އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިތްކުރީގަ ތިހުރި ރޫތައް ފިލުވާލަން ބޭނުންތަ؟

ނިތްކުރީގަ ތިހުރި ރޫތައް ފިލުވާލަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ގިނަ މީހުންނަށް ހިވާގޮތުގައި ނިތްކުރިއަށް ރޫ އަރަނީ އުމުރުން ދުވަސްވުމުންނެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. ނިތްކުރިއަށް ރޫ އަރާތީ ރޫތައް ފިލުވަން އަގު ބޮޑެތިހާ އެއްޗެހި މޫނުގައި އުނގުޅާ، ފޭޝަލް ހަދަން ޕާލަރުތަކަށްދާ ޒުވާނުންވެސް މަދެއް ނޫނެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ނިތް ކުރިއަށް ރޫ އަރާ ކިތަންމެ ސަބަބެއް އެބަހުއްޓެވެ. އޭގެ ތެރެއިން ސަބަބަކީ އުމުރުން ދުވަސްވުން ކަމުގައިވިޔަސް، އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބިިގެންވެސް ނިތް ކުރިއަށް ރޫ އަރަން ފަށާނެ ކަމަށް ސިއްޙީ މާހިރުން ބުނެފައިވެއެވެ.

މީގެއިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަދުން ފެން ބުއިމުގެ އިތުރުން ކެއިން ބުއިމުގައި ސަމާލުކަން ނުބެހެއްޓުމާއި، ހަމަ ނިދި ނުލިބުމުގެ އިތުރުން ކަންކަމާއި މާބޮޑަށް ފިކުރު ބޮޑުވުމުން ވެސް ނިތްކުރިއަށް ރޫ ގިނަވެއެވެ.

ރޫތައް ފިލުވާލުމަށް ކުރެވޭނެ އެންމެ ފަސޭހަ ކަމަކީ މިކަންކަމަށް ސަމާލުކަން ބެހެއްޓުމާއި ގިނައިން ފެން ބުއިން ކަމުގައި ސިއްޙީ މާހިރުން ވެސް އެއްބަސްވެއެވެ. މީގެއިތުރުން ޤަވާއިދުން ކަސްރަތު ކުރުމަށާއި ކެއިންބުއިމާއި ނިދުމުގައި ސަމާލުކަން ބެހެއްޓުމަށް ވެސް އެމީހުން އިރުޝާދު ދެއްވައެވެ.

ނަމަވެސް ނިތްކުރީގައި ހުންނަ ރޫތައް ފިލުވާލުމަށް މީގެ އިތުރުންވެސް އެއްވެސް ކަމެއް ކުރަން ބޭނުންވާނަމަ، ހަމުގެ ތަޖުރިބާކާރުން މިވަނީ ގޭގައި ފަސޭހައިން ބޭނުން ކުރެވިދާނެ އެއްޗެހިތަކެއް ވެސް ކިޔައިދީފައެވެ.

އޭގެ ތެރެއިން އެކައްޗަކީ އެލޯވެރާ ޖެލް އެވެ. އެލޯވޭރާ ފަތުން ނެރޭ މިޖެލް އަކީ ހަންގަނޑު ރީތިކޮށްދީ، ހަންގަނޑަށް ބޭނުންވާ މިނެރަލްތައް ވެސް ލިއްބައިދޭ އެއްޗެއްކަމަށް ކަމާއިބެހޭ ތަޖުރިބާކާރުން ބުނެއެވެ.

އެލޯވޭރާ ޖެލްގެ އިތުރުން މޫނުގައި ކޮފީ މާސްކު އެޅުމުން ވެސް ރޫތައް ފިލުވާލަދީ، ހަންގަނޑުގައި ހުންނަ ޒުވާންކަން އަލުން އަނބުރާ ގެނެސްދެއެވެ. މިއީ މޫނުގައި ހުންނަ ރޫތައް ފިލުވާލުމުގެ އިތުރުން، މޫނުމަތީގައި ބިހި ނެގުމާއި، ކަޅު ލައްތަށް ފިލުވާލަ ދިނުމަށް ވެސް އެހީތެރިވެދޭ މާސްކެކެވެ.

ކޮފީ މާސްކު ތައްޔާރު ކުރެވޭ އެއް ގޮތަކީ:

އެންމެ ފުރަތަމަ ކުކުޅުބިހެއްގެ ހުދުބަޔާއި ގޮބޮޅި ވަކި ކޮށްލާށެވެ. ބިހުގެ ހުދުބައި ރަނގަޅަށް ގިރާލުމަށްފަހު ސައިސަމްސަލެއްގެ 4 ބައިކުޅަ އެއްބައި ކޮފީ އޭގެ ތެރެއަށް އަޅާ އަނެއްކާވެސް ގިރާލާށެވެ. އެއަށްފަހު ރީތިކޮށް މޫނު ދޮވެ ހިއްކާލުމަށްފަހު، ތައްޔާރުކުރި ކޮފީ މާސްކް މޫނުގައި މަޑުމަޑުން ހާކާލާށެވެ. ގާރްގަނޑަކަށް 20 މިނެޓާއި 30 މިނެޓާއި ދެމެދިު މާސްކު އަޅައިގެން ހުރުމަށްފަހު، މަޑުމަޑުން މޫނުން އެމާސްކް ނައްޓާލާށެވެ. ހަފްތާއަކު މަދުވެގެން ދެ ފަހަރު މިމާސްކު އެޅުމަށް މާހިރުން ލަފާ ދެއްވައެވެ.

ކޮފީ މާސްކްގެ އިތުރުން، ނިތްކުރިން ރޫ ފިލުވާލާ، މޫނުމަތި އުޖާލާ ކޮށްލަން ބޭނުން ކުރެވިދާނެ އަނެއް އެއްޗަކީ ލުނބޮލާއި މާމުއިއެވެ. 

މިކަމަށްޓަކައި އެންމެ ފުރަތަމަ ލުނބޯހުތް ކޮޅަކާއި މާމުއި ކޮޅެއް އެއްކޮށްލާށެވެ. އެއަށްފަހު ރީތިކޮށް މޫނުދޮވެގެން އައިސް، ތައްޔާރުކުރި ލުނބޯހުތާއި މާމުއިކޮޅު މޫނުގައި އެއްކޮށް އުނގުޅާލާށެވެ. ފަސް މިނެޓު ވަންދެން މޫނުގައި ރަނގަޅަށް އެތަކެތި އުނގުޅަންވާނެއެވެ. އެއަށްފަހު 15 މިނެޓު ވަންދެން ބެެހެއްޓުމަށްފަހު މޫނު ދޮވެލާށެވެ. މިފަދައިން ހަފްތާއަކު ހަތަރު ދުވަހު މޫނުގައި ލުނބޯހުތާއި މާމުއި ހޭކުމަށް ކަމާއިބެހޭ މާހިރުން އިރުޝާދު ދެއްވައެވެ.

މިއީ ގޭގައި ތިބެގެންވެސް، ފަސޭހަކަމާއެކު ކުރެވިދާނެ ކަންކަމެވެ. ތިމާގެ ރީތިކަމަކީ އެހެން މީހަކަށް ދެއްކުމަށް ކުރާކަމަކަށް ނުވި ކަމުގައިވިޔަސް، އަމިއްލަ ހަށިގަނޑު ބެލެހެއްޓުމަކީ ކޮންމެ މީހަކުވެސް ކުރުން ރަނގަޅު ކަމެކެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ