އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ ފަރާތެއް ރާއްޖެއިން ފެނިފައެއް ނުވޭ: ހެލްތު މިނިސްޓަރ

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ ފަރާތެއް ރާއްޖެއިން ފެނިފައެއް ނުވޭ: ހެލްތު މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 18 ސިކުންތު

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ ފަރާތެއް އަދި މިހާތަނަށް ރާއްޖެއިން ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާލުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަދި ބަލީގެ އަލާމާތެއް ހުރި އެއްވެސް ފަރާތެއް ފެނިފައި ނުވާ ކަމަށާއި ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ މިވަގުތު އޮތީ ހާސްވާންޖެހޭ ހާލަތެއްގައި ނޫން ކަމަށެވެ.

ނަމަވެސް މިބައްޔަކީ ނުރައްކާތެރި އަދި އެހާމެ ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކަމުން، އެކަމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. ފަރުދީ ގޮތުން ވެސް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން އަމީން ވަނީ މި ބަލީގެ އަލާމާތްތައް ދެނެގަތުމާއި މިފަދަ ބައްޔަކުން ރައްކާތެރިވުމަށް ފަންނީ ބޭފުޅުންގެ އެހީގައި މައުލޫމާތު ހޯދުން މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން އާންމުންގެ ތެރޭގައި ދެކެވޭ ބައެއް ވާހަކަތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ ވިދާޅުވީ މިބައްޔަށް ސްކްރީން ކުރުން ހަރުދަނާވާ ވަރަކަށް، މީހުންނަށް ސުވާލުކުރަން އިތުރުވާނެ ކަމަށާއި ނަމަވެސް އެގޮތަށް ސުވާލު ކުރަނީ މިބައްޔަށް ތުހުމަތު ކުރެވިގެން ނޫން ކަމަށެވެ.

"އެއާޕޯޓުގައި ބެހެއްޓިފައި ހުރި ކެމެރާ އިން ދެނެގަންނަނީ މީހާގެ ބޮޑީ ޓެމްޕަރޭޗާ. ބޮޑީ ޓެމްޕަރޭޗާ އަށް ބަލާފައި ފުރަތަމަ އިންވެސްޓިގޭޝަނުގެ ތެރެއިން އައިޑެންޓިފައި ކުރާނީ މި ބައްޔަށް ތުހުމަތު ކުރެވިގެން މީހާއާ ކުރަންޖެހޭ ސުވާލުތަކާއި ޓެސްޓުތައް ކުރަންޖެހޭތޯ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ދުނިޔޭގެ އެހެން ތަންތަނުގައި ފެތުރުމާއި ގުޅިގެން، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްލަ ސަމާލުކަމެއް ދީގެން މަސައްކަތްކުރާ ކަމަށާއި އެގޮތުން އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މިކަމާއި ގުޅޭ މައުލޫމާތުތައް ދެމުންދާ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި މި ވައިރަހުގެ އަސަރު މިހާތަނަށް ޗައިނާގެ 1600 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު 56 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް މި ވައިރަހުގެ އަސަރު ހުރި ފަރާތްތަށް ވަނީ ފެންނަން ފަށާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ