އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިހް, ފާޠިމަތު ޖަމީލްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ

ރައީސް ޞާލިހް, ފާޠިމަތު ޖަމީލްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ގަލޮޅު މޫނިމާގެ ފާޠިމަތު ޖަމީލް އަވަހާރަވުމާގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އަލްމަރްޙޫމާ ފާޠިމަތު ޖަމީލުގެ އެއްބަނޑުއެއްބަފާ ބޭބެ އަލްފާޟިލް ޢަބްދުﷲ ޖަމީލާ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ޢާއިލާއަށް މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢަބްދުﷲ ޖަމީލަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްޙޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، މި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ފާޠިމަތު ޖަމީލް އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް، މިއަދު މެންދުރެއްހާއިރު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކި 80 އަހަރެވެ.

ފާޠިމަތު ޖަމީލް ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ 26 ޖޫން 1955ގައި މަދްރަސަތުލް ޞަލާޙިއްޔާގެ މުދައްރިސާކަމުގެ މަގާމުންނެވެ. 7 ޖަނަވަރީ 1958ގައި އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 1981 ވަނަ އަހަރުއެވެ. އަންހެނުންގެ ޤައުމީ ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އެކަމަނާ ހަމަޖެއްސެވީ 16 އޭޕްރީލް 1981 ގައެވެ. އޭގެ ފަހުން 1994 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު މަގާމުތަކުގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގެ އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އެގޮތުން އޮފީސް ފޮރ ވިމެންސް އެފެއާޒްގެ ޑިރެކްޓަރ ކަމުގެ މަގާމުގަޔާއި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުގަޔާއި، މިނިސްޓަރ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ނާއިބުކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ޚިދުމަތްތައް ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހެއެވެ.

އަލްމަރްޙޫމާ ފާޠިމަތު ޖަމީލަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރެއްވި މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

 

އަލްމަރުޙޫމާ ފާޠިމަތު ޖަމީލަށް ލިބިވަޑައިގަތީ 4 ބޭފުޅުންނެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން 3 ބޭފުޅުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު