އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް ދެން ލައިވްކުރެވޭނީ ދެ ފަރާތުން އެއްބަސްވާނަމަ!

ރައީސް ޔާމީންގެ ޝަރީޢަތް ދެން ލައިވްކުރެވޭނީ ދެ ފަރާތުން އެއްބަސްވާނަމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުސޫލު އަލުން މުރާޖަޢާ ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީޢަތްތައް ލައިވްކުރުމުގައި ޢަމަލުކުރާން ގޮތް ބަޔާންކޮށް އެކޯޓުން ދާދިފަހުން އެކުލާވާފައިވާ އުސޫލު އަލުން މުރާޖަޢާކުރުމަށް ނިންމީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގެ އިއްތިފާޤުންނެވެ. އެމަޖިލީހުން ފާސްކުރައްވާފައިވަނީ އުސޫލު އަލުން މުރާޖާ ކުރުމުންނޫނީ ދެން ޝަރީޢަތުގެ މަޖިލިސް ޓެލެކާސްޓްކުރުމަށް އަލުން ފުރުސަތު ނުދިނުމަށެވެ.

ނަމަވެސް މިހާރު ޓެލެކާސްޓް ކުރަން ފެށިފައިވާ މައްސަލަ ޓެލެކާސްޓު ނުކުރުމަށް ނިންމައިފިނަމަ، ސުވާލު އުފެއްދުމުގެ ޖާގައޮތުމުން، އެމައްސަލައިގެ ދެފަރާތުންކުރެ ފަރާތަކުން ޓެލެކާސްޓް ކުރުމަށް އިޢްތިރާޟް ނުކުރާނަމަ، ޓެލެކާސްޓް ކުރުމަށް އެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރިއެވެ. އަދި ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމެއްގައި ޓެލެކާސްޓް ކުރަން ފެށުމުގެ ކުރިން އެކަމާއިމެދު ދެފަރާތުގެ ބަހެއް ހޯދުމަށްފަހު ކުރިއަށް ގެންދިޔުމަށް ވެސް ނިންމިއެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު ހަމަ އެކަނި ޓެލެކާސްޓްކުރުމުގެ ހުއްދަ ދީފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތް ޓީވީ މެދުވެރިކޮށް ލައިވްކުރަމުންދާއިރު ދެން އަޑުއެހުން ލައިވްކުރުމުގެ ކުރިން ޓީވީން ޝަރީއަތް ލައިވްކުރުމާމެދު ފެންނަނީ ކިހިނެތްތޯ ރައީސް ޔާމިންގެ ކިބައިންނާ ދައުވާ އުފުލި ދައުލަތުގެ ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުން ސާފުކުރަން ޖެހޭނެއެވެ.

ޝަރީއަތް ލައިވްކުރުމާ ގުޅޭ ގޮތުން ހަދާފައިވާ އުސޫލު އަލުން މުރާޖާ ކުރުމަށް ނިންމި ގިނަ ސަބަބުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ޓެލެކާސްޓް ކުރުމުގެ އުޞޫލެއް ހެދިފައިއޮތް ނަމަވެސް، އެއުޞޫލުގެ ދަށުން އެއްވެސް އިސްތިސްނާއެއްނެތި ޝަރީޢަތްތައް ޓެލެކާސްޓް ކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއްކަމަށް ނުވުން ހިމެނެއެެވެ.

ބައެއް މައްސަލަތަކަކީ އެމައްސަލައެއްގެ ޝަރީޢަތް ވަގުތުން ޓެލެކާސްޓު ކުރުމުން ޢާންމު ރައުޔަށް ނޭދެވޭ އަސަރުތަކެއް ކުރާނެ މައްސަލަތަކެއް ކަމަށްވުމާއި، އޭގެ ސަބަބުން އެއްބަކަށް ފައިދާވެ އަނެއްބަޔަކަށް ގެއްލުން ވުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮންނަ ކަމަށް ކްރިމިނަލް ކޯޓުގެ އެ ނިންމުމުގައި ވަނީ ނިންމާފައިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި ފިތުނަ އުފެދުމަށް ޖާގަ ހުޅުވިގެން ދިޔުމާއި، ޢަދުލު އިންސާފާއިމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެދިގެން ދާނެ ކަމަށް ވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ