އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާސިމްގެ މަރުގެ ތަހުގީގު ނިންމުމަށް ފުލުހުންނަށް އިތުރު ވަގުތު ދީފި!

ގާސިމްގެ މަރުގެ ތަހުގީގު ނިންމުމަށް ފުލުހުންނަށް އިތުރު ވަގުތު ދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ރަހުމް ކުޑަ ގޮތަކަށް ހުޅުމާލޭގައި ޒަޚަމްކޮށް މަރާލި ޓެކްސީ ޑްރައިވަރ ގާސިމް ޙަސަންގެ މަރުގެ ތަހުގީގު ނިންމުމަށް، ފުލުހުންނަށް އިތުރު ވަގުތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދީފިއެވެ.

ޕީޖީ އޮފީހުން މިގޮތަށް މުއްދަތު އިތުރު ކޮށްދީފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޕީޖީއަށް ލިބިދީފައިވާ ބާރެއްގެ ދަށުންނެވެ. އެ ގާނޫނުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ތަހުގީގު ނިންމައި، އެ މީހަކަށް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. ޖިނާއި ބޮޑެތި މައްސަލަތަކުގައި ފުލުހުން އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށް، ތަހުގީގު ނިންމުމުގެ މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު އެ ގާނޫނުގެ ދަށުން ޕީޖީއަށް އޮވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު، ގާސިމް ދުއްވަން އިން ޓެކްސީގެ ފަހަތު ސީޓުގައި އިނދެފައި ގާސިމްއަށް ވަޅިން ބިރުދައްކާ، ޒަޚަމްކޮށް މަރާލީ ޅ. ހިންނަވަރު/ ބޮޑުހިޔާގެ އަދުހަމް މުޙައްމަދު (21އ.) އެވެ.

މިމައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، އަދުހަމް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހަކަށްވެފައި، އޭނާ ގާސިމް މަރާލީ ފައިސާ ހޯދަން ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ.

އަދުހަމްގެ ބަންދު މުއްދަތު އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކުރިތާ 30ވަނަ ދުވަސް މާދަމާއަށް ހަމަވާނއެވެ. އެހެންކަމުން ޕީޖީން ވަނީ އެ ތަހުގީގު ނިންމުމަށް އިތުރު 15 ދުވަސް ފުލުހުންނަށް ދީފައެވެ.

ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރާއެކު، އަދުހަމް އެ ރޭ ލައިގެން ހުރި އަންނައުނުވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ހޯދާފައިވާ ހެކިތަކުން އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފައެވެ. އަދުހަމް ވެސް ވަނީ އޭނާ އެކުރި ކުށަށް އިއުތިރާފްވެ، އެރޭ އޭނާ އަމަލުކުރި ގޮތް ތަފްސީލުކޮށް ފުލުހުންނަށް ކިޔައިދީފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ