އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާދައިގެ އިންސާނަކަށް ފެންނަ ހުވަފެނަކުން ދީނުގެ ޙުކުމްތައް ކަނޑައެއް ނޭޅޭނެ!: ޑރ. އިޔާޟް

އާދައިގެ އިންސާނަކަށް ފެންނަ ހުވަފެނަކުން ދީނުގެ ޙުކުމްތައް ކަނޑައެއް ނޭޅޭނެ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 57 ސިކުންތު

ތިރީގައި މިވަނީ ތުންޖީނާ ޞަލަވާތް ކިޔަވަން ފެށުނު ގޮތާއި އެކަމަކީ މިދުޢަ އެއްކަން ބަޔާން ކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.

ތުންޖީނާ ޞަލަވާތާއި ބެހޭ

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ތުންޖީނާ ޞަލަވާތުގެ ނަމުގައި މަޝްހޫރުވެފައިވާ ޞަލަވާތަކީ އަލަށް އުފެދިގެން އުޅޭ ޞަލަވާތެކެވެ. އެއީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން އަދި ޞަޙާބީ ބޭކަލެއްގެ ބަސްފުޅުން އަދި ހެޔޮ ގަރްނުގެ އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުން އައިސްފައިވާ ޞަލަވާތެއް ނޫނެވެ. 

"ނުޒްހަތުލް މަޖާލިސި ވަމުންތަޚަބުއްނަފާއިސި" އޭ ކިޔުނު ފޮތުގެ 284 ވަނަ ޞަފްޙާގައި ލިޔެވިފައިވެއެވެ.  

އައްޝައިޚް މުސާ އައްޟަރީރު ކިޔާ ބޭފުޅަކު ކަނޑުދަތުރަކަށް ނިކުންނެވިއެވެ. އޭނާ ވިދާޅުވިއެވެ. ވަރުގަދަ ކެރިގަނޑެއްގައި ތިމަންމެން ޖެހުނެވެ. އެކެރިގަނޑުން މަދުބަޔަކު މެނުވީ ސަލާމަތްވެފައި ނުވާ ކެރިގަނޑެކެވެ. މީސްތަކުން ބިރުން ހަޅޭއްލަވަންފެށިއެވެ. ދެން ތިމަންނާ އަށް ނިދި ޖެހުނެވެ. ދެން ހުވަފެނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދޯނީގައި ތިބި އެންމެންގެ ގާތުގައި މިޞަލަވާތް އެއްހާސްފަހަރު ކިޔަވަން ބުނާށެވެ.  ބުނާށެވެ.  (اللهم صل على سيدنا محمد ، وعلى آل سيدنا ، صلاة تنجينا بها من جميع الأهوال والآفات ، وتقضي لنا بها جميع الحاجات ، وتطهرنا بها من جميع السيئات ، وترفعنا بها عندك أعلى الدرجات ، وتبلغنا بها أقصى الغايات من جميع الخيرات في الحياة وبعد الممات  ) ދެން އޭނާ ނިދިން ހޭލެވުމުން ދޯނީގައި ތިބި އެންމެންގެ ގާތުގައި މިހުވަފެނުގެ ވާހަކަ ބުންޏެވެ. އަދި އެބައިމީހުން ތިންސަތޭކަ ފަހަރު ކިޔެވިތަނުން މި މުޞީބާތުން ސަލާމަތްވެއްޖެއެވެ.

ނަމަވެސް، މީގައި ހަނދާން ކުރަން ޖެހޭ ކަމަކީ އާދައިގެ އިންސާނަކަށް ފެންނަ ހުވަފެނަކުން ދީނުގެ ޙުކުމްތައް ކަނޑައެއް ނޭޅޭނެއެވެ. އެހެންކަމުން، މިފަދަ ހުވަފެންތަކަށް ބަރޯސާވެގެން މިފަދަ ޞަލަވާތް ކިޔެވުން އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ﷲ ގެ ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެކެވެ. ﷲ ވަނީ އެޝަރީޢަތް ފުރިހަމަ ކުރައްވާފައެވެ. ސޫރަތުލް މާއިދާގެ 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ  )މާނައަކީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."  

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަޑުމެންނަށް ދީން ފޯރުކޮށްދެއްވާފައެވެ. އެއްވެސް އެއްޗެއް ބަޔާން ނުކުރައްވާ ފޮރުއްވާފައެއް ނުވެއެވެ. އެހެންކަމުން، އަޅުގަޑުމެން ކޮންމެ ކަމެއްގައިވެސް ނަމޫނާ އެއްކަމުގައި ބަލަންވާނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އާދައިގެ އިންސާނަކަށް ފެންނަ ހުވަފެނަކުން ޙުކުމްތައް ތަޝްރީޢު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.  

ބޮޑެތި މުޞީބާތްތައް މެދުވެރިވުމުން ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެގެންވާ ދުޢާތައް އެބަހުއްޓެވެ. އެދުޢާތައް ކިޔުން އެއީ އެންމެ ފައިދާބޮޑު ގޮތެވެ. އެގޮތުން ވާރިދުވެގެންވާ ދުޢާތަކުގެ ތެރޭގައި: 

اَللَّهُمَّ رَحْمَتَكَ أَرْجُوْا فَلاَ تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ, وَأَصْلِحْ لِيْ شَأْنِيْ كُلَّهُ, لاَ إِلَهَ إِلاَّ أَنْتَ 

މާނަ: ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާ އާދޭސް ދަންނަވަނީ ހަމައެކަނި އިބަ އިލާހުގެ ރަޙްމަތަށެވެ. މިއަޅާގެ ނަފްސަށް ހިނދުކޮޅަކަށް ވެސް މިއަޅާ ދޫކޮށް ނުލައްވައިފާނދޭވެ. މިއަޅާގެ ކަންތައްތައް ރަނގަޅުކޮށް ދެއްވައިފާނދޭވެ. އިބަ އިލާހު ފިޔަވައި ޙައްގުވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. 

لاَ إِلَهَ إِلاَّ اللهُ الْعَظِيْمُ الْحَلِيْمُ، لاَ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيْمِ، لاَ إِلَهَ إِلاَّ اللهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيْمِ.

މާނަ: ކޯފާމަޑު މައިތިރިވެގެންވާ ﷲ ފިޔަވައި، ޙައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އަދި މަތިވެރިވެގެންވާ ޢަރްޝީގެ ވެރި ﷲ ފިޔަވައި، ޙައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އުޑުތަކާއި، ބިމާއި، ޢަރްޝީގެ ވެރި، ދީލަތިވަންތަ މާތް ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. 

އަޅުގަޑުމެން މުސްލިމުން އަބަދުވެސް ވިސްނަންވާނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބަޢަވެވޭތޯއެވެ. އަދި ދީނުގެ ތެރެއަށް އަލަށް ވެއްދޭ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވެވޭތޯއެވެ. ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (اتَّبِعُوا وَلَا تَبْتَدِعُوا فَقَدْ كُفِيتُمْ) މާނައަކީ: "ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ. ބިދްޢަ ނުހަދާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ފުދިއްޖެއެވެ." 

އަޅުގަޑުމެން އެންމެންނަށް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހިވޮޑިގެންވާ ގޮތުގެ މަތީގައި ފައިތިލަ ޘާބިތު ކުރުމުގެ ތައުފީގް ﷲ ދެއްވާށި. އާމީން.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް