އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާވާ މީހުންނަށް ފުރައްސާރަކުރުމަކީ ޝައިޠޯނާގެ ބައިވެރިންގެ ސިފައެއް! އެއީ ބިރުހުރި ކަމެއް!

ތައުބާވާ މީހުންނަށް ފުރައްސާރަކުރުމަކީ ޝައިޠޯނާގެ ބައިވެރިންގެ ސިފައެއް! އެއީ ބިރުހުރި ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ބައެއް މީހުން، އެމީހުންނަށް ކުރިން ކުރެވެމުން އައި ފާފަތައް ކުރުން ހުއްޓާލައި އުޅުން އިޞްލާޙްކޮށް ތައުބާވުމަށްފަހުގައިވެސް އެކަން ހާމަކުރަން ލަދުވެތިވެއެވެ. ޖަމާއަތަށް ނަމާދަށް ދިއުމާއި ތުނބުޅި ބެހެއްޓުމާއި ޙިޖާބް އެޅުން ފަދަ ކަންކަން ކުރަން ލަދުގަނެއެވެ. އޭނާއަށް ކުރެވުނު ފާފަތައް އެނގޭ މީހުން ކޮށްފާނެ މަލާމާތާއި ފުރައްސާރައަށް ލަދުވެތިވެ ޖެހިލުންވާތީއެވެ. 

މީސްތަކުންނޭވެ! ތައުބާވުމުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަނީ ﷲ ތަޢާލާއެވެ. ﷲ ތައާލާ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވަނީ އެމީހަކު މާޒީގައި ކޮށްފައިވާ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. ވީމާ އެހިސާބުން މާޒީ އާއިމެދުގައި އިތުރަށް ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތެވެ! އެހިސާބުން މާޒީ އެވަނީ ނެތިގެން ގޮސްފައެވެ. 

ފާރާމުގައި ޖަހާލައްތައް ބްލީޗްފަދަ އެއްޗެއް ޖަހައިގެން ފިލުވައިލުމުން ފޭރާން ސާފުވާ ފަދައިން ތައުބާވުމުން މީހާ އެވަނީ ސާފުވެފައެވެ. ހިތް އެވަނީ ޠޯހިރުވެފައެވެ. ތައުބާވުމުން އެމީހާގެ މާޒީގެ އެއްވެސް ކަމަކާއިމެދު ﷲ ތަޢާލާ ސުވާލެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ ސުވާލުކުރައްވަވާނީ ތައުބާވުމަށް ފަހު ކުރާ އަމަލުތަކުގެ މައްޗަށެވެ. 

ވީމާ ތައުބާވުމަށްފަހު މީސްތަކުން ކިޔައިފާނެ އެއްޗަކަށް ނުވަތަ ކޮށްފާނެ މަލާމާތަކަށް ނުވިސްނާށެވެ! މަލާމާތްކޮށްފިނަމަ އެކަމުން ވެސް ތިބާއަށް ދެއްވަވާނީ ސަވާބެވެ! ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! މިސްކިތަށް ދިއުން ގިނަކުރާށެވެ! ފިރިހެނަކު ނަމަ ތުނބުޅިވެސް ދިގުކުރާށެވެ! އަންހެނަކު ނަމަ ޙިޖާބަވެސް އަޅާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ހުރިހާ ޢަމަލުތަކެއްވެސް ކުރާށެވެ! ހަމައެކަނި ކުރަންވީއެއް ނޫނެވެ! ކުރުން ގިނަކުރަންވީއެވެ! 

އީމާންކަމުގައި ސާބިތުވެއްޖެ މީހާ އެހެން މީހުން ކިޔައިފާނެ އެއްވެސް އެއްޗަކާއިމެދު ޖެހިލުމެއް ނުވާނެއެވެ. ބިރުވެތިވާނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ޖެހިލުން ވާނީވެސް އަދި ލަދުވެތިވާނީވެސް ހަމއެކަނި ﷲ ތަޢާލާއަށެވެ! ވީމާ ފުރިހަމަގޮތުގައި އީމާންވެގެން ހުރި މީހަކަށްވާށެވެ! އެއިރުން ޢަޒުމް ގުޑުވައެއް ނުލެވޭނެއެވެ! 

އަދި ކީއްހެއްޔެވެ؟ ތައުބާވުމުން އެމީހަކަށް މަލާމާތް ކުރާނަމަ އެމީހަކީ ޖާހިލެކެވެ. ޝައިޠޯނާގެ ބައިވެރިއެކެވެ. އެފަދަ މީހުން އެކުރަނީ ބިރުހުރި ކަމެކެވެ. އެހެނީ އެ މަސައްކަތްކުރަނީ މީހަކު ދީނާއި ދުރަށް ޖެއްސުވުމަށެވެ. 

ޖާހިލުން ކުރާ ކަންކަމަށް މުސްލިމުން ކަންބޮޑެއް ނުވާނެއެވެ! މުސްލިމެއްގެ ގޮތުގައި ސާބިތުވުމުން އޮންނާނީ ހުރިހާ މައްސަލަތަކަށްވެސް ޙައްލު ލިބިފައެވެ! އެފަދަ މީހުންނަށް ﷲ ތަޢާލާގފެ ލޯބިވެވޮޑިގަތުން ދާނީ ލިބެމުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް