އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާ ވައިރަސްއިން އަރައިގަތުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ރައީސް ޞާލިޙް ޝުކުރު އަދާކުރައްވައިފި

ކޮރޯނާ ވައިރަސްއިން އަރައިގަތުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ރައީސް ޞާލިޙް ޝުކުރު އަދާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ރާއްޖެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ވަބާއިން އަރައިގަތުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވފެސް ޝުކުރު އަދާކުރައްވައިފިއެވެ. 

ޤައުމާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ ކޯވިޑާ ދެކޮޅަށް ރާއްޖެއިން މިކުރާ މަސައްކަތުގައި، ރަޙްމަތްތެރި ޤައުމުތަކުންނާއި އެހީދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ދޭ އެހީތަކާއި އެއްބާރުލުން ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ވިޔަފާރި ކުންފުނިތަކުންނާއި ވަކިވަކި ފަރުދުން ދެއްވާ އެހީތެރިކަމަށްވެސް، ޝުކުރު ދަންނަވާ ކަމަށެވެ. 

ކޯވިޑް-19“ އާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން: 

ޚާއްޞަކޮށް ޓްރީޓޮޕް ހޮސްޕިޓަލުގެ ޙިއްޞާދާރުންނަށާއި، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް، ރިޒޯޓްތަކާއި ގެސްޓް ހައުސްތައް ދޫކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލްގެ މެނޭޖްމަންޓަށްވެސް ޝުކުރު ދަންނަވަން.

މިވަގުތުވެސް އެންމެ ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވަނީ، ކޯވިޑާ ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެ ވެވަޑައިގަންނަވާ މަތިވެރި ޤުރްބާނީ. ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، އެޗް.ޕީ.އޭއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ނޭޝަނަލް ކެޑޭޓްކޯ އާއި ސްކައުންޓުންނާއި ގާރލް ގައިޑުން އަދި ރެޑް ކްރެސެންޓާއި ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު އެ ބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުން، ކެތްތެރިކަމާއެކު ގޭގައި ތިއްބަވާ ތިއްބެވުމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށް، އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު ދެއްވުން. މި ބަލި އަޅުގަނޑުމެންގެ ތެރެއިން ނެތިކުރައްވައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އަދި އަޅުގަނޑުމެން ވޭތުކުރަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ހެޔޮ ދަރުމައާއި ޘަވާބު، އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް