އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު
ހިޖުރައިން 18 ވަނަ އަހަރު ޝާމް ކަރައިގެ ޢަމްވާސް ގައި ފެތުރުނު ގައިންގައަށް އަރާ ޠާޢޫން ބަލީގައި، ޝާމްކަރައިގެ 25 ހާސް މުސްލިމުން މަރުވިކަމަށް ވެއެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ޞަޙާބީން ވެސް ހިމެނެ އެވެ.
އެވަގުތު އެ ސަރަޙައްދުގައި މުސްލިމުންގެ އިސްބޭފުޅަކަށް ހުންނެވީ މާތް ޞަޙާބީ ޢަމްރު ބިން ޢަލްޢާއްޞް އެވެ. ގައިންގައިން އަރާ ބަލި އޮތީ މުޅި ޢަމްވާސަށް ފެތުރިފައެވެ. އެންމެ ފަހުން ޢަމްރު ރައްޔިތުންނަށް އަމުރު ކުރެއްވީ ބަލި މީހުންނާ ގާތް ނުވުމަށާއި އެއްވުންތައް ނުބޭއްވުމަށާއި އެކި ތަންތާ ވަކި ވަކި ވެގެން ތިބުމަށެވެ. އަދި ހެޔޮ ޞިއްޙަތުގައި ތިބި މީހުންނާއިގެން ޢަމްރު ވަޑައިގެންނެވީ ބަލި މީހުންނާ ދުރަށް ފަރުބަދަތަކުގެ މައްޗަށެވެ. ބަލި ފިލައްޖައުމަށްދާންދެން މުޅި ޢަމްވާސް އޮތީ ކަރަންޓީނު ކޮށްފައެވެ.
މިގޮތަށް ޢަމަލުކުރަންފެށިތާ ދުވަސްތަކެއް ނުވަނީސް ވަބާ އެއްކޮށް ފިލައި ހިގައްޖެއެވެ. އެ ދުވަސްވަރަކީ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރެވެ. ޢަމްރު ކަންތައް ކުރެއްވި ގޮތުގެ ވާހަކަ ޚަލީފާއަށް ލިބިވަޑައިގަތުމުން އުފާކުރެއްވިއެވެ. އަދި ދެކޮޅެއް ނުހެއްދެވިއެވެ.
ހަމަ މިފަދައިން އިސްލާމީ ވަރުގަދަ ޙަޟާރަތެއް އޮތް އަނދަލުސްގައިވެސް ގައިން ގައިން އަރާ ޠާޢޫން ބަލި ފެތުރިގެން ދިއުމުން ޚަލީފާ ޢަބްދުއްރަޙުމާން އައްނާޞިރު މީސްތަކުންނަށް އަމުރު ކުރެއްވީ ރައްޔިތުން ގެއަށް ވަދެ ބޭރަށް ނުނިކުމެ ގޭގައި ތިބުމަށެވެ. އަދި ތަންތަނުގައި ޖަމާވެ ނުތިބުމަށެވެ. މިގޮތަށް ޢަމަލު ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ ވަބާ ފިލައި ހިގައްޖެ އެވެ.
މިވާހަކަތައް މިދެންނެވީ އެއިން ޢިބްރަތް ހޯދުމަށެވެ. ކޮވިޑް 19 އަކީ ވަރަށް ޙައްސާސް ނުރައްކާތެރި ބައްޔެކެވެ. އެ ފެތުރިއްޖެ ނަމަ ތަނެއް ގައި ހުޅު ރޯވެ އަނދާހެން އަނދައި ހުލިވާނެއެވެ. ވީމާ ޤައުމު ސަލާމަތް ކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދާށެވެ. ގެއަށް ވަދެ ތިބޭށެވެ. ބުރު ޖަހަން ނުދާށެވެ. ދުޢާ ކުރާށެވެ. ކަމާބެހޭ އިދާރާތަކާއި ޑޮކްޓަރުންނާއި ޞިއްޙި މާހިރުންގެ ބަސް ޤަބޫލު ކުރާށެވެ. މާތް ﷲ ދިވެހި ޤައުމާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާށިއެވެ. އާމީން.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
Advertisement
25 މާޗް 2020