އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިއަދަބުތަކުގަ ހިފަހައްޓައިގެން ކުރާ ދުޢާ ﷲ ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ: ޑރ. އިޔާޟް

މިއަދަބުތަކުގަ ހިފަހައްޓައިގެން ކުރާ ދުޢާ ﷲ ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 13 ސިކުންތު

އާދެ! މިއަދު އަޅުގަނޑު ގަސްތުކުރަނީ ތިބޭފުޅުންނަށް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޘް ބަސްފުޅުތަކުގެ ތެރެއިން ހަދީޘް ބަސްފުޅެއް ޝަރަހަކޮށްދިނުމަށް.

ނުޢުމާން ބިން ބަޝީރު ރަޟިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެން އަންނަނީ ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއޭ.  "ހަމަކަށަވަރުން ދުޢާކުރުން އެއީއޭ އަޅުކަމަކީ." މިހެން ހަދީޘްކުރެއްވުމަށްފަހުގައި ސޫރަލުން ޣާފިރުގެ ފަސްދޮޅަސްވަނަ އާޔަތް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ތިލާވަތު ކުރައްވަނީ. އެއާޔަތުގައި ﷲ ވަހީކުރައްވަނީ –"ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހު ވަހީކުރެއްވިއޭ "ތިޔަބައިމީހުން ބޭނުންކަމަކަށް ތިމަންﷲ އަށް އެދި ދަންނަވާށޭ! ތިމަން ﷲ ތިޔަބައިމީހުންގެ ދުޢާ އިޖާބަކޮށްދެއްވާނަމޭ. ހަމަކަށަވަރުން ތިމަން ﷲ އަށް އަޅުކަން ކުރުމަށް ބޮޑާވެގަތްފި މީހުން ނިކަމެތިވެގެންވާ ހާލުގައި ނަރަކައަށް ވަންނާނެކަން ކަށަވަރޭ." 

 ލޮބުވެތި މުސްލިމު އަޚުން. މިހަދީޘްގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްވަނީ އަޅުގަނޑުމެންނަށް ގިނަގުނަ ފައިދާތަކެއް ބަޔާންކޮށްދެއްވާފައި.  

ފުރަތަމަ ކަމަކީ ދުޢާކުރުމުގެ މަތިވެރިކަން. ދުޢާކުރުމަކީ އެއީ އަޅުކަމުގެ ތެރެއިން އެންމެ މަތިވެރި އަދި ﷲސުބްޙާނަހޫ ވަތަޢާލާ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުކަން. ދުޢާކުރާއިރުގައި އަޅުން އެމީހުންގެ ނިކަމެތިކަން ފާޅުކޮށް އަދި އެބައިމީހުންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ބޭނުންވެފައިވާކަން އަދި އެބައިމީހުންގެ ހިތުގައިވާ ކިބުރުވެރިކަމެއް ވަނީނަމަ އެކަމެއް ފިލުވާލާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް މަދަދަށް އެދި ދަންނަވަނީ. އެހެންވީމާ ވަރަށް މަތިވެރިކަމެއް އެއީ ދުޢާކުރުން.  

ދެވަނަ ކަމަކީ ޚާއްސަގޮތެއްގައި ރަމަޟާން މަހުގައި ދުޢާކުރުން އެއީ އިތުރަށް އޭގެ މަތިވެރިކަން ބޮޑުވެގެންދާކަމެއް. ސަބަބަކީ ރަމަޟާންމަހު ދުޢާކުރުމުގައި ދެކަމެއް އެކުލެވިގެންވޭ. އެއީ މިވަގުތުގެ މާތްކަން، ރަމަޟާންމަހުގެ މިވަގުތަކީ މިއީ މާތްވެގެންވާ ވަގުތެއް. ހަމައެފަދައިން ރޯދަވެރިޔާ ރޯދައަށް ހުންނަ ވަގުތަކީވެސް އެއީ ވަރަށް މަތިވެރިވެގެންވާ ވަގުތެއް.  

އަބޫ ހުރައިރާ ރަޟިއަﷲ ތަޢާލާއަންހުގެ ކިބައިން ރިވާވެގެންވޭ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއޭ. "ތިންމީހެއްގެ ދުޢާ ﷲ ސުބްޙާނަހޫ ވަތަޢާލާ އިޖާބަނުކުރައްވާ ރައްދެއް ނުކުރައްވާނެއެވެ.  އަދުލުވެރި އިމާމް ނުވަތަ ޤައުމެއްގެ ވެރިއެއް، ރައްޔިތުންނާމެދުގައި އަދުލު އިންސާފުންކަންތައްކުރާ ހަމަހަމަކޮށް ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ވަކި ނަސަބަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނާ ދޭތެރޭގައި ހަމަހަމަކޮށް އިންސާފުން ކަންތައް ކުރަމުންގެންދާ ވެރިޔާ.  

އަދި ރޯދަވެރިޔާ ރޯދަވިއްލުމަށްދާންދެން. އަދި އަނިޔާ ލިބިގެންވާ މީހާ އޭނާގެ ދުޢާ. ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން. ވަރަށް މަތިވެރިކަމެއް. ރޯދަވެރިޔާ ރޯދަ ވިއްލުމަށްދާންދެން އޭނާގެ ދުޢާ ﷲ އިޖާބަކުރައްވާނެކަން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް މިވަނީ ބަޔާންކޮށްދެއްވާފައި.  

އާދެ.! ދުޢާކުރުމުގެ އަދަބުތަކެއްވޭ. އޭގެ ތެރެއިން އެންމެ ފުރަތަމަ އަދަބެއްގެ ގޮތުގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވަނީ އިޚްލާސްތެރިވުން. ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ "ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދީން ޚާލިސްކުރާ ހާލުގައި އެއިލާހަށް އަޅުކަން ކުރާށޭ." އެހެންވީމާ ﷲ އަށް އިޚްލާސްތެރިކަމާއެކުގައި އެދި ދަންނަވަނާ ދެންނެވުމެއްކަމުގައި ވާންޖެހޭނެ.  

ދެވަނަ ކަމަކީ ކާތަކެއްޗަކީ އަދި ބޯތަކެއްޗަކީ އަދި ލާފޭރަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަލާލްކުރެއްވި އެއްޗެއްކަމުގައި ވާންޖެހޭނެ. ﷲ ހަރާމްކުރެއްވި ތަކެތި ކައިގެން ﷲ ހަރާމްކުރެއްވި ތަކެތި ބޮއެގެން ﷲ ހަރާމްކުރެއްވި ފޭރާންލައިގެން ކުރާ ދުޢާ ﷲ އިޖާބައެއް ނުކުރައްވާނެ.  

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ހަށިގަނޑަށް އެތެރެކުރެވޭ ކާއެއްޗެއްސަކީ އަދި ބޯއެއްޗެއްސަކީ އަދި އަޅުގަނޑުމެންލާ އުޅޭ ފޭރާމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަލާލްކުރެއްވި އެއްޗެއްކަމުގައި ހަދަން. އޭރުން އަޅުގަނޑުމެން ކުރާ ދުޢާ ﷲ އިޖާބަކުރައްވާނެ.  

ތިންވަނަ ކަމަކީ ދުޢާކުރަން ފެށުމުގެ ކުރިން ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ހަމްދު ޘަނާ ކިޔައި އަދި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ މައްޗަށް ސަލަވާތް ކިޔެވުން.  

ހަތަރުވަނަ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައް މެދުވެރިކޮށް ﷲ އަށް ދެންނެވުން. މިސާލަކަށް އިބަ ﷲ އީ ގިނަގިނައިން އަފޫކުރައްވަން ލޯބިކުރައްވާ އިލާހޭ މިއަޅާގެ ފާފަ ފުއްސަވާ ދެއްވާފަންދޭ. މިފަދައިން.  

ފަސްވަނަ ކަމެއްގެ ގޮތުގައި އިލްމުވެރިން ފާހަގަކުރައްވާފައިވަނީ ދުޢާކުރުމަށްޓަކައި ވުޟޫކޮށް ޤިބުލައަށް ކުރިމަތިލުން. އާދެ! ކޮންމެހެން ލާޒިމެއްނޫން ކޮންމެ ފަހަރަކު ދުޢާކުރާއިރުގައި ޤިބްލައަށް ކުރިމަތިލުން ނުވަތަ ވުޟޫކޮށްގެން ހުރުން. އެހެންނަމަވެސް ވަރަށްބޮޑަށް އެދެވިގެންވާ ރިވެތި، ދުޢާކުރުމުގެ ރިވެތި އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް އެކަމަކީ.  

ހަވަނަ ކަމަކީ ދުޢާ އިޖާބަކުރައްވާ ވަގުތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުން. މިސާލަކަށް ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުނީމާ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ފައިބާ ވަޑައިގަންނަވައޭ. އަދި ވަހީކުރައްވައޭ ކާކުހޭ ކަމަކަށް އެދި ތިމަން ﷲގެ ހަޟްރަތުގައި ދަންނަވަނީ. އެކަމެއް އެމީހަކަށް ހިންމަވައިދެއްވާނަމޭ. ކާކުހޭ ތިމަން ﷲ އަށް ދުޢާކުރަނީ. އެމީހެއްގެ  ދުޢާ އިޖާބަކޮށްދެއްވާނަމޭ. ކާކުހޭ ފާފަފުއްސެވުން އެދި ތިމަންﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަނީ. އެމީހެއްގެ ފާފަ ތިމަން ﷲ ފުއްސަވާ ދެއްވާނަމޭ. އެހެންވީމާ އެވަގުތުގެ ބޭނުން ފުރިހަމަގޮތުގައި ހިފަންޖެހޭ.  

ހަމައެގޮތަށް އަޞްރު ވަގުތު. ހުކުރުދުވަހުގެ އަޞްރު ވަގުތު ނުވަތަ ހުކުރުދުވަހުގެ ހަވީރު އިރުއޮއްސުމާއި ދޭތެރޭގައި މިއޮންނަ ވަގުތު އެވަގުތަކީވެސް އެއީ ދުޢާ އިޖާބަކުރައްވާނެކަން ވާރިދުވެގެން އައިސްފައިވާ ވަގުތެއް. އެހެންވީމާ އެހެއްވީމާ އެވަގުތުގެ ބޭނުންވެސް ދުޢާކުރުމުގައި އޮންނަ ވަގުތެއް. ހަމައެގޮތަށް ސަޖިދައިގާ އޮންނަ ވަގުތު. އެއީ ﷲ އާ އަޅާއާ ދޭތެރޭގައި އެންމެ ގާތްވާނެ ވަގުތު. އެވަގުތުގައި ދުޢާކުރަން ގިނަކުރަންވާނެ. ހަމައެގޮތަށް ރޯދައަށް ހުންނަ ވަގުތު ދުޢާކުރުން، ހަމައެގޮތަށް ދަތުރު މަތީގައި އުޅޭއިރުގައި ދުޢާކުރުން. މިއީ ދުޢާ އިޖާބަކުރައްވާނެކަން ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ފަރާތްޕުޅުން ވާރިދުވެފައިވާ ތަންތަން. އެހެންވީމާ އެކަހަލަ ވަގުތުގެ ތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައިގެން އެކަހަލަ ވަގުތުތަކުގައި ގިނަ ގިނައިން ﷲގެ ހަޟްރަތުގައި ދުޢާކުރަންޖެހޭނެ.

ހަމައެގޮތަށް ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭކަމެއް އެއީ ދެއަތް އުފުއްލާ ދުޢާކުރުން. ދުޢާކުރާއިރުގައި ދެއަތް އުފުއްލައިގެން ﷲގެ ހަޟްރަތަށް ދުޢާކުރުން. އެހެންނަމަވެސް ފަރުޟުނަމާދަށްފަހު ދުޢާކުރާ އިރުގައި އަދި ހުކުރު ހުތުބާގައި އިމާމްމީހާ ދުޢާކުރީމާ އާމީން ކިޔާ ގަޑީގައި ނުވަތަ އިމާމް މީހާވެސް ދުޢާކުރާއިރުގައި ދެއަތް މައްޗަށް ނެގުމެއްނުވޭ. އެއީ އިސްތިސްނާ ވަގުތުތަކެއް.  

އަނެއްކަމަކީ ތަކުރާރުކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދެންނެވުން. މިވެނިކަމެއް މިއަޅާއަށް ހިންމަވައި ދެއްވުން އެދި ތަކުރާރުކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަޟްރަތަށް ދުޢާކުރުން. އަނެއްކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހަރާމްކުރެއްވި ކަމަކަށް އެދި ދުޢާ ނުކުރުން. މިސާލަކަށް ރަހިމުގެ ގުޅުން ކަނޑާލަން. ނުވަތަ މީހަކަށް އަނިޔާވެރިވާން އެފަދަ ދުޢާއެއްނޫން. އެނޫންގޮތްގޮތަށް ދުޢާކޮށްފިކަމުގައިވާނަމަ ﷲ އެދުޢާއެއް އިޖާބަކުރައްވާނެ.  

އަނެއްކަމަކީ ﷲ ސުބްހާނަހޫ ވަތަޢާލާ ދުޢާ އިޖާބަ ކުރައްވާނެކަން ޔަޤީން ކުރާހާލުގައި ދުޢާ ކުރުން. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ "ﷲ ދުޢާ އިޖާބަކުރައްވާނެ ކަން ތިޔަބައިމީހުން ޔަޤީންކުރާ ހާލުގައި އެއިލާހުގެ ހަޟްރަތަށް ދުޢާކުރާށޭ." އޭރުން ﷲ އެދުޢާ އިޖާބަކުރައްވާނެ. ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން މިދަނޑިވަޅުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވައި ﷲ ސުބްހާނަހޫ ވަތަޢާލާގެ ހަޟްރަތަށް ދުޢާކުރުން ގިނަކުރައްވާ. އަޅުގަނޑުމެންގެ ވެރިންނަކީ އަޅުގަނޑުމެންގެ ޤައުމު ސީދާ މަގުން ގެންނަންތިބި މީހުން އެއިލާހުގެ ދީނަށް ލޯބިކުރާ އެއިލާހުގެ ދީނުގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ އެއިލާހު ހަލާލްކުރެއްވި ތަކެތި ކައިބޮއެ ހަދާ ބަޔަކުކަމުގައި ލެއްވުން އެދި ދުޢާކުރައްވާށި. އާމީން 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން

- ދަރުސްގެ ވީޑިއޯ:

 

 

އާރޓިކަލް ރޭޓްކުރައްވާ


19%
ވ.ރަނގަޅު
23%
ރަނގަޅު
14%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް