަދަ ކަންކަމާއި ކުރިމަތިލާ، ކާމިޔާބީ ހޯދާ އަންހެނުންނަކީ ހަމަ ޔަގީނުންވެސް ތައުރީފާއި ސަނާ ހައްގު ބައެކެވެ.

އެފަދަ ލާމަސީލު އެއް ކަނބަލަކީ ހދ.ވައިކަރަދޫ އަށް އުފަން، އައިޝަތު ރިޒްމާ (ރިޒޫ) އެވެ. ދަރިންގެ ކަންކަމާއި ގޭތެރޭގެ ކަންކަން ބަލަހައްޓަމުން، އަތްމަތި ތަނަވަސް ކުރުމަށްޓަކައި އޭނާއަކީ އަމިއްލަ މަސައްކަތެއް ކުރާ ހީވާގި ބެކަނބަލެކެވެ.

ރިޒޫ ކުރާ މަސައްކަތްތަކުގައި ހިމެނެނީ ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ހަދާ "ބިޒީ ބުކްސް" އުފެއްދުމާއި، ބާލީހާއި، ތަފާތު އެކި ވައްތަރުގެ ބާލީސް އުރައާއި ކަންނެޔޮ އުރަ، ޕެންސިލް ކޭސް އަދި އަތް ދަބަސްފަދަ ތަކެތި ހެދުމެވެ.

އޭނާ ކުރާ މަސައްކަތްތަކުގެ ތަފްސީލެއް "މިއަދުނޫހަށް" ދެމުން ރިޒޫ ބުނީ ކުޑަކުދިންގެ ބިޒީ ބުކްސް އާއި ޕެންސިލް ކޭސް އަދި ދަބަހާއި މިނޫން ވެސް އެކި ވައްތަރުގެ ތަކެތި އޭނާ ހަދައިދޭ ކަމަށާއި އާއްމުކޮށް އެތަކެތި ފަރުމާކުރަނީ ކަސްޓަމަރުން އެދޭ ގޮތަކަށް ނުވަރަ ދެފަރާތުން މަޝްވަރާކޮށްގެން ބޭނުންވާ ގޮތަކަށް ކަމަށެވެ.

"ތަކެތީގެ އަގު އަނެއްހެން ހަދަނީ އެމީހަކު އިޚްތިޔާރުކުރާ މެޓީރިއަލް އަކަށް ބަލާފަ. އާއްމުކޮށް އެއްޗެހި ހަދަން ބޭނުންކުރަނީ ސީކުއިންސް (ވެލިފޮއްޗާއި) އާދައިގެ ފޮތި. އެހެންވީމަ އެމެޓީރިއަލްއަކަށް ވިސްނާފަ، ކުރަންޖެހޭ މަސައްކަތާއި އެއްގޮތަށް އަގު ހަދަނީ. ގިނަ ފަހަރަށް ކަސްޓަމަރުން އޯޑަރ ދޭ އެއްޗެއް ތައްޔާރު ކޮށްދެނީ އެމީހަކު އެއެއްޗެއް ބޭނުންވާ ގޮތަށް ކަސްޓަމައިޒްކޮށް، އެހެންނޫނީ ދެފަރާތުން މަޝްވަރާކޮށްގެން ރީތިވާނެ ގޮތަކަށް އެތަކެތި ހަދައިދެނީ" ރިޒޫ ބުންޏެވެ.

ރިޒޫ އަކީ ތިން ކުދިންގެ މަންމައެކެވެ. އެކަނިވެރިމައެއް ނޫނަސް، ދަރިންގެ ހުރިހާކަމެއް ބަލަހައްޓަމުން، ގޭތެރޭގެ މަސައްކަތްތައް ކުރުމަށްފަހު، ވިޔަފާރިއަށް އޭނާ ކުރާ މިމަސައްކަތް އާއްމުގޮތެއްގައި އޭނާ ކުރަނީ ރޭގަނޑު ގަޑީގައެވެ.

"މިމަސައްކަތް ކުރަން އަސްލު ފެށީ، ދަރިން ލިބިފަ ހުރީމަ ގޭތެރޭގަ ހުރެގެން އާމްދަނީ ހޯދަން ކުރެވިދާނެ މަސައްކަތެއް ފެށުމަށް. އެގޮތުން ކުދިންގެ ކަންކަމާއި ހުރިހާ ކަމެއް ކޮށްނިންމާފަ، އާއްމު ގޮތެއްގަ މިމަސައްކަތް ފަށަނީ ރޭގަނޑު ގަޑީގަ. އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ އަސްލު މިކަމުގަ" ރިޒޫ އެނާގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

ރިޒޫ މިމަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހެދީ "ކުއާޔަޓް ބުކް" އެކެވެ. ކަސްޓަމަރުންގެ ވަކިވަކި އެދުމަށާއި ސްކޫލަށް ގެންދިޔުމަށްޓަކައި ވެސް އޭނާ އެފަދަ ފޮތްތައް ތައްޔާރު ކުރިއެވެ. ޕެންސިލް ކޭސް ތައްޔާރު ކުރަން ރިޒޫ ފެށީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.

"އެއަށްފަހު ތަޅުދަނޑީގަލަ އެއްޗިއްސާއި، ބާލީސް، ވޮލެޓް، ތާނަ ފޮތް ފަދަ ތަކެތި ވެސް ހަދަން. އަބަދުވެސް އައު އެއްޗެހި އުފެއްދުމަށް އަޅުގަނޑު ލޯބިކުރަން. އެންމެ ފުރަތަމަ ހެދި ކުއާޔަޓް ބުކް އަކީ އަޅުގަނޑުގެ އަންހެން ދަރިފުޅަށް 2007 ގައި ހަދާދިން ފޮތެއް. ދެން 2018 ގައި އާދައިގެ މައު ފަދަ ތަކެތި ހަދަނިކޮށް މީހަކު ޙިޔާލެއް ދިނީ ބިޒީ ބުކް ހަދަން. އަސްލު ވިޔަފާރިއެއް ފެށުނީ އެހިސާބުން" ރިޒޫ ކިޔައިދިނެވެ.

ރިޒޫގެ ހުނަރުވެރި މަސައްކަތްތައް އޭނާގެ ފޭސްބުކް ޕޭޖް "ޔުނިކްރާފްޓް" އިން ފެނިގެންދާއިރު، އަންނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް މިހާރުވެސް އޭނާއަށް ވަނީ ވަރަށް ގިނަ އޯޑަރު ލިބިފައެވެ.

"ވަރަށް ގިނަ އޯޑަރުތައް އަންނަ އަހަރަށް މިހާރުވެސް އެބަހުރި ލިބިފަ. އެއީ ޕެންސިލް ކޭހާއި ދަބަހާއި ސްކޫލް ކުދިންނަށް އާއްމުކޮށް ބޭނުންވާނެ ކަހަލަ އެއްޗެހި ހެދުމަށް. މިހާރު ވިސްނަމުން މިދަނީ މިމަހުގެ 15 ހާހިސާބުގަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން، ބަލްކުކޮށް އޯޑަރުތައް ނަގަން" ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް ދެމުން ރިޒޫ ބުންޏެވެ.

ރިޒޫ ކުރަމުންދާ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އޭނާ ވިސްނާފައިވާ ގޮތްތައް ކިޔައިދެމުން އޭނާ ބުނީ އެންމެ އުނދަގުލީ އެއްޗެއް ތައްޔާރު ކުރުމަށް ބޭނުންވާ މެޓީރިއަލްތައް ފަސޭޙައިން ލިބެން ނެތުން ކަމަށާއި އެހެންކަމުން މެޓީރިއަލް އަމިއްލައަށް ހޯދޭނެގޮތެއް ހޯދުމަށް ވިސްނާ ކަމަށެވެ.

"ވަރަށް އުނދަގޫ އަސްލުގަ ބޭނުންވާ މެޓީރިއަލްތައް ލިބެން ނުހުންނާތީ. އެހެންވެ އަސްލު ޕްލޭނެއް މެޓީރިއަލްތައް އަމިއްލައަށް ހޯދޭނެގޮތެއް ހޯދުމަކީ. މިސާލަކަށް އަމިއްލަ ފިހާރައެއް އެއްޗެއް އަމިއްލައަށް ހުޅުވުން. ކްރާފްޓް ކަންކަމުގަ ބޭނުންވާ މެޓީރިއަލްތައް އަސްލު ހަމަ ވަރަށް ނުލިބޭ. ބޭރުން ގިނަ ފަހަރަށް ގެންނަން ޖެހެނީ" ރިޒޫ ބުންޏެވެ.

ރިޒޫ މިހާރު ދިރިއުޅެމުން ދަނީ ހުޅުމާލޭގައެވެ. އެހެންކަމުން މާލެ ސަރަޙައްދުން ވެސް އޭނާއަށް އޯޑަރުތައް ލިބެމުންދެއެވެ. އޯޑަރު ނެގުމަށްފަހު ރިޒޫ ބުނި ގޮތުގައި އޭނާ އެތަކެތި ޑެލިވަރ ވެސް ކޮށްދެއެވެ. ނަމަވެސް ވަރަށް ވަގުތު ކުޑަތަންކޮށް އޯޑަރެއް ދީފިނަމަ ކަސްޓަމަރ އަމިއްލައަކަށް އެތަކެތި ބަލާ ދިޔުމަށް ރިޒޫ އެދެއެވެ.

މިފަދަ ހުނަރުވެރި މަސައްކަތެއް ކާމިޔާބުކަމާއެކީ ކުރެވޭތީ، ރިޒޫ ވެސް ޝުކުރު އަދާކުރަން ބޭނުންވާ ފަރާތްތަކެއް ވެއެވެ.

"ޝުކުރު އަދާކޮށްލަން ބޭނުންވޭ އާއިލާގެ ހުރިހާ އެންމެންނަށް. ހަމަ އެންމެންގެ ވެސް ހިތްވަރު ވަރަށް ބޮޑަށް ލިބިގެން މިކަމުގަ ކުރިއަށް މިދެވެނީ. ދެން ހަމަ ފާހަގަ ކޮށްލަން ބޭނުން އަޅުގަނޑު މިކުރާ މަސައްކަތް ބަލާފަ އަޅުގަނޑުގެ އާއިލާއިން އިތުރު ދެމީހަކު ވެސް މިހާރު މިމަސައްކަތަށް ނިކުމެފަ ހުރީ. އެހެންވީމަ އެއީ ވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި ވަރަށް ޚާއްސަކޮށް ފާހަގަ ކޮށްލަން އަޅުގަނޑުގެ ފިރިމީހާގެ ފަރާތުން ވެސް ވަރަށް އެހީތެރިކަމާއި ހިތްވަރު ލިބޭކަން. އެހެންވެ މިފުރުސަތުގަ ފިރިމީހާއަށް ވެސް ވަރަށް ބޮޑަށް ޗުކުރު އަދާކުރަން" ރިޒޫ ބުންޏެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ