އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައުލޫދުޕާޓީއެއް ނަމަވެސް ދިލަފޮށި ހޮވާ ޕާޓީއެއް ނަމަވެސް ވެރިކަމަށް އާދެވެނީ އެ ޕާޓީގެ އެހީތެރިކަމާއެކު!: ޤާސިމް އިބްރާހީމް

މައުލޫދުޕާޓީއެއް ނަމަވެސް ދިލަފޮށި ހޮވާ ޕާޓީއެއް ނަމަވެސް ވެރިކަމަށް އާދެވެނީ އެ ޕާޓީގެ އެހީތެރިކަމާއެކު!: ޤާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 22 ސިކުންތު

ޖުމްހޫރީ ޕާޓީއަކީވެސް މައުލޫދު ޕާޓީއެއް ކަމަށް ބައެއް ބޭފުޅުން ސިފަ ކުރެއްވި ނަމަވެސް އެކަމާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި ޖުމްހޫރީ ޕާޓީއަކީ މައުލޫދު ޕާޓީއެއް ނަމަވެސް އަދި ގޮނޑޮށަށް ލައްގާ ދިލަފޮށި ހޮވާ ޕާޓީއެއް ނަމަވެސް ކޮންމެ ޕާޓީއަކަށްވެސް ވެރިކަމަށް އާދެވިފައިވަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއިއެކުގައިކަށްވުމުން ވެރިކަން އެ ލިބެނީ "މައުލޫދު ޕާޓީ" ވެސް އޮތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ބައަކު ޖުމްހޫރީ ޕާޓީއަށް ކިޔާ ނަމަކާއިމެދު ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި ބޭނުންފުޅުވާ ހަމައެކަނި ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކަމަށެވެ. ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ޖީބުތައް ތަނަވަސްވުމަށް މަގުފަހިކޮށްދެއްވުން ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ ޙައްޤުގައި ޚިދުމަތް ކުރައްވާތީ އަބަދުވެސްއ ދަނީ އެމަނިކުފާނަށާއި ޢާއިލާއަށް އަދި އެމަނިކުފާނުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބިވަޑައިގަންނަވަމުން ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުން ވިލާ ގްރޫޕުގެ އެކައުންޓުތައް ފްރީޒްކުރުމުން ވިލާ އެއާއަށް އެކަނި 40 މިލިއަން ޑޮލަރު ގެއްލުންވި ކަމަށެވެ. "އެއިރު އޮތީ 19 މިލިއަން ޑޮލަރު ވެސް ދައްކާފަ. ނަމަވެސް އެކައުންޓްތައް ފްރީޒް ކުރީމާ ބާކީ ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ބްރޭންޑް ނިޔު 2 ފްލައިޓް ޖެހުނީ އަނބުރާ ޙަވާލުކުރަން. މިކަމުގަ 40 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބުނު." 

ޤާސިމް އިބްރާހީމް ވިދާޅުވީ އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ކުރި ދަތުރުތައް ހުއްޓާލަން ފްލައިމީއަށް ޖެހުނީ ވެސް ސަރުކާރުގެ ފިއްތުންތައް ބޮޑުވެގެން ކަމަށެވެ. "ފްލައިމީގެ ދަތުރުތައް ފެށުމުން ޓިކެޓްގެ އަގުހެޔޮވި މިންވަރު ރައްޔިތުންނަށް އެނގޭނެ. އަދި ދަތުރުތައް ހުއްޓާލަން ޖެހުމުން ޓިކެތްގެ އަގު ބޮޑުވި މިންވަރުވެސް އެނގޭނެ. މޯލްޑިވިއަންގެ ދަތުރުތައް މިހާރުވެސް އެކުރަނީ ސަރުކާރުން ސަބްސިޑީ ދީގެން. ފްލައިމީ އިން ހެޔޮއަގުގައި ދަތުރުކުރީ އެއްވެސް ސަބްސިޑީއެއް ލިބުމެއް ނެތި. މިއުޅެން ޖެހެނީ އިތުރު މަންޒިލްތަކަށް ދަތުރުކުރުމުގެ ހުއްދަ ނުލިބިގެން." 

އެމްއޭސީއެލްގެ ސީޕްލޭން ޓަރެމިނަލް ޓީއެމްއޭއަށް ދޭން އުޅޭ މައްސަލައިގައިވެސް ޤާސިމް އިބްރާހީމް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. "އެކަމާ ދެކޮލަށް ވާހަކަ ދެއްކި އިސް 2 މުވައްޒިފަކު ވަޒީފާއިން ވަކިކުރިކަމުގެ ވާހަކަތަކުގެ އަޑުވެސް އެބަ އިވޭ. އެއީ ވަރަށް ބޮޑު ގޯހެއް. މިނިވަންކަމާއިއެކު އެމީހަކަށް ފެންނަ ގޮތް ހާމަކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއް. އެކަމުގެ ސަބަބުން ގެއްލުމެއް ދިނުމަކީ އަސާސީ ޙައްޤަކަށް އަރައިގަތުން. އަޅުގަނޑު އާދޭހާއިއެކު މިދަންނަވަނީ އެފަދަ އަނިޔާއެއް އެއްވެސް މީހަކަށް ނުކުރުމަށް. އެމީހުން ވަޒީފާއިން ވަކިކޮށްފައިވާނަމަ އަނބުރާ ރުޖޫޢަކޮށްދެއްވަން." 

ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންނަށް ޚިދުމަތް ނުކުރެވިގެން އުޅެނީ ކޯލިޝަނުގެ ސަބަބުން ކަމަސް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށްވެސް ރައްދު ދެއްވައިފައެވެ. 

ގާސިމް އިބްރާހީމް ވިދާޅުވީ ވރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި ކޯލިޝަނަށް ފާޑު ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ސަރުކާރުން ކަމެއްކޮށް ނުދެވެނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެ ކޯލިޝަން ހޯދަން ސަލާން ޖެއްސެވި ދުވަސް މިހާރު ހަނދުމަފުޅުގައި ނެތް ކަމަށެވެ. 

ވެރިކަން ކުރަނީ ކޯލިޝަން ސަރުކާރަކުންކަން ރައީސް ނަޝީދަށް އެނގިވަޑައިގަތީ މިއަދުތޯ ވެސް ޤާސިމް އިބްރާހީމް ސުވާލު ކުރެއްވިއެވެ.  "އިހަށް ދުވަހު ކޯލިޝަން ހަދަން ކުރި އާދޭހާއި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ؟" 

ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވުމުން އެ މަޤާމަކީ ދިވެހި ރައްޔިތުންގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ހައްގުތައް އެމްޑީޕީގެ 40000 މެންބަރުންނަށް ބަހާލުމަށް ޙަވާލުކުރެވުނު މަގާމެއް ކަމަށް ދެކެވަޑައިގަންނަވާނަމަ ދެން ތިބި ރައްޔިތުންގެ އެއްވެސް ޙައްޤެއް ނެތީތޯ ވެސް ސުވާލުކުރައްވައިފައެވެ. 

ޤާސިމް އިބްރާހީމް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޖުމްހޫރީ ޕާޓީ ބައެއް މެންބަރުން އަލަށް ގުޅުމަށް އެޕާޓީގެ މައިމަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް