އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިމީހާގެ އަގުވަޒަން ކުރަން ހަނދާންވީއިރު ވަގުތު ފާއިތުވެއްޖެ!

މައިމީހާގެ އަގުވަޒަން ކުރަން ހަނދާންވީއިރު ވަގުތު ފާއިތުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

"އައްސަލާމް އަލައިކުމް. މިއީ އަހަރެންގެ ވެސް ރަޙުމަތްތެރިއަކަށް ދިމާވި ކަމެކެވެ. މިކަންތައް އެންމެ ގާތުން އަހަންނަށްވަނީ ފެނިފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަހަރެން އެރަޙުމަތްތެރިޔާގެ މަންމައާއި ބައްދަލު ކޮށްލަން ހޮސްޕިޓަލަށް ދިޔައީމެވެ. އޭނާގެ މައިމީހާއަށް ވަނީ ކެންސަރުޖެހިފައެވެ. އެބަލީގައި ފަސް އަހަރު ވޭތުކުރުމަށްފަހު، މިހާރު އޭނާގެ މަންމަ ގުނަމުންދަނީ ޙަޔާތުގެ އެންމެ ފަހު ދުވަސްތަކެވެ.

ރަހުމަތްތެރިޔާގެ މަންމައާއި ބައްދަލުކޮށް ސަލާމް ބުނުމަށްފަހު، އެކޮޓަރިން ނިކުމެ އަހަރެންގެ އެކުވެރިޔާއާއި ވާހަކަ ދައްކާލަން އޭނާގާތު އިށިީނީމެވެ. އޭނާ އަހަރެން ގާތު ބުނީ، އޭނާގެ މަންމަ މިހާރު ތަޙައްމަލު ކުރަމުންދަނީ 'ސަކަރާތުލް މައުތު' ގެ މަރުޙަލާ ކަމަށެވެ. އެއްފަހަރު ހޭއަރާފައި ހުރިކަމުގައިވަންޏާ އަނެއްފަހަރު ހޭވެރިކަމެއް ނުހުރެއެވެ. އޭނާގެ މަންމަގެ މުޅި ހަށިގަނޑަށް ކެންސަރު ފެތުރެމުންދާ ކަމަށާއި އެކަމުގެ ސަބަބުންނާއި އުމުރުން ދުވަސްވެފައިވުމުން މަންމައަށް އެއްވެސް މީހަކު ފާހަގަ ކުރަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.

އޭނާއާއި ވާހަކަ ދައްކަން އިންދާ ކުއްލިއަކަށް އޭނާ ރޯންފެށިއެވެ. ވަރަށް ބާރަށް ގިސްލަގިސްލާފައި އޭނާ ރުޔެވެ. އަހަރެންގެ ހިތައް އެރީ، އެއީ އޭނާގެ މައިމީހާއާއި ވަކިވާންޖެހޭ ވަގުތު ކައިރިވަމުންދާތީ، އޭނާ ކުރަމުންދިޔަ ހިތާމައެއް ކަމަށެވެ.

އެހެންކަމުން އަހަރެން އޭނާ މަސަލަސް ކުރެވޭތޯ ބެލީމެވެ. ކޮންމެ ނަފްސެއްވެސް މިދުނިޔެއިން ވަކިވެގެންދާނެ ކަމަށް ބުނެ، މަރަކީ ކޮން ވަގުތެއްގައި އަންނާނެ އެއްޗެއްކަން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި ދުނިޔޭގެ އެޤާނޫނާއި ހިތްވަރާއިއެކު ކުރިމަތިލުމަށް އަހަރެން ނަސޭޙަތްތެރި ވީމެވެ.

އޭނާ އަހަރެން ގާތު ބުންޏެވެ. 'އަހަރެން މިރޮނީ މަންމަ އަހަންނާއި ވަކިވާތީއެއް ނޫނެވެ. އާނ އެކެވެ. އެކަމާއިވެސް ހިތާމަ ކުރަމެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަހަންނަށް ހިތާމަކޮށް ރޮވެނީ، މަންމަގެ ސިއްޙަތު ރަނގަޅަށް ހުރި އިރު އަހަންނަށް މަންމަގެ އަގު ވަޒަން ނުކުރެވުނީމައެވެ. މަންމަ އަހަންނަށްޓަކައި ގިނަގުނަ ޚިދުމަތްތައް ކޮށްދިނެވެ. އަބަދުމެ އަހަންނާއިމެދު ވިސްނާ، އަހަންނަށް ފައިދާ ކުރާނެ ހުރިހާ ކަމެއް ކޮށްދިނެވެ. އަހަންނަށް ލިބޭ ކޮންމެ ތަކުލީފަކަށް، އަހަންނަށްވުރެ ބޮޑަށް މަންމަ ވިސްނާ، އެކަންކަމާއިމެދު ހިތާމަ ކުރިއެވެ. އަދި އަބަދުވެސް އަހަންނަށް ސީދާވެގެންވާ ތެދުމަގު އުގަންނައިދިނެވެ.

ނަމަވެސް އެހުރިހާ ކަމެއްގެ ބަދަލުގައި، އެންމެ ކުޑަމިނުން ޝުކުރިއްޔާ އެއްވެސް އަހަރެން މަންމަގާތު ނުބުނަމެވެ. މަންމައަށް އެއްވެސް އެއްޗެއް ދިއްކޮށްނުލެވުނުއިރު، މަންމައަށްޓަކައި ވަގުތެއްވެސް ހުސްކޮށް ނުލެވުނެވެ.

މިއަދު، ޖެހިގެން އޮތް ކޮޓަރީގައި އަހަރެންގެ މަންމަ އަދި މިދުނިޔޭގައި އޮތް ނަމަވެސް، އަހަންނަށް އެމަންމަ ދެކެ ލޯބިވާވަރު ބުނެވެންވެސް ނެތެވެ. އަހަންނަށް މަންމަ މުހިންމުވާވަރު ވެސް ކިޔާދެވެން ނެތެވެ. މަންމަ ގެ އަގު ވަޒަން ކުރާވަރު ހާމަ ކުރެވެން ނެތެވެ. އެއީ މިހާރު މަންމަގެ ހޭބުއްދި ފިލައިގެން ގޮސްފައިވާތީއެވެ. މަންމަ އަށް އަހަރެން ދައްކާ ވާހަކަ އަޑު އިވުނަސް ނުވިސްނޭތީއެވެ. އަހަންނަށް މިވަނީ ވަގުތު ފާއިތުވެފައެވެ.'

ރަހުމަތްތެރިޔާގެ އެވާހަކަތައް އަޑުއަހާފައި، އިތުރަށް އޭނާގާތު ބުނާނެ އެއްޗެއް ވެސް އަހަންނަކަށް ނޭނގުނެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ