އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ކަނޑުތަކުގެ ޙާލަތު ދެނެގަތުމަށް ކުރާ ދިރާސާގެ ޙަރަކާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ރާއްޖޭގެ ކަނޑުތަކުގެ ޙާލަތު ދެނެގަތުމަށް ކުރާ ދިރާސާގެ ޙަރަކާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން، ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާގެ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫޢެކެވެ. މި ދިރާސާގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހދ އަތޮޅުގައި މި ދިރާސާ ކުރިޔަށްގެންދިއުމުގައި ބޭނުންކުރާ ބޯޓަށް ވަޑައިގެން ދިރާސާގެ މަސައްކަތްކުރިޔަށްގެންދަވާ ޓީމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދިރާސާ ކުރިޔަށްދާ ގޮތާބެހޭ މަޢުލޫމާތު ހޯއްދަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަރުގެ ދިރުންތައް ބައްލަވާލެއްވުމުގެ ގޮތުން ފީނުމުގެ ހަރަކާތެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ ކަނޑުފަޅުގެ މާޙައުލާއި، އެ މާޙައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމެވެ. މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތު ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި ބޭނުން ކުރެވޭނެއެވެ.


ރާއްޖޭގައި ކުރިޔަށްގެންދާ މިދިރާސާގައި ބައިވެރިވަނީ ވައިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީއާއި ނެޝަނަލް ޖިއޯގްރެފިކްގެ ޕްރިސްޓިން ސީސްއާއި ނެކްޓޮން ޑީޕް އޯޝަން އެކްސްޕްލޮރޭޝަނާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިންނާއި ފަންނީ ތަޖުރިބާކާރުންނެވެ. މި ދިރާސާގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ޙާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޢުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާއި އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެއެވެ.


މައިގަނޑު ދެ މަރުޙަލާއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި ދިރާސާގެ ފުރަތަމަ މަރުޙަލާގައި ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ދިރުންތަކުގެ ޙާލަތު ދެނެގަނެވޭނެއެވެ. އެގޮތުން މަސްމަހާމެއްސާއި މުރަކައާއި އެންދެރި ފަދަ ހުރިހާ ދިރުމެއްގެ ބޯހިމެނިގެންދާއިރު މި މަރުޙަލާގެ ދެ ވަނަ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކަނޑުތަކާއި ފަރުތަކުގެ ދުޅަހެޔޮކަމަށް ދިމާވާ ތަފާތު މައްސަލަތަކާއި ނުރައްކާތައް ދެނެގަނެވޭނެއެވެ.

މި ދިރާސާގެ ދެ ވަނަ މަރުޙަލާގައި މިދިރާސާގެ ހޯދުންތައް ސަރުކާރަށް ހުށަހަޅައި، ކަނޑުގެ ދިރުންތައް ޙިމާޔަތްކޮށް ބަލަހައްޓާނެ ގޮތުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިއަށް ގެންދަވައި މިހާރު ކުރިއަށް ދާ ދިރާސާތަކާ ބެހޭ ގޮތުން، އެ ބޭފުޅުން ދިވެހި ސަރުކާރަށް ރިޕޯޓް ހުށަހަޅުއްވާނެއެވެ.

މި ދިރާސާގެ ސަބަބުން ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ. އެންވެރިކަމާއި މަސްވެރިކަން އާލާވާ ސަރަޙައްދުތަކާއި ދުވަސްވަރުވެސް ދެނެގަނެވި، އެ މަޢުލޫމާތުތައް ލިބުމުން، ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް، މި ދިރާސާގެ ސަބަބުން އިތުރަށް މަގުފަހި ވެގެންދާނެއެވެ.

މި ދިރާސާ ނިމޭއިރު، ކޮންމެ ރަށު ކައުންސިލަކަށްވެސް، މުހިންމު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން އެ ރަށެއްގެ ކަނޑުގެ ތިމާވެށީގެ ޙިމާޔަތަށް ކުރަންވީ ކަންކަން ސާފުވެގެންދިއުންފަދަ ފައިދާތައް މީގެ ތެރޭގައި ހިމެނެއެވެ.

 

ރާއްޖޭގެ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ ޙާލަތު ދެނެގަތުމުގެ ގޮތުން ކުރާ މި ދިރާސާއަކީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ފުޅާ ގޮތެއްގައި، ސައިންޓިފިކް ހަމަތަކުގެ މަތިން، މިފަދަ ޢިލްމީ ދިރާސާއެއް ކުރެވޭ ފުރަތަމަ ފަހަރެވެ.
  

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު