އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ދުނިޔެ ޙާޞިލުކުރަން މަސައްކަތްކުރާ ދަރިވަރުންނަށް ވުމަށް ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި

ދެ ދުނިޔެ ޙާޞިލުކުރަން މަސައްކަތްކުރާ ދަރިވަރުންނަށް ވުމަށް ރައީސް ޞާލިޙް އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 36 ސިކުންތު

ރާއްޖޭގެ ދަރިވަރުންނަކީ މައިންބަފައިންނާއި ބެލެނިވެރިންގެ ބަސް ޤަބޫލުކޮށްގެން، ރިވެތި އަޚްލާޤް ހުރި ދަރިވަރުންކަމުގައިވެ ދެ ދުނިޔެ ޙާޞިލުކުރަން މަސައްކަތްކުރާ ދަރިނވަރުންނަށް ވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފި އެވެ. 

ޢިއްޒަތްދީން ސްކޫލް ހުޅުއްވައި ދެއްވެވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ހުރިހާ ކުދިންވެސް ސްކޫލަށް ދަނީ ކިޔަވަން ނަމަވެސް ޙަޤީޤީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސްކުރުމެއް ނޫން ކަމަށެވެ. ގިނަ ކުދިންތަކެއް، އެއް ތަނެއްގައި ތިބެގެން ކިޔަވަނީ، ވަރަށް މުހިންމު ބޭނުމެއްގައި ކަމަށާއި އެއީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ދަސްކުރުން ކަމަށެވެ. އަދި އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެހީތެރިވާނެ ގޮތްތައް ދެނެގަތުމަށާއި އެކުވެރިކަމާއި ލޯތްބާއެކު އުޅެން ދަސްކުރަން ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

އަޅުގަނޑު މިއަދު ތިޔަ ކުދިންނާ އެންމެ ސުވާލެއް ކޮށްލަން ބޭނުން. ޔުނީފޯމް ލައިގެން، ފޮތް ދަބަސް ހިފައިގެން ސްކޫލަށް އައުމުގެ ބޭނުމަކީ ކޮބައިތޯ؟ ޖަވާބު ނުދެވުނަސް، ކޮންމެ ކުއްޖެއްގެވެސް ހިތުގައި އޮންނާނެ ޖަވާބަކީ، ކިޔަވާށޭ ސްކޫލަށް އަންނަނީ. 

ތިޔަކުދިންގެ ފިލާވަޅުތަކުގައިވެސް ބުނެދެވޭނީ މި ކަންތައް. އެހެންވީމާ، ކޮންމެ ކުއްޖެއްގެވެސް ޢަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކުވެސް، އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއް ކޮށްދޭން. އެހެން ކުދިންނާ ބައްދަލުކުރާއިރު، އަބަދުވެސް އުފާވެރިކަމާއި ހިނިތުންވުމާއެކު ބައްދަލުކުރަން. ކޮންމެ ދުވަހަކުވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއްގައި އެހީތެރިވެދޭން. 

ސްކޫލްގެ ތެރޭގައި ތިބޭއިރު، ތިޔަ ކުދިންނަކީ އެއް ޢާއިލާއެއް. ސްކޫލްގެ ތެރޭގައި ތިޔަ ކުދިންގެ މައިންބަފައިންނަކީ، ސްކޫލްގެ ވެރިންނާއި މުދައްރިސުން. އެހެންވީމާ، މައިންބަފައިންގެ ނަޞޭޙަތް އަބަދުވެސް ޤަބޫލުކުރަންވާނެ. އެމީހުން ތިޔަ ކުދިންނަށް ދުވަހަކުވެސް ނުބައި ނަޞޭޙަތެއް ނުދޭނެ. ތިޔަ ކުދިންނަށް ދެރައެއް ލިބުމަކަށް ނޭދޭނެ. އަބަދުވެސް ތިޔަ ކުދިންނަށް އެދޭނީ ރަނގަޅު ގޮތްތައް. 

އެހެންވީމާ، މައިންބަފައިންނާއި ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި މުދައްރިސުންގެ ބަސް ޤަބޫލުކުރާ ކުދިބަޔަކަށްވުމަށް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަޅުގަނޑު މިއަދު އިލްތިމާސްކުރަން. އޭރުން ތިޔަ ކުދިންނަކީ، ދިރިއުޅުމުގެ ޢަމަލީ މައިދާނުގައިވެސް ކާމިޔާބު ކުދިން ކަމުގައި ވެގެންދާނެ. އަދި ދެ ދުނިޔޭގެ ބާއްޖަވެރިން ކަމުގައި ވެގެންދާނެ.

އަޅުގަނޑުމެންގެ އަމާޒަކީ، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ހިޔާވަހިކަން ލިބޭ ކޮންމެ ދަރިވަރަކީ، ދީނަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، ޤައުމަށް ވަފާތެރި ދަރިވަރަކަށް ހެދުން. ސްކޫލް މަރުޙަލާ ނިމޭއިރު،، ކޮންމެ ދަރިވަރަކުމެ ހުންނާނީ، ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭވަރަށް، އަމިއްލަ ނަފްސަށް އިތުބާރު ލިބި، ތަރައްޤީ ހޯދުމަށްޓަކައި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތައްޔާރުވެފައި. 

އަޅުގަނޑުމެން މާނަކުރާ ތަރައްޤީއަކީ ވަށައިޖެހިފައިވާ ފުރިހަމަ ނިޒާމެއް. ތަރައްޤީއަކީ އިންސާނާގެ ސިކުނޑިން އުފެދިގެން އަންނަ، އުފެއްދުންތެރި އީޖާދީ ވިސްނުމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، އެފަދަ ވިސްނުން އުފެދޭވަރަށް، ދިވެހި ކޮންމެ ދަރިއެއްގެ ސިކުނޑި ތަރައްޤީ ކޮށްދޭން. އެއްވެސް އޮޅުމެއް ނެތް ގޮތުގައި އިންސާނާގެ ވިސްނުން ތަރައްޤީކޮށްދޭ އެއްޗަކީ ތަޢުލީމް. 

އަޅުގަނޑުގެ ދުޢާއަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ދަރިންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް، ސަރުކާރާއި ބެލެނިވެރިން ގުޅިގެން މި ކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރެއްވުން. މިއަދު މި ފެށުނު ދިރާސީ އަހަރަކީ، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް، ކާމިޔާބު އަހަރެއް ކަމުގައި ލައްވައި، އިޖުތިމާޢީ ޞުލްޙަމަސަލަސްކަންމަތީ، ދިވެހި އުންމަތް ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. 

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް