އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދަރިވަރަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަނީ!

ކޮންމެ ދަރިވަރަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 1 ސިކުންތު

މަދަރްސީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކަށްވެސް އަބުރުވެރިކަމާއެކު އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް ކަމަށާއި މިގޮތުން ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށްޓަކައި ކޮންމެ ދަރިވަރަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މުޅިން އަލަށް ސްކޫލުތަކުގައި މިއަހަރުތެރޭ ފެށިގެންދާނެ ކަމަށް ތައުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. 

އިއްޒުއްދީން ސްކޫލް ރަސްމީ ގޮތުން ހުޅުވުމަށް މިއަދު އެ ސްކޫލްގައި ބޭއްވި ރައްސްމިއްޔާތުގައި ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މީގެ އިތުރުން  ވޭތުވެދިއަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަސައްކަތަށް އަހުލުވެރިކުރުވުމަށް އަންނަ ފެބްރުއަރީ މަހު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިގެންދާނެ ކަމަށެވެ. 

ޑރ. ޢާއިޝަތު ޢަލީގެ ޚިޠާބު:

ކޮންމެ ދިރާސީ އައު އަހަރެއް ފެށޭ ދުވަހަކީ، ދިވެހިރާއްޖެއަށް އަންނަ ޢީދެއް!  މަގުމަތިން ފެންނަމުންދާނީ، ޢީދު ދުވަހެއްގައި ފެންނަ ފަދަ މަންޒަރުތައް. އައު ޔުނިފޯމްތަކުގައި  މަގުތައް މަތީގައި ދަރިވަރުން ހަލުވިކަމާއެކު ޙަރަކާތްތެރިވާ މަންޒަރު. ބެލެނިވެރިންނާއި މުދައްރިސުންގެ މޫނުމަތިން ފެންނަމުންދާނީ އުފާވެރިކަމާއި ހިނިތުންވުން. އެއީ، ދިގު ޗުއްޓީއަކަށް ފަހު ރައްޓެހީންނާ އަލުން ބައްދަލުވުމުގެ އުފާވެރިކަން. އެއީ ދިގު ތައްޔާރީއަކަށް ފަހު، އިންތިޒާރު ކުރި ވަގުތު އައުމުން ލިބޭ ހިތްހަމަޖެހުން. މިފަދަ އުފާތަކެއް ތަޢުލީމީ ދާއިރާގެ ޙިއްޞާދާރުން އިޙްސާސް ނުކުރަންވީ ސަބަބެއް ނެތް! ނަޔާ ދިރާސީ އަހަރު ފެށޭ ދުވަހަކީ، ރާއްޖޭގެ 83959 ދަރިވަރުން ދުވަސްތަކަކަށް ފަހު، އަނެއްކާ ކިޔަވަން ފަށާ ދުވަސް.

ކިޔެވުން މުހިއްމުވާ އެތައް ސަބަބެއްވޭ. އަޅުގަނޑުގެ ނަޒަރުގައި އެންމެ މުހިއްމު ކަމަކީ   މުއުމިން ކޮންމެ ފިރިހެނަކާއި އަންހެނަކަށް ކިޔެވުން ވާޖިބު ކަމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަން. ދެވަނައަށް މުހިއްމުވާ ސަބަބަކީ، ތިމާގެ އާލުންނާއި މާލު، ތިމާގެ މުދަލާއި ޤަދަރު — ޢިއްޒަތާއި ފައިސާ — ތިމާއާ ވަކިކޮށްލެވުނަސް، ލިބިފައި ހުރި ޢިލްމަކީ އެއްވެސް މީހަކަށް، އެއްވެސް ފަރާތަކަށް ތިމާއާ ވަކިކޮށް ނުލެވޭނޭ އެއްޗަކަށްވާކަން  އެކި މީހުން ތިމާއާ ވަކިކޮށްލާ ތަކެތި — ވަގަން ނަގާ ތަކެތި — އަނބުރާ ހޯދުމަށް  ތައުލީމު މަގު ދައްކާނެ. ލިބިފައިވާ ތައުލީމަކީ މަރުދުވަހާ ހަމައަށް ތިމާއާ އެކު ވާނެ  ދާއިމީ މުނިފޫހިފިލުވާ އެކުވެރިއެއް.  ހިނގަންވީ މަގު ގެއްލޭ ވަގުތު މަގުދައްކާ އާރުކާޓީއެއް  ހާސްކަމާއި ހިތްދަތިކަން މެދުވެރިވާ ވަގުތު ހިތްހަމަޖެހުން ގެނެސްދޭ ޔާރެއް.

މިއަދަކީ އައު ދަރިވަރުންތަކެއް އަލަށް ސްކޫލަށް ވަންނަ ދުވަސް. ބައެއް ކުދިން މުޅިން އަލަށް. އަނެއް ބައި ކުދިން މުޅިން އައު ކިލާހެއްގައި ކިޔަވަން ފަށާ ދުވަސް! މިދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދަރިވަރުންނަށާއި މުދައްރިސުންނަށް، ނާޒިރުންނަށާއި ބެލެނިވެރިންނަށް އަދި ތަޢުލީމީ ދާއިރާގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު ފޮނުވަނީ ވަރަށް އިޚްލާޞްތެރިކަމާ އެކު. އަޅުގަނޑު އެދެނީ، މި އަހަރަކީ ތިޔަ ހުރިހާ ފަރާތްތަކަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސް ދޭނޭ އަހަރެއް ކަމަށް ވުން.

ދަރިވަރުންނަށް އަޅުގަނޑު ދަންނަވާނީ، ތިޔައިން ބައެއް ކުދީންނަށް، މިހާރު ކޮންމެ އިޙްސާސެއް ކުރެވުނަސް، ގިނަ ބޮޑެތި މީހުންގެ ހަނދާނުގައި، މަދަރުސާއަށް އަލަށް ވަންނަ ދުވަސް، ފަހުން ހަނދާންވަނީ ވަރަށް ހިތްގައިމު ދުވަހެއްގެ ގޮތުގައި.  ހަމަ އެފަދައިން، ސްކޫލް ނިންމާ ވަކިވާން ޖެހޭ ދުވަހަކީ، ގިނަ މީހުން ހިތާމަޔާ އެކު ހަނދާންކުރާ ދުވަހެއް.  އަޅުގަނޑުމެން ވިސްނަންވީ، ކުރާހިތްވާ ކަންތައްތައް ކުރުމަށްޓަކައި، އެކަންކަމަށް ފުރުޞަތު ހޯދުމަށްޓަކައި،  ކުރާހިތް ނުވާ ކަންތައްތައް ވެސް ކުރަން ޖެހޭނެކަން. ކެރުމާ އެކީ ކުރިމަތިލައިގެން ނޫނީ، ކަންކަން ކާމިޔާބު ނުކުރެވޭނެކަން. މާޒީގެ ދުވަސްތަކަށް ވުރެ ކުލަގަދަ ދުވަސްތަކަކަށް، މުސްތަޤްބަލް ހެދިދާނެކަން.

އަޅުގަނޑަށް ފެންނަ ގޮތުގައި، ތަޢުލީމުގެ މައިގަނޑު ބޭނުމަކީ، ބުއްދި ފާގަތިކުރުމާ އެކު އުޅުން ފުރިހަމަކުރުން. ފަހުން ކަންކަމާ މެދު ވިސްނަން އަދި އުނގެނެން ބޭނުންކުރަނީ، ސްކޫލް ދައުރުގައި ކިޔަވާ ކިޔެވުން. މީހުންނާ މުޢާމަލާތް ކުރަން ބޭނުންކުރަނީ، ސްކޫލް ދައުރުގައި އަށަގެންނުވޭ އުޅުން. އެހެންކަމުން، ސްކޫލްގައި އުޅެން ލިބޭ މަދު ދުވަސް ތަކުގައި، ފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. 

"ފުރާށޭ ދަރީން ހިތް ޢުލޫމުން މިތާ، ކުރާށޭ ފިދާ ޖާނު ވަޠަނަށްޓަކައި"

ބެލެނިވެރިންނަކީ، ދަރިވަރުންގެ ކާމިޔާބުގެ ޙަޤީޤީ ސިއްރު. ދަރިވަރުންގެ ކިޔެވުމަށް ފަހިވާ ގޮތަށް،  ދަރިވަރުންގެ ސުލޫކު އެދެވޭ ގޮތަށް ބައްޓަން ކުރުމަށް،   ހުރިހާ ބެލެނިވެރިން ވެސް، އައު ޢަޒުމްއެއްގައި  މަސައްކަތް ކުރައްވާ އަހަރަކަށް މިއަހަރު ހައްދަވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން... 

ވޭތިވެދިޔަ އަހަރަކީ، ދަރިވަރުންނަށް ނާސްތާ ހިލޭ ދެވެން ފެށުނު އަހަރު. މިއީ ދިވެހިރާއްޖޭގެ ތާރީޚްގައި މިކަން ކުރަން އެންމެ ފުރަތަމަ ފެށުނު އަހަރު. އިރާދަ ކުރެއްވިއްޔާ މިކަމުގެ ހެޔޮ އަސަރުތައް މުސްތަޤްބަލްގައި އަޅުގަނޑުމެންނަށް ފެންނަމުންދާނެ.  ތަޢުލީމީ ނިޒާމަށް ގެންނަންފެށިފައިވާ ދެވަނަ ބޮޑު ބަދަލަކީ، ސްކޫލްތަކުގެ ހިންގުން މަރުކަޒީ އުޞޫލުން ލާމަރުކަޒީ އުސޫލަށް ބަދަލުކުރުން. މިކަން އެއްކޮށް ތަންފީޒުވެގެން ދިއުމަށް އަދި ދުވަސްކޮޅެއް ނަގާނެ. މިކަމުގެ ނަތީޖާއަކަށް ވާނީ ކަންކަމުގައި ނިންމުންތައް ނިންމުމުގައި،  ކަމުގައި އުޅޭ މީހުންގެ ބައިވެރިވުން ބޮޑުވުން.  އެދެވޭ ފެނެވޭ އިޞްލާޙްތަކެއް ސްކޫލްތަކަށް އައުން. އަޅުގަނޑު  ތިންވަނައަށް ފާހަގަކޮށްލާ ކަމަކީ، ދަރިވަރުންނަށް ހަކިބައިން މަންފާކުރާ، ވަށާޖެހޭ ތަޢުލީމެއް ދިނުމަށްޓަކައި  އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުން.   

މިއަހަރަކީ، ވިހިވިއްސަކީ، ތަޢުލީމަށް އިތުރު ކުރިއެރުންތަކެއް އަންނާނޭ އަހަރެއް. މިއަހަރު ހިންގާނޭ މުހިއްމު އެއްކަމަކީ ހުރިހާ ސްކޫލްތަކުގެ ޢުމްރާނީ އަދި ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތައް އިތުރުކުރުން. މި ކަމުގެ ތެރޭގައި އެތައް ސްކޫލެއްގައި އައު ޢިމާރާތްތައް ކުރުމާއި އެކި ތަކެތި ފޯރުކޮށްދިނުން ހިމެނޭ. ލާމަރުކަޒީ ޤާނޫނު ހިންގަން ފެށުމާ ގުޅިގެން އިތުރު ބާރުތައް ސްކޫލްތަކަށް ފޯރުކޮށްދެވޭނެ. މާލޭގެ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން، އަލަށް ސްކޫލެއް ހުޅުވޭ ކަމީ، އަދި ހަމަ މިއަހަރުގެ ތެރޭގައި އެއްދަންފަޅިއަށް ހިންގޭ އިތުރު ދެ ސްކޫލެއް މާލޭ ސަރަޙައްދުގައި އަޅަން ފެށޭކަމީ އެއް ދަންފަޅިއަށް ސްކޫލްތައް ހިންގުމާމެދު ސަރުކާރު ސީރިއަސްކަން ހާމަކޮށްދޭ ރަމްޒެއް.

މަދަރްސީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރެއް އަބުރުވެރިކަމާއެކު އަމިއްލައަށް ދިރިއުޅެވޭނެ މީހަކަށް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް. މިގޮތުން ދަރިވަރުން މަސައްކަތަށް އަހުލުވެރި ކުރުވުމަށްޓަކައި ކޮންމެ ދަރިވަރަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މުޅިން އަލަށް ސްކޫލުތަކުގައި މިއަހަރުތެރޭ ފެށިގެންދާނެ. އަދި ވޭތުވެދިޔަ އަހަރު ގްރޭޑް 10 ނިންމި ދަރިވަރުން މަސައްކަތަށް އަހުލުވެރިކުރުވުމަށް އަންނަ ފެބްރުއަރީ މަހު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގިގެންދާނެ. 

ދިވެހިރާއްޖޭގައި ސަރުކާރުގެ ފަރާތުން ތަޢުލީމު ފޯރުކޮށްދެމުންދާތާ 100 އަހަރަށް ވުރެ ގިނަވިއަސް،  އެކަމަށް ޤާނޫނެއް ނޯވޭ.  ތައުލީމާބެހޭ ޤާނޫނެއް 2020 ގައި ފާސްވެގެން ދިއުމަކީ، އަޅުގަނޑުމެން ކުރާ ވަރަށް ބޮޑު އުއްމީދެއް. މިކަމުގެ ސަބަބުން އެކި ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ލިޔެވި ބަޔާންވެގެން ވުމާއި، ކަންކަމަށް މީހުން ޒިންމާދާރުކުރުވުމަށާއި ތަޢުލީމުގެ ބާވަތާއި ގޮތްތައް ކަނޑައެޅުމުގައި ވަރަށް ބޮޑު ސާފުކަމެއް ލިބިގެންދާނެ.  

އަޅުގަނޑުމެން މަސައްކަތް ކުރާނީ، ވިހިވިއްސަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚްގައި، ފަނޑުވުމެއް ނެތް ފެހިކުލައަކުން ލިޔެލެވޭ އަހަރަކަށް ހެދުމަށް.  އެތައް ދާއިރާއަކުން ކުރިއެރުންތައް ހޯދުމަށް.  މި މަސައްކަތުގައި، ބެލެނިވެރިންނާއި މުވައްޒަފުންގެ ފަރާތުން،  ކައުންސިލްތަކުންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަން.  ސަރުކާރު ބައިވެރިވާ ކުންފުނިތަކުންނާއި ކެބިނެޓްގެ މެންބަރުންގެ އެހީތެރިކަން ފާހަގަކުރަން އަދި ޚާއްޞަކޮށް، ތަޢުލީމުކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އިރުޝާދާއި ވާގިވެރިކަން އިޙްތިފާލުކުރަން އަދި މި ޝުކުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައިވެރިކަން.  

ވޭތިވެދިޔަ އަހަރު، ތަޢުލީމީ ނައު ކުރިއަށް ދުވެފައިވާނަމަ، އެ ނަވުގައި އެޅި ފައްސި ވަޔަކީ މި ބޭބޭފުޅުންގެ އަޅާލުންތެރިކަމާއި އެހީތެރިކަން.  އެހެންކަމުން، ހިފެހެއްޓުމެއްނެތި ޝުކުރު މިހުރިހާ ފަރާތްތަކަށް ފުރާތަކުރަން.

ޝުކުރިއްޔާ! 

"ދެއްވާށެ ކުޑަކުދިންނަށް ހިތްގައިމު ފޮނި އުފާތައް

އެންމެންގެ ލޯބި ލިބިގެން ބޮޑުވާނެ ރަން ދުވަސްތައް.

މިނިވަންކަމާ އެކީގާ / ހިނިތުން ވެވޭނެ ގޮތުގައި

ފިނިކަން ހިތަށް ލިބޭނެހެން / ދެއްވާށެ ކުރިއެރުންތައް."

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު