އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅިޤައުމުވެސް ފަޚުރުވެރިވާ ކަންތައްތަކެއް: ނައިބު ރައީސް

ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅިޤައުމުވެސް ފަޚުރުވެރިވާ ކަންތައްތަކެއް: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައިވާ ނަމޫނާތަކަކީ މުޅިޤައުމުވެސް ފަޚުރުވެރިވާފަދަ ކަންތައްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެންވިދާޅުވީ ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތަޢުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތްކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލުކަމާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާކަން ފާހަގަކުރައްވާފައެވެ. ޚާއްޞަގޮތެއްގައި 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް އެސްކޫލުން ޙާޞިލުކޮށްފައިވާކަމީ އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށް ފަޚުރުވެރިވާން ޖެހޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސްކޫލުދައުރުގެ ހަނދާންތައް އައު ކުރައްވަމުން މިހާރުގެ ސްކޫލުދަރިވަރުންނަށް ވަނީ ނަޞޭހަތްތަކެއް ދެއްވާފައެވެ. އެގޮތުން ކުދިކުދި ކަންކަންވެސް ރަނގަޅަށް ކުރަން އާދަކުރުމާއި އެކުގައި މަސައްކަތްކުރުމާއި މުދައްރިސުންނާއި މައިންބަފައިންނާ ބޮޑެތި މީހުންނަށް އިޚްތިރާމު އަދާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ސްކޫލުގެ އަހަރީދުވަސްފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއްކަމަކީ ޓީޗަރުންނާއި އުގަންނައިދޭ ފަރާތްތަކަށް އިޙްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުންދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މި ޖަލްސާގައި ޖަމާލުއްދީން ސްކޫލުގެ އިސްމަޤާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ސްކޫލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައިވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު