އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ ލޯކް ސަބާއާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ނުވަތަ އެމްއޯޔޫއެއްގައި ސޮއިކުރައްވައިފިއެވެ. އެމްއޯޔޫގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. ލޯކް ސަބާގެ ފަރާތުން ސޮއިކުރެއްވީ ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސްގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާގެ ދަޢުވަތަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މެންބަރުން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިއަދު ހެނދު ރައްޔިތުންގެ މަޖިލީހުގެ ވަފުދުގެ ބޭފުޅުންވަނީ މަހަތްމާ ގާންދީގެ ހަދާނީ ބިނާއަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިއަދު މެންދުރު އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްކުރާ ގެއަށް ވަޑައިގެން އެތަން ބައްލަވާލެއްވިއެވެ. އަދި، މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ވަފުދުގެ ބޭފުޅުންވަނީ ރާޖްޔާ ސަބާގެ ޗެއަރމަން، ޝްރީ މ. ވެންކައިއަ ނައިޑޫއާއި ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ވަފުދު މިރޭ އިންޑިއާގެ ކޮންސްޓިޓިއުޝަން ކްލަބްއަށް ޒިޔާރަތްކުރައްވައި އިންޑިއާގެ ޤައުމީ ބެޑްމިންޓަން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގުޖުރާތް ލެޖިސްލޭޓިވް އެސެމްބްލީގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާނެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ "ލޮކް ސަބާ ޓީވީ"އަށް އިންޓަވިއުއެއް ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ބޮޑު ވަޒީރުއާވެސް ބައްދަލުކުރައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އީވާ ޢަބްދުﷲއާއި މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޢާޡިމާއި ހެންވޭރު ހުޅަނގު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ލަޠީފްއާއި ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބުއާއި ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ޝަހީމްއާއި ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމާއި ތިމަރަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިޔާޟްއާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު، ފާތިމަތު ނިޔުޝާއާއި އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު