އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައްބެގެ ހުނަރުވެރިކަމުގެ ދަތުރު "ބޮޑުލާރި" އަށް!

ނައްބެގެ ހުނަރުވެރިކަމުގެ ދަތުރު "ބޮޑުލާރި" އަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 58 ސިކުންތު

ކައިވެނީގެ ރަންފަދަ ތަކެތި މިޒަމާނުގައި ހަދާ މީހުން މަދެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިދައްކަނީ ހަމައެކަނި ކައިވެނީގެ ރަން ހެދުމަށް ކުޅަދާނަ މީހެއްގެ ވާހަކައެއް ނޫނެވެ. ކުރެހުމުގެ ރޮނގުންނާއި، ފާރުގައި ކުލައިން ޑިޒައިން ކުރުމުން ފެށިގެން، ކަރުދާހުން އެކި ކަހަލަ ތަކެތި ހެދުމުގެ އިތުރުން އުކާލަން ބަހައްޓާފައި ހުންނަ ބައެއްކަހަލަ ތަކެތިން ވެސް ނުހަނު ބެނުންހިފޭ ތަކެތި ހެދުމުގެ ހުނަރު އިންތިހާއަށް ހުރި ލާމަސީލު ޒުވާނެއްގެ ވާހަކައެވެ.

         

އުމުރުން 27 އަހަރުގެ އަލީ ނަބީލު (ނައްބެ)، ހދ ވައިކަރަދޫ/މެދަ، އަކީ މިފަދަ އެކިއެކި އެއްޗެހި އުފެއްދުމުގައި އަރާހުރި ހިތްވަރުގަދަ ފަންނުވެރިއެކެވެ. ހަތަރު ބެންގެ އާއިލާއަކަށް ނިސްބަތްވާ ނައްބެ އެންމެ ފުރަތަމަ މިކަހަލަ މަސައްކަތް ފެށީ ހޮބީއެއްގެ ގޮތުން ހުސްވަގުތުތަކުގައެވެ. އެހެންގޮސް ގާތްތިމާގެ މީހުންނަށާއި އެކުވެރިންގެ އެދުމަށްވެސް އެކިކަހަލަ އެއްޗެހި ތައްޔާރު ކޮށްދެމުން، މިހާރު ވިޔަވާރިއެއް ގޮތަށް ވެސް ނައްބެ އަންނަނީ ތަފާތު އެކި ވައްތަރުގެ ތަކެތި، ހެޔޮ އަގުގައި ހަދާދެމުންނެވެ.

          

އޭނާގެ މަސައްކަތާއި ގުޅޭގޮތުން "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ނައްބެ ބުނީ، ކުރެހުމާއި އެކިކަހަލަ ކްރިއޭޓިވް އެއްޗެހި ތައްޔާރު ކުރުމުގެ ތެރެއިން، އެންމެ ކުރާހިތްވާ ކަމަކީ މިއޭ ބުނެ ވަކި ކަމެއް އިޚްތިޔާރު ކުރެވެން ނެތް ކަމަށާއި އެދެކަންތައް ވެސް ކުރަނީ ވަރަށް ކުރާ ހިތުން ކަމަށެވެ.

          

"ކުރެހުމާއި އެއްޗެހި ތައްޔާރު ކުރުމުގެ ތެރެއިން އަނެއްހެން ނެތް ވަކި ކަމެކޭ އެންމެ ކުރާ ހިތްވަނީ ބުނެވޭކަށް. އެދެކަންތައް ވެސް ހަމަ ކުރަނީ ވަރަށް ކުރާ ހިތުން، އަދި ކުރެވުނު އެންމެ ފުރިހަމައަށް. އެންމެ ފުރަތަމަ ކުރަހަން ފެށީ ސްކޫލްގަ އުޅެމުން. ގްރޭޑް އެކަކުން ފެށިގެން ވެސް ކުރަހަން. ކުރަހާ ކޮންމެ ކުރެހުމަކަށް ވެސް ފުލް މާކްސް ލިބޭ އެހެންވެ އާޓް ވެފަ އިންނަނީ ވެސް އެންމެ ފޭވަރިޓް ސަބްޖެކްޓަށް" ނައްބެ ބުންޏެވެ.

       

ނައްބެގެ ކުރެހުންތައް ނުވަތަ ޑޫޑްލްތައް ވެސް ވަރަށް ތަފާތެވެ. އޭނާ ބުނިގޮތުގައި އޭނާގެ ކޮންމެ ކުރެހުމެއްގައި ވެސް ކޮންމެވެސް މެސެޖެއް ފޮރުވިފައިވެއެވެ.

        

"ކޮންމެ ކުރެހުމެއްގަ ވެސް އިންނާނެ މެސެޖެއް ފޮރުވިފަ. އެގޮތުން ގިނަ ވާނީ އަމިއްލަ ދިރިއުޅުމާ ނޫނީ ދަންނަ މީހެއްގެ ދިރިއުޅުމަށް ބިނާކޮށް ކުރާހާފަ ހުންނަ ކުރެހުން. ދެން ހުންނާނެ ހޭލުންތެރި ކުރުމުގެ ގޮތުން ކުރަހާފަ ހުންނަ ކުރެހުންވެސް" ނައްބެގެ ކުރެހުންތަކާއި ގުޅޭގޮތުން އޭނާ ބުންޏެވެ.

            

ކުރިން ދިވެހި އެފްއެމް ގައި އާރްޖޭ އަކަށް އުޅުނު، އަދި މިހާރު އެސްޓީއޯ ވިލިމާލެ ފިހާރައިގައި މަސައްކަތް ކުރާ ނައްބެއަކީ ކުރެހުމުގެ އިތުރުން ތަފާތު އެކި ވައްތަރުގެ ތަކެތިވެސް އުފައްދާ މީހެކެވެ. އެގޮތުން އުކާލަން ހުންނަ ތަކެތިން ވަށިގަނޑާއި، ލޭމްޕް ސްޓޭންޑްފަދަ ތަކެތި ހަދާފައިވެއެވެ. މީގެ އިތުރުން ރަގް އާއި، މެމޮރީ ބުކް، ޕާޓީތަކަށް ގެސްޓްބުކް، ކައިވެނީގެ ރަނުގެ އިތުރުން ޕާޓީތަކުގެ ބެކް ޑްރޮޕް އާއި ގިފްޓް ޕެކް ފަދަ ތަކެތި ވެސް ނައްބެ ހަދާދެއެވެ. މިފަދަ ހުނަރުވެރި މަސައްކަތްތައް އޭނާ ދަސްކުރީ އޭނާގެ އާއިލާގެ ފަރާތުން ކަމަށް އުފަލާއެކު ނައްބެ ފާހަގަ ކޮށްފައިވެއެވެ.

           

"އާއިލާގަ ވެސް ގިނައީ މިކަހަލަ އެކިއެކި މަސައްކަތްކުރާ ހުނަރުވެރި މީހުން މާޝާ ﷲ. މަންމަ އަކީ ފަހާމީހެއް، އަދި މާ ވެސް ހަދާ މީހެއް. ބައްޕައަކީ ވެލްޑިންގ ކުރާ މީހެއް. ދޮންބެ އައިޓީއަށް ވަރަށް މޮޅު އަދި ދޮންތަ އަކީ ވެސް މަންމަ ގޮތަށް ރީތިކޮށް ފަހާ، ތަފާތު މީރު ކާނާވެސް އަމިއްލައަށް ތައްޔާރުކުރާ މީހެއް. ޚާއްސަކޮށް ކުޑަކުދިންގެ ސިއްޙަތައް ފައިދާކުރާ ތަފާތު ކާނާތައް. ކޮއްކޮއަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެއް. އަނެއްހެން ބުނަންޏާ އަޅުގަނޑު އެންމެ ކުޑައިރުން ފެށިގެން ވެސް ފެންނަމުން އައީ މިކަހަލަ އެކިއެކި މަސައްކަތްތައް ގޭގައި ކުރާތަން. ސްކޫލުން ގެއަށް އަންނައިރުވެސް ގޭތެރެއިން ފެންނަނީ މަންމަމެން ކޮންމެވެސް މަސައްކަތެއްގަ އުޅޭތަން. އެހެންވެ އަމިއްލައަށް ވެސް ޝައުޤުވެރިކަން އުފެދުނީ އެމަސައްކަތްތައް ކުރުމަށް. އެއިރު ސްކޫލުން އައިސްފަވެސް އެހެންވެ ފިލާކޮޅެއް އެއްޗެއް ނަގައިގެން ވެސް ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަން އުޅެނީ. އެއީ އަސްލު ޝައުޢުވެރިކަން އުފެދުނު ގޮތަކީ" ނައްބެ ބުންޏެވެ.

           

ކައިވެނީގެ ރަން ނުވަތަ އެނޫންވެސް އެއްޗެއް ތައްޔާރުކޮށްދެނީ އޭނާގެ އަމިއްލަ ތަކެތިންނެވެ. އެއްޗެއް ތައްޔާރު ކުރުމަށް އޯޑަރެއް މީހަކު ދިނުމުން، އޭތި ތައްޔާެރު ކުރަން ނަގާ އަގުގެ ދެބައިކުޅަ އެއްބައި ފައިސާ އެޑްވާންސްކޮށް ކަސްޓަމަރުން ދައްކަން ޖެހެއެވެ. އެފައިސާއިން ނައްބެ އެތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ގަނެއެވެ. އަދި އަތުގައި ހުރި ބައެއް ސާމާނު ބޭނުން ކޮށްގެން ވެސް އެއްޗެހި ތައްޔާރު ކޮށްދެއެވެ. ނައްބެ ބުނިގޮތުގައި އޭނާ ގިނައިން އެއްޗެހި ތައްޔާރު ކުރަނީ އަމިއްލަ ވިސްނުމަށް އަންނަ ޑިޒައިނަކަށެވެ. ނަމަވެސް ކަސްޓަމަރުން ބޭނުންވާނަމަ، ކަސްޓަމަރުން އެދޭ ޑިޒައިނަކަށް ވެސް އޯޑަރުދޭ އެއްޗެއް ހަދާދެއެވެ.

                               

ކޮންމެހެނަކަސް، ހަމައެކަނި ގާތް މީހުންނަށްޓަކައި ކޮށްދޭން ފެށި މިބުރަ މަސައްކަތްތައް ނައްބެ މިހާރުވަނީ އެންމެ ފުރަތަމަ ދުވަހަށްވުރެ ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އޭނާގެ މަސައްކަތްތައް ފަސޭހައިން ފެންނާނެ "ޔޫޓޯޕިއާ (Utopia)" ނަމަކަށް ކިޔާ ފޭސްބުކް ޕޭޖެއް ހެދުމަށްފަހު، މިހާރު ނައްބެ ވަނީ "ބޮޑުލާރި" ގެ ނަމުގައި ވެބްސައިޓެއް ވެސް އުފައްދާފައެވެ.

        

"ފުރަތަމަ ވިސްނީ ކިހިނެއްބާއޭ އިހު ޒަމާނުގަ ރަންކިޔާ އުޅުނީ. އަބަދުވެސް ކިޔަނީ "ކައިވެނީގެ ރަން" ދޯ. އެހެންވެ ކުރީގެ ދިވެހި ޓީޗަރަކަށް ގުޅާފަ އެހީ އިހުޒަމާނުގަ ރަން ކިޔާ އުޅުނީ ކިހިނެއްހޭ ކޮންއެއްޗެއްސަކަށްހޭ، އެހީމަ ސަރ ބުނީ ކުރިން ރަން ކިޔާ އުޅުނީ ބޮޑުލާރި އަށޭ، އަދި އެހެން އެއްޗަކަށް ވެސް ކިޔާ ވާހަކަ ބުނި. ދެން އަޅުގަނޑަށް މިހާރު ގިނައިން ލިބެނީ ކައިވެނިތަކުގެ ރަން ހަދަން ކަމަށްވާތީ ހިތައް އެރީ 'ބޮޑުލާރި' އޭ ކިޔާނީ ވެބްސައިޓަށް. ސައިޓު ހަދައިދިނީ އަޅުގަނޑުގެ ބޭބެ. ބޭބެ ވަރަށް ބޮޑަށް އެހީތެރިވި ބްރޭންޑެއްގެ ގޮތުގަ މިމަސައްކަތްތައް ގެންނަން. ވެބްސައިޓް މެދުވެރިކޮށް ވެސް އަޅުގަނޑުގެ މަސައްކަތްތައް ބަލާލެވޭނެ އަދި ފަސޭހަކަމާއެކު އޯޑަރުވެސް ދެވޭނެ" ނައްބެ ބުންޏެވެ.

      

ނައްބެގެ މަސައްކަތްތައް މިއަށްވުރެ ވެސް ފުޅާކުރުމަށް އަޒުމް ކަނޑައަޅަމުން އޭނާ ބުނީ، މިފަދަ މަސައްކަތް ކުރާއިރު އޭނާއަށް ވެސް އެހެން މީހުންނެކޭ އެއްފަދައިން ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްޗެއް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ރާއްޖެއިން ފަސޭހައިން ނުލިބުން ކަމެވެ. އެހެންކަމުން ފަސޭހައިން އެތަކެތި ލިބޭނޭފަދަ އިންތިޒާމެއް އެހެން މީހުންނަށް ވެސް ހޯދައިދިނުމަށް ނައްބެ އުންމީދު ކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި ޕާޓީ ޕްލޭނިންގ ފަދަ މަސައްކަތްތައް ވެސް ކުރުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ.

        

މިފަދަ ބުރަ މަސައްކަތްތަކެއް އެންމެ ފުރިހަމަ ކަމާއެކު ނިންމުމުގައި އެކިގޮތްގޮތުން އެހީތެރިވެދޭނެ ފަރާތްތަކެއް ކޮންމެ މީހެއްގެ ވެސް ތިބޭނެކަން ޔަގީނެވެ. އެގޮތުން ނައްބެގެ ޝުކުރުގެ ލިސްޓުގައި ވެސް އޭނާ ވަނީ ބަޔަކު ފާހަގަ ކޮށްފައެވެ.

       

"އެންމެ ފުރަތަމަ ވެސް ޝުކުރު އަދާ ކުރަނީ ހެްއދެވި ފަރާތަށް. މިފަދަ ހުނަރެއް އަޅުގަނޑުގެ ކިބައިގަ ލެއްވީތީ ޙަމްދާއި ޝުކުރު އަދާކުރަން އަބަދުވެސް. ދެން ވަރަށް ޚާއްސަ ޝުކުރެއް އަޅުގަނޑުގެ އާއިލާ އަށާއި، އެކުވެރިންނަށް އަދި އަޅުގަނޑުގެ ލޯބިވާ އަނބިމީހާ ނަދާ އަށާއި އޭނާގެ އާއިލާ އަށް ވެސް. މިބުނި އެންމެންނަކީ ވެސް އަޅުގަނޑުގެ މަސައްކަތުގަ ނުހަނު ހިތްވަރުދޭ ބައެއް. އެއްޗެއް ރީތީޔާއި އެވާހަކަ ބުނޭ. އެއެއްޗެއްގަ ރަނގަޅު ކޮށްލަން ކަމެއް އިންހެން ހީވަންޔާ އެވާހަކަވެސް ދިމާލަށް ބުނޭ. ފާޑު ކިޔުމަކީ ވެސް ކުރިއެރުން ދޯ. އެހެންވެ، މިއެންމެންގެ ވެސް ފުރިހަމަ އެއްބާރުލުމާއި، ހިތްވަރާއި، ފާޑުކިޔުމާވެސް އެކީ މިހިސާބަށް މިއާދެވުނީ. ހަގީގަތަށް ބުނަންޏާ ވިޔަފާރިއެއްގެ ގޮތުގަ މިމަސައްކަތް މިފެށުނީ ވެސް އެމީހުންގެ ދުރު ވިސްނުމުގެ ސަބަބުން. ކުރިން މުޅިންވެސް ހިލެ ސާބަހަށް މިމަސައްކަތްތައް ކޮށްދީ އުޅުނީ. ދެން ގާތް މީހުން ހަމަ ލަފާ ދިނީ، މިއީ ވަރަށް ބުރަ މަސައްކަތަކަށް ވެސް ވާތީ، ވިޔަފާރި އުސޫލުން މިމަސައްކަތް ކުރިއަރުވަން. އެހެންވެ މިއެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ." މަސައްކަތް ކުރިއެރިގޮތުގެ ކުރު ތައާރަފަކާއެކު ނައްބެ ބުންޏެވެ.

https://bodulaari.net/?fbclid=IwAR3_Csv4rsDW4JHjWbfVvrvvYEsH6B-S2XVNhkE9ONKJHXz4m6a2y8pHrfs

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ