އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް: ނައިބު ރައީސް

ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުންނަށް ލިބިގެންދާ ހައްޤުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ 'މަސަލަސް ރާއްޖެ' ގެ ނަމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން ހިންގަވާ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް އިފްތިތާޙްކޮށްދެއްވުމަށް މިއަދު ހެނދުނު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން ގިނަގުނަ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި މިގޮތުން 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޙައްޤުތަކެއް ލިއްބައިދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ޖާގަ މި ޤާނޫނު އަސާސީން ދީފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދޭ ޙައްޤުތަކުގެ ފުރިހަމަ ބޭނުން ހިފުމަށްޓަކައި އެކަންކަމުގެ މަޢުލޫމާތު ލިބިފައިވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ވިދާޅުވެފައެވެ.

ޤާނޫނުތަކަކާއި އުޞޫލުތަކެއް ހެދިފައިހުންނައިރު އެޤާނޫނެއްގައި ބުނާ އެއްޗެއް ހުރިހާ އެންމެންނަށް ވަރަށް ރަނގަޅަށް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދަކީ އެފަދަ ވަރަށް މުހިއްމު ދުވަހެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު މިއަދު ވުޖޫދަށް އައިސްފައިވާއިރު އެޤާނޫނުގައި ބުނާ އެއްޗެއް ވަރަށް ސާފުކޮށް އެންމެންނަށްވެސް އެނގެންޖެހޭ ކަމުގައެވެ.
މިއަދު މި ފެށިގެންދާ ހޭލުންތެރިކަމުގެ ޕްރޮގްރާމަކީވެސް އެތައް މިންނެތް މަސައްކަތަކާއެކު ބޭއްވިގެންދާ ޕްރޮގްރާމެއް ކަމަށާއި މިފަދަ ޕްރޮގްރާމްތަކުން ދަސްވާ އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭތޯ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން 16 މުއައްސަސާއެއްގެ ބައިވެރިވުމާއެކު މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 'މަސަލަސް ރާއްޖެ' ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ބްރޯޑްކާސްޓިންގ ކޮމިޝަން، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، ސިވިލް ސަރވިސް ކޮމިޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ، ހޯޕް ފޮރ ވުމެން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމެންޓް އަދި އިސްލާމިކް ޔުނިވަރސިޓީ ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު