އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދޭނީ ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމްކޮށްގެން: ރައީސް

މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ހޯދޭނީ ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމްކޮށްގެން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

މިހާރު ފެތުރިފައިވާ، އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް، އެކަށީގެންވާ ޙައްލެއް ހޯދޭނީ ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ޤަޟާއީ އަހަރު 2020 އިފްތިތާޙު ކުރުމަށްޓަކައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ފަނޑިޔާރުގޭގެ މަސައްކަތްތައް، 2020 ވަނަ އަހަރަށް ފެށުމުގެ މުނާސަބަތުގައި، ބޭއްވެވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ތެރޭގައި މިހާރު ފެތުރިފައިވާ، އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކަށް، އެކަށީގެންވާ ޙައްލެއް ހޯދުމުގައި ފަނޑިޔާރުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ފަނޑިޔާރުންނަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، ޢަދުލު އިންޞާފު އޭގެ ވަގުތުގައި ޤާއިމުކުރުންކަމަށާއި ޝަރުޢީ މަރުޙަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ ހަމަ އެއާއެކު ފަނޑިޔާރުގެ އިޞްލާޙްކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، ކަމާ ގުޅޭ ޤާނޫނުތައް ވެސް އިޞްލާޙްކުރަންޖެހޭ ކަމަށް އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވާނީ ފޮނުވާފައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ނޫނަސް، ޝަރުޢީ ދާއިރާގެ ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް، ސަރުކާރުން އަންނަނީ ދިރާސާކޮށް ބަލަމުންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިހުމާލުވުމުގެ މައްސަލަތަކަށް އިންސާފު ހޯދައިދުނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ޝަރީޢަތްތައް ކުރިއަށް ގެންދިޔުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ނިންމާފައިވާ ނިންމެވުމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ނިންމެވުމުގައިވާ ބަދަލު އައުމުން، އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭތާ، 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖައްސަންޖެހޭކަމަށާއި، އަދި ޝަރީއަތުގެ މަރުޙަލާ ފެށުމަށް ފަހު، ކޮންމެ ދެ އަޑުއެހުމެއްގެ ދެމެދު، 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަ ނުވާނެ ގޮތަށް، އަޑުއެހުންތައް ތާވަލުކުރަން ޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިގޮތަށް ކަންކަން އިންތިޒާމުކުރުމުން، އެފަދަ މައްސަލަތައް، ގިނަވެގެން ހަ މަސްތެރޭގައި ކޯޓުން ނިމިގެން ދިއުމަކީ ހެޔޮ ފާލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ވަޢުދުވީ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރާ، ފަނޑިޔާރުގެއެއް ޤާއިމުކޮށްދިނުމަށްކަމަށާއި، ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ނުކުރަންކަމަށާއި، އަދި ކުރުމުގެ ވިސްނުމެއްވެސް ނެތްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު