އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެތްތެރިކަމާއެކު ޤުރްއާނާ ޙަދީޘް މެސެޖުކޮށްގެން ދިރިއުޅުން ސަލާމަތްކުރި މީހެއްގެ ވާހަކަ!

ކެތްތެރިކަމާއެކު ޤުރްއާނާ ޙަދީޘް މެސެޖުކޮށްގެން ދިރިއުޅުން ސަލާމަތްކުރި މީހެއްގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ވަކި މީހަކު ބުނާކަށް ނެތީމެވެ. ޙަޔާތުގެ ބައިވެރިޔާ ކަމަށް ބުނެފައި ކުރުކޮށްލާނީއެވެ. ބައިވެރިޔާ އަނެކާއަށް ތެދުވެރިއެއް ނޫނެވެ. ޚިޔާނާތްތެރިވަނީއެވެ. އެހިސާބުން އަމާނާތްތެރިކަން ވަނީ ނެތިގެން ގޮސްފައެވެ. 

ނަމަވެސް އެނާ، އޭނާގެ ބައިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާތީ ބައިވެރިޔާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. މަސައްކަތްކުރީ އިޞްލާޙް ކުރެވޭތޯއެވެ. އެގޮތުން ކުރި އެއްކަމަކީ ކޮންމެ ދުވަހަކު ބައިވެރިޔާއަށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘް ފުޅު ހިމެނޭ ގޮތަށް 3 ކަމެއް މެސެޖުކުރަން ފެށީއެވެ. މެސެޖު ކުރަނީ ކީއްވެގެން ކަމެއްވެސް ނުބުނެއެވެ. 

އެގޮތަށް މެސެޖުކުރާތާ 45 ވަނަ ދުވަހު ބައިވެރިޔާ ސުވާލުކުރިއެވެ. ކޮންމެ ދުވަހަކު ތިއަ ކުރަނީ ކޮން މެސެޖެއްތޯއެވެ؟ ޖަވާބުގައި "ތިއަ ސުވާލު ތިއަ ކުރީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ބައިވެރިޔާގެ ލޮލުން އައީ ކަރުނައެވެ. އަދި ބުންޏެވެ. "އަހަރެންނަށް ބޭވަފާތެރިވެވިއްޖެއެވެ. ފާފަތަކެއް ކުރެވިއްޖެއެވެ. ތިބާ އާއިމެދު އިހްމާލުވެސް ވެވިއްޖެއެވެ. ނަމަވެސް އަހަރެންގެ ލޯ މިހާރު ހުޅުވިއްޖެއެވެ. މާފުކޮށްފިނަމަ ހުރިހާ ވާހަކަތަކެއް ކިޔައިދޭނަމެވެ." 

ޖަވާބުގައި ބުންޏެވެ. "އަހަރެން މެސެޖުކުރަން ފެށީ ހުރިހާ ކަމެއް އެނގި ހުރެއެވެ. ނަމަވެސް ތިބާ ދެކެ ލޯބިވާތީ ވަކިވާން ބޭނުން ނުވުމުންނެވެ. ވީމާ ކެތްތެރިވަމުން މިއައީ ހުރިހާ މާފުކުރުމާއިއެކުގައެވެ." 

ޖަވާބު އަޑު އިވުމުން ކެތެއް ނުކުރެވުނެވެ. ގައިގައި އޮޅުލައި ގަނެވުނެވެ. އަދި ބުންޏެވެ. "އަހަރެން ތިއަ ސަލާމަތްކުރީ ވަރަށް ފުން އަނދަވަޅަކުންނެވެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އެފަދަ އެއްވެސް ކަމެއް ނުކުރާނަމެވެ." 

އަމާނާތްތެރިކަމާއި ތެދުވެރިކަން އިންސާނުންގެ ހިތްތަކަށް ﷲ ތަޢާލާ ވަނީ މިންވަރު ކުރައްވަވާފައެވެ. ބަލައި ނުގަނެވިގެން އުޅެނީ އިންސާނުންގެ ޖާހިލުކަން ބޮޑުކަމުންނެވެ. އަމިއްލަ އެދުން ބޮޑުކަމުންނެވެ. 

އަމާނާތްތެރި ނުވެވެނީ ހެއްޔެވެ؟ ކީރިތި ޤުރްއާނުގެ މާނަކިޔުން ގިނަކުރާށެވެ. ރަސޫލް (ޞޢވގެ ސިޔަރަތު ކިޔާށެވެ! ޙަދީޘްފުޅުތައް އުނގެނޭށެވެ! ފެންދިނުމުން ގަސްތައް ހެދިބޮޑުވާ ފަދައިން އަމާނާތްތެރިކަމާއި ތެދުވެރިކަން ހިތުގައި ފެތުރި މިހާގެ ކިބައިގައި އަށަގަންނާނެއެވެ. 

މިކިޔައިދިން ހާދިސާއިން އެކަނިވެސް މިބުނު ކަންކަން އެނގިގެންދާނެއެވެ. ނަމަވެސް ކޮންމެ މީހަކު ކޮންމެ މީހަކަށް ކުރަން ޖެހޭނީ މެސެޖު ކަމަކަށް ނުބުނަމެވެ. އެމީހެއްގެ މިޒާޖާއި ގުޅޭ ގޮތަކަށް އެކަން ކުރާށެވެ! ބޭނުންވަނީ ﷲ ތަޢާލާގެ ވަޙީ ޢާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތައް ކޮންމެވެސް ގޮތަކުން އަނެކާގެ ހިތަށް ވައްދުވައި ދިނުމެވެ. އެކަމުގެ އަސަރު ކުރުވަން މަސައްކަތް ކުރުމެވެ. އެކަމުގެ ފައިދާ ފެންނާނެއެވެ. އިން ޝާ ﷲ! 

އެހެނީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ނުބައި މަގު ޚިޔާރު ކުރެވެނީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތާއި ދުރަށް ދެވޭތީއެވެ. ކައިރިވެވިއްޖެ ނަމަ ހުރިހާ މައްސަލަތަކެއްވެސް ދާނީ ޙައްލުކުރެވެމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް