އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޞީބާތުން ކުރާ ފައިދާ އެނގޭނަމަ މުޞީބާތެއް ކުރިމަތިވުމުން ހަމައެކަކުވެސް ކަންބޮޑެއް ނުވާނެއެވެ!

މުޞީބާތުން ކުރާ ފައިދާ އެނގޭނަމަ މުޞީބާތެއް ކުރިމަތިވުމުން ހަމައެކަކުވެސް ކަންބޮޑެއް ނުވާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

މުޞީބާތް ކުރިމަތިވެގެން ތިމާއަށް ކުރި ފައިދާގެ ވާހަކަ ދައްކާ މީހުން ވަރަށް މަދެވެ. އެކަމުން އެނގެނީ ޝުކުރުވެރިވާ މީހުން މަދުކަމެވެ. ނުވަތަ މުޞީބާތް ފިލައި ދިއުމުން އެކަމުގެ ހަނދާން ވެސް ނުހުންނަ ކަމެވެ. 

އެންމެންހެން ދައްކަނީ މުޞީބާތް ކުރިމަތިވުމުން ޖެހޭ ދަތިޙާލުގެވާހަކައެވެ! އުފުލަން ޖެހޭ ތަކްލީފްތަކުގެ ވާހަކައެވެ. އެކަމުން އެނގެނީ މިންވަރަށް އީމާން ނުވެވޭ ކަމެވެ. މުޞީބާތްތައް ކުރިމަތިވުމަކީ ދިރިއުޅުމުގެ އެއްބައިކަން ޤަބޫލުނުކުރެވޭ ކަމެވެ. މުޞީބާތްތައް ކުރިމަތިވުމަކީ ކިތަންމެ ފައިދާހުރި ކަމެއް ނަމަވެސް އެއްވެސް މީހަކު އެކަމަށް ކުރިމަތިލާން ބޭނުން ނުވާކަމެވެ. 

ޙަޤީޤަތަކީ މުޞީބާތެއް ކުރިމަތިވުމުން ކެތްތެރިވެއްޖެ ނަމަ އެކަމުން ފައިދާ ނުކުރާނެ ހަމައެކަކުވެސް ނުހުންނާނެ ކަމެވެ! ދުނިޔޭގައި އެކަމުގެ ފައިދާ ނުފެނުނު ނަމަވެސް އާޚިރަތުގައި އެކަމުގެ ފައިދާ ނުފެނިއެއް ނުދާނެއެވެ. އަދި ކީއްހެއްޔެވެ؟ މުޞީބާތަށް ކެތްތެރިވާ މީހުންނަށް ދުނިޔޭގައި އެކަމުގެ ފައިދާ ދެއްކެވި ނަމަވެސް އާޚިރަތުގައި ލިބެންވާ ބައިން އެއްވެސް މިންވަރެއް މަދު ނުވެ ތިބާއަށް ލިބިގެންދާނެއެވެ! އިން ޝާ ﷲ 

މުޞީބާތުގެ ވާހަކަ މިހައި ގިނައިން ދައްކަން މިޖެހެނީ މުޞިބާތް ކުރިމަތިވުމުން މާޔޫސްވާ މީހުން ގިނަކަމުންނެވެ. އެ މާޔޫސްކަމުގައި އަޅުކަމާއި އަދި ދީނާއިވެސް ދުރުވެވޭ ހިސާބަށް ކަންކަން ދާތީއެވެ! 

ދުނިޔެއިން ފެންނަމުންދާ ތަޖުރިބާއަށް ބަލާއިރު މުޞިބާތް އުފުލަން ނުޖެހޭ ގިނަ ބައަކު ދުނިޔެ ދޫކުރަނީ ޣާފިލުކަންމަތީގައެވެ. އަޅުކަމާއި ދުރުހެލި ބައެއްގެ ގޮތުގައެވެ. މަރުހަނދާންވެސް ނުކުރާ ބައެއްގެ ގޮތުގައެވެ. އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތިވެދާނެ މުޞީބާތްތަކުގެ ބޮޑުކަމާއިއެވެ! 

އިސްވެ ދިއަ އުންމަތްތައް އުފުލަން ޖެހުނު ތަކްލީފްތަކުގެ ބޮޑުކަމުގެ ވާހަކަ ކީރިތި ޤްރްޢާނުގައި ބަޔާން ކުރައްވަވާފައި އެވަނީވެސް ޢިބްރަތަކަށެވެ. އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. 

"ތިއަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލްތައް ތިއަބައިމީހުންނާ ހަމައަށް އަދި ނައިސްވަނިކޮށް، ތިއަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިއަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިއައެވެ. ރަސޫލާ އާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. ﷲ ގެ ނަޞްރު އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ނަޞްރު ވަނީ ދާދި ގާތުގައެވެ." (އަލްބަޤަރާ: 214) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް