އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ރާޅުގަނޑުގެ ތެރެއަށް ދައްތަ ދަމައިގެންދިޔަ، ދެން ފެނުނީ ފުރާނަ ނެތް މަސްގަނޑު!"

"ރާޅުގަނޑުގެ ތެރެއަށް ދައްތަ ދަމައިގެންދިޔަ، ދެން ފެނުނީ ފުރާނަ ނެތް މަސްގަނޑު!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 3 ސިކުންތު

މިއީ މީގެ 15 އަހަރުކުރިން 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީ ކާރިސާ ލޮލުން ދެކި، އެބިރުވެރިކަން އަމިއްލައަށް ތަޖުރިބާކުރި ތ. ވިލުފުށި ކުއްޖެއްގެ ވާހަކައެވެ.

އެކާރިސާގެ ސަބަބުން، ކުޑައިރު އެއްކޮށް ކުޅެން އުޅުނު ލޯބިވާ ދައްތަ ވަނީ އެކުއްޖާއާއި ވަކިވެގެން ގޮސްފައެވެ. އެމަންޒަރު ވެސް އޭނާއަށް ފެނުނެވެ. އެހިތްދަތިކަން އަދިވެސް އޭނާގެ ހިތުން ފިލައިގެން ނުދެއެވެ.

ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" އެވާހަކަ ކިޔާދެމުން އެކުއްޖާ ބުނީ، އެއީ އޭނާގެ މުޅި ޙަޔާތުގައި ވެސް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ހިތްދަތި ދުވަސް ކަމަށެވެ.

"އެއިރު އަހަންނަށް ވާނީ ނުވަ އަހަރު. މިބުނާ ދައްތަ އަކީ ދެބެންގެ ދެދަރި ދައްތައެއް. އެކަމަކު ވަރަށް އެކުއެކީގަ، ހަމަ އެއްބަނޑު އެއްބަފާ ދެބެންހެން ދެމީހުން ވެސް އުޅުނީ، އަބަދުވެސް އެކީގަ ކުޅެން ވެސް ކިޔަވަން ވެސް އުޅުނީ. ދެމީހުން ވަރަށް ވައްތަރު ވެސް ވާނެ.

ދައްތަ އަހަންނަށް ވުރެ ފަސް އަހަރު ބޮޑު ވާނެ. އޭނައަކީ ކިޔެވުމަށް ވެސް ވަރަށް މޮޅު ކުއްޖެއް. އެއިރު ޗުއްޓީ ދުވަސް ކޮޅު ވީމަ ހޮލިޑޭ އެސައިންމެންޓްތައް ދީފަހުރީ. އެކަމަކު ދައްތަ ބުނި ތިމަންނަ މިއަހަރަކު އެނުހަދާނަމޭ. ތިމަންނައަކަށް ނުޖެހޭނެޔޭ އެސައިންމެންޓް ހަދާކަށް.

އެދުވަހު ހެނދުނު، ބޮޑުދައިތައެއް މަރުކަޒުގަ ބާއްވާފަ އޮތީމަ މަންމަ އާއި ދައްތަގެ މަންމަ އާއި ހުރީ އެތަނުގަ. ގޭގަ ނެތް އެެއިރު އެއްވެސް ބޮޑު މީހެއް. ދޮންތަމެން ވެސް އެއިރު ފުދޭވަރަކަށް ކުޑަވާނެ. މާމަ އެކަނި ހުރީ އަނެއްހެން ބޮޑު މީހަކަށް، އެކަމަކު މާމައަކީ އުމުރުން ދުވަސްވެފައި ހުރި މީހެއް.

އެހެން ތިއްބާ އަޑެއް އިވުނީ. އަހަރުމެންގެ ގެ އެއިރު ހުންނަނީ އަތިރިމަތި ކައިރީގަ. އަޑު އިވޭ ގޮތުންހީކުރީ ބޯޓެއްގެ އަޑެއް ކަަމަށް. އެއަޑު އިވެން ފެށީމަ މާމަ ގޮވައިގެން އަތިރިމައްޗަށް ބަލަން ވެގެން އެންމެން ނިކުތްއިރު، ގެތައް ވެއްޓޭތަން ފެންނަން ފެށީ. އެއިރަކު އަދި ރާޅު އަންނަ ތަނެއް ނުފެނޭ.

ގެތައް ވެއްޓޭތަން ފެނުނީމަވެސް ފުރަތަމަ ހީކުރީ އެގެތައް ބަލިކަށިކޮށް ހަދާފަ ހުރީމަ ވެއްޓެނީއޭ. ދެން އެތާ ކައިރި ގޯޅިން ފެންނަނީ ރާޅު އަންނަތަން. ވަރަށް ބިރުގަތް ރާޅު އަންނަތަން ފެނުނީމަ. މާމަ ގޮވައިގެން އަވަހަށް ސަލާމަތް ވާން އުޅުނީ. އެކަމަކު ވަރަށް އުނދަގޫވި މާމަ ގޮވައިގެން ދާން، އަހަރުމެން ކުޑަވީމަ.

ދެން އަހަރުމެންގެ ބޭބެއަކަށް ފެނިގެން، ބޭބެ މާމަ ގެންދިޔައީ. އަހަރުމެން ވަރަށް ބާރަށް ދުއްވައިގަތިން. އެއިރު ވަރަށް ބާރަށް ރާޅު އާދޭ. އެންމެން އެއްކޮށް ދުއްވައިގަތީ.

ދުއްވައިގަތްތަނުން ދައްތަގެ ފައިވާން ނެއްޓުނުކަން އިނގޭ. ދިރިހުއްޓާ ފެނުނު އެންމެ ފަހު މަންޒަރަކީ ފައިވަން ނަގަން ގުދުވިތަން. އެއީ ފުޓުބޯޅަ ދަނޑު ތެރެއިން. އެތަނުން ގުދުވިތަން ފެނުން، ދެން އޭގެ ފަހުން އަހަންނަކަށް ނުފެނުން. ރާޅާ ގެންދިޔައީ. ދައްތަ މޫދަށް ދަމައިގަތް ވަގުތު، އެހެން މީހަކަށް ފެނިފައިވޭ.

ދެން ދައްތަ ފެނުނީ އޭގެ އަނެއް ދުވަހު، މޫދުން. އެއިރު އޮތީ ނިޔާވެފަ. އަތް ވެސް ބިނދިފަ އޮތީ، އެއް ލޯ ވެސް ނެތް، އިސްތަށި ކޮޅު ވެސް އަތްޖައްސާލީމަ ހަމަ ފައިބައިގެން އާދޭ އަތައް... ދައްތަ ނިޔާވެފައި އޮއްވާ، މޫދުން ފެނުނީ ދައްތަގެ ބައްޕައަށް. މިއީ އަހަރުމެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނެ ކަމެއް ނޫން"

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ