އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވުޟޫކުރުމުން ލިބޭ ފައިދާތައް އެނގޭނަމަ އެންމެންވެސް ތިބޭނީ ވުޟޫ މަތީގަ!: ޝައިޚް އަބޫބަކުރު ޒައުދު

ވުޟޫކުރުމުން ލިބޭ ފައިދާތައް އެނގޭނަމަ އެންމެންވެސް ތިބޭނީ ވުޟޫ މަތީގަ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 36 މިނެޓް, 44 ސިކުންތު

ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ހަމަ އެކަނި ނަމާދުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ވުޟޫ ކުރުމުގެ މަތިވެރިކަމަށް ބަލައިފިނަމަ ވުޟޫ ކުރުމަކީ އެއަށްވުރެ މާމަތިވެރި ކަމެކެވެ.

ރަސުލް (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ވުޟޫ ކުރަން އަތަށް ފެންލުމުން އަތުން ކުރެވިފައިވާ ފާފަތައް ފުހެވިގެންދެއެވެ. އެންމެ ފަހު ފެންތިއްކާއި ހަމައަށްވެސް މެއެވެ. މޫނަށް ފެންލުމުން ވެސް ހަމަ މިފަދައިން ފާފަތައް ފުހެވިގެންދެއެވެ. އެއިގެ ތެރޭގައި ލޮލުން ކުރެވިފައިވާ ފާފަތައްވެސް ހިމެނެއެވެ. ވުޟޫކުރުމުން ފައާއި ކަންފަތާއި ދުލުން ކުރެވިފައިވާ ފާފަތައްވެސް ފުހެވިގެންދެއެވެ.

ވުޟޫ ކުރާއިރު ގުނަވަންތަކުގައި ފުރިހަމައަށް ފެންލުމުގެ މަތިވެރިކަން އެނގޭހެއްޔެވެ؟ ޙަދީޘްފުޅުން އެގެން އޮތް ގޮތުގައި ވުޟޫ ކުރާއިރު ބަހައްޓަން ޖެހޭ ފަރުވާތެރިކަން ފުރިހަމައަށް ބަހައްޓާނަމަ އެމީހަކަށް އެވަނީ މުސްލިމެއްގެ ދަރަޖައިން މުއުމިނެއްގެ ދަރަޖައަށް ދަތުރުކުރެވިފައެވެ. 

ވުޟޫކުރުމުން ސުވަރުގެ ވަދެވި އެންމެ މަތީ ދަރަޖައަށްވެސް ވާޞިލުވެއެވެ. އެކަންވެސް އެނގިގެންދަނީ ހަމަ ޙަދީޘްފުޅުންނެވެ. ރަސޫލް (ޞޢވ) މިޢްރާޖް އަރައިވަޑައިގެންނެވި ރޭ ސުވަރުގެއިން ބިލާލްގެފާނުގެ ފައިންޕުޅުގެ އަޑުފުޅު އިވިވަޑައިގަތެވެ. ބިލާލްގެފާނު ކުރައްވަވަނީ ކޮން ޚާއްޞަ ކަމެއްކަން ބެއްލެވިއިރު ކުރައްވަވާ ކަމަކީ ފާޚާނާ ކުރައްވަވާ ކޮންމެ ފަހަރަކު ވުޟޫ ކުރެއްވެވުމާއި 2 ރަކްއަތް ނަމާދެއް ކުރެއްވެވުމެވެ. 

އަދިވެސް ވިސްނާށެވެ! ނިދުމުގެ ކުރިން ވުޟޫކޮށްގެން ނިދައިފިނަމަ އެމީހާއަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވަތެވެ. ނިދީގައި އެމީހަކަށް ޙަރަކާތް ކޮށްލެވޭ ކޮންމެ ފަހަރަކު އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި މަލާއިކަތާ ދުޢާ ކުރައްވަވާނެއެވެ! މަލާއިކަތާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. މިއީ ވުޟޫ ކޮށްލައިގެން ޙާޞިލުކުރެވެން އޮތް ކޮން ފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟ މިއީ ހަމަ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ.

ވުޟޫ ކުރުމަށްފަހު ކުރަން ޙަދީޘްފުޅު ކުރައްވަވާފައިވާ މިފަދަ ދުޢާއެއް ކުރާށެވެ. މިފަދައިން ދުޢާކުރުމުން ޝަރީކުކުރުމާއި ހިތުގައިވާ ބިދުޢަތަކާއި އެނޫންވެސް މުންކަރާތްތަކުން ﷲ ތައާލާ ހިތް ޠޯހިރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ.

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ފުރިހަމަ ގޮތުގައި ވުޟޫކޮށް މިފަދައިން ދުޢާ ކުރުމުން އެމީހަކަށްޓަކައި ސުވަރުގޭގެ 8 ދޮރުކޮޅު ﷲ ތައާލާ ހުޅުއްވަވައި ދެއްވަވާނެ ކަމެވެ.

ވުޟޫކުރުމުގެ ހުރި ފައިދާ ނިކަން ދެކިބަލާށެވެ! ރޭގަނޑު ނިދީން ހޭލެވިއްޖެ ނަމަ ތެދެވެގެން ގޮސް ވުޟޫ ކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންވެ އެކަމަށް ﷲ ތައާލާ ދެއްވަވާ އިނާމުގެ މަތިވެރިކަން އެނގޭ ހެއްޔެވެ؟ އެހާލަތުގައި އޭނާ ބުރަ އުފުލައި ވުޟޫކޮށްފިނަމަ، ވުޟޫކޮށްގެން އެދޭ ކަމެއް ދުނިޔެއިން އެމީހަކަށް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ. ވީއިރު ވުޟޫކޮށްގެން 2 ރަކްޢަތް (ތަހައްޖުދު) ނަމާދުކޮށްފިނަމަ ދެއްވަވާނެ ގިނަގުނަ ސަވާބާއިމެދު ޚިޔާލުކޮށްލާށެވެ! 

ވިސްނައިލާށެވެ! މުސްލިމުންގެ ދުވަހުގެ މަސައްކަތް މިފެށެނީ ނިދީން ހޭލެވުމާއިއެކު ކުރާ ވުޟޫއިންނެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި އެތައް ފަހަރަކު ވުޟޫ ކުރަމުއެވެ. ނިދަން އޮށޯތުމުގެ ކުރިން މިއޮތީ ވުޟޫ ކުރުމަށެވެ. ވީމާ ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް ވުޟޫ ކުރުމާއި އަހަރެމެންނާއި ހުރި ގާތްގުޅުން އެނގިގެން އެބަދެއެވެ.

މިވަރަކުންވެސް އަދި ނިމެނީއެއް ނޫނެވެ. ރަސޫލް (ޞޢވ)ގެ އުންމަތުގެ މީހުން، މުސްލިމުން ދެނެވަޑައިގަންނަވަން ޤިޔާމަތް ދުވަހުން ރަސޫލް (ޞޢވ) އަށް އެނގިވަޑައިގަންނަވާނެ ވަސީލަތަކީވެސް ވުޟޫކުރުމުގެ ސަބަބުން ވުޟޫގެ ގުނަވަންތަކަށް ލިބިފައި ހުންނަ އުޖާލާ ކަމެވެ. ވީމާ ވުޟޫ އެންމެ ފުރިހަމަ ގޮތުގައި ކުރަން ސަމާލުކަން ޑޭން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ!

ދުޢާއަކީ އަހަރެމެން އެންމެންނަކީވެސް ގިނަގިނައިން ވީހައި ފުރިހަމައަށް ވުޟޫކުރާ އަދި ނަމާދުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް